twitterviber whatsapp telegramfacebookyoutube instagram
26th June 2026

ދެވަނަ ބުރުގެ އުއްމީދުތައް ބޮޑު، ދަތުރުގެ ރާސްތާ އޮތީ ކިހިނެއް؟

މުޙައްމަދު އަހުމަދު
Jun 26, 2026

ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރު މިރޭ ފެށިގެންދާއިރު މުބާރާތުގެ ފައިނަލަށް ކުރަން ޖެހޭ ދަތުރު ރާސްތާ އަންނަނީ މަޑުމަޑުން ފަހުމުވަމުންނެވެ.

48 ޓީމާއެކު އާ އޮނިގަނޑަށް ކުޅޭ ފުރަތަމަ ވޯލްޑްކަޕުގައި ޖުމްލަ 32 ޓީމެއް ދެވަނަ ބުރަށް (ނޮކްއައުޓް ބުރު) ދަތުރުކުރާނެ އެވެ. އާ ގަވައިދުތަކާއެކު މުބާރާތް ބާއްވާއިރު ތިންވަނައަށްދާ ގަދަ 8 ޓީމު ވެސް މިފަހަރުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދާނެ އެވެ.

އެ ގަދަ 8 ޓީމަށްވުމަށް ޓީމުތަކުން މަސައްކަތްކުރާނެއިރު އެމަގާމަށް ވާދަކުރާ ގައުމުތަކުގެ މެދުގައި އޮތް ފޯރި ވެސް ވަރަށް ބޮޑެވެ. އަދި އޮތް ގޮތުން ގްރޫޕް އެލްގެ އެއްވަނައިގައި އޮތް އިނގިރޭސިންނާއި ގްރޫޕް ސީގެ ތިންވަނައިގައި ނިންމާލި ސްކޮޓްލޭންޑުން މެކްސިކޯ ސިޓީގައި ކުޅޭ ގަދަ 16 ބުރުގެ މެޗަށް އޮތީ އެއް ރާސްތާ އެކެވެ.

އެހެންނަމަވެސް އޭގެ ކުރިން ގަދަ 32 ވަނަ ބުރުގެ މެޗުތަކުން އެޓީމުތައް މޮޅުވާންޖެހެ އެވެ. އެހެންނަަމަވެސް ރޭ ބްރެޒިލް އަތުން 3 - 0 ން ބަލިވެ އެންމެ ގަދަ 8 ޓީމުގެ ތެރޭގައި ސްކޮޓްލެންޑުން ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އަދި ގިނަ ކަންތައްތަކެއް ނިމިގެންދާނެ ގޮތް ނޭނގެ އެވެ. ނަތީޖާތައް ޔަގީންވެގެންދާނީ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ ހުރިހާ މެޗުތަކެއް ނިމުމުންނެވެ.

ނޮކްއައުޓް ބުރުގެ ކޮލިފިކޭޝަން މަސައްކަތްކުރާ ގޮތް:

ގްރޫޕް ސްޓޭޖު ނިމުމާއެކު 48 ޓީމުގެ ތެރެއިން ޖުމްލަ 16 ޓީމެއް މުބާރާތާ ރަސްމީކޮށް އަލްވަދާއު ކިޔާނެ އެވެ. އަދި އޭރުން ތައްޓަށް ކުރާ ވާދައިގެ އަދަދު 32 އަކަށް ވެއްޓޭނެ އެވެ. 12 ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެޓީމު ގަދަ 32 ގެ ބުރަށް ދަތުރުކުރާނެ އެވެ.

އަދި ބާކީ ޖާގަތައް ލިބިގެންދާނީ ކޮންމެ ގްރޫޕަކުން 3 ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ 8 ޓީމަކަށެވެ. އަދި ދެއެއް ނުވަތަ އެއަށްވުރެ ގިނަ ގައުމުތައް ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެނަމަ ކުރިއަށްދާނެ ޓީމެއް ކަނޑައަޅާނީ ހެޑް-ޓު-ހެޑް ރެކޯޑަށް ބަލާފަ އެވެ.

އޭރުން ވެސް އެއްވަރުވާނަމަ ގޯލު ތަފާތާއި ޖަހާފައިވާ ގޯލަށް ބެލޭނެ އެވެ. އަދި އެއަށްފަހު ވެސް ޓީމެއް ކަނޑަނޭޅިއްޖެނަމަ ބަލާނީ ފީފާ ޓީމް ކޮންޑަކްޓް ސްކޯ އަށެވެ. އެއީ ހޯދާފައިވާ ކާޑުތަކަށެވެ. އޭގެ ތެރޭގައި ރީނދޫ އަދި ރަތްކާޑު ހިމެނޭނެ އެވެ.

ހުރިހާ ގޮތަކުން ވެސް ނާކާމިޔާބުވެއްޖެނަމަ އެންމެ ފަހު ކަމަކަށް ބެލިގެންދާނީ ޖޫން މަހު ފީފާއިން އާންމުކުރި ފީފާ ރޭންކިންގ އަށެވެ. 12 ގްރޫޕުން 3 ވަނައަށްދާ 12 ޓީމުގެ ނަތީޖާތައް މި ގޮތްތަކުން ބެލިގެންދާނެ އެވެ.

ގްރޫޕްތަކާ ނަތީޖާތައް/ދަތުރުގެ ރާސްތާ:

މުބާރާތުގެ ކޯ ހޯސްޓް މެކްސިކޯއަކީ ގްރޫޕް ސްޓޭޖް ފަހަނައަޅާ މިފަހަރުގެ ވޯލްޑްކަޕުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ގައުމެވެ. އަދި މެކްސިކޯއިން ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު ގްރޫޕް އޭގެ އެއްވަނައިގަ އެވެ. މެކްސިކޯއިން ގަދަ 32 ގައި ނުކުންނާނީ ކޮންމެވެސް ގްރޫޕެއްގެ ތިންވަނަ ޓީމާ ދެކޮޅަށެވެ.

ފަހު މެޗުގައި ދެކުނު ކޮރެއާ ބަލިކޮށް ގްރޫޕް އޭގެ ދެވަނައިގައި ނޮކްއައުޓަށް ދަތުރުކުރީ ދެކުނު އެފްރިކާއިންނެވެ. އަދި ގަދަ 32 ގެ ބުރުގައި ނުކުންނަންޖެހެނީ ކެނެޑާއާ ދެކޮޅަށެވެ. އަދި މި ބައްޔާއެކު ދެކުނު ކޮރެއާ ތިންވަނައަށް ދިޔައިރު އެޓީމުން ޖެހޭނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމެންދެން މަޑުކުރާށެވެ. އަދި ގްރޫޕް ފުލަށް ދިޔަ ޗެކް ރިޕަބްލިކް ވަނީ މުބާރާތުން ކަޓާފަ އެވެ.

2 - 1 ގެ މޮޅެއް ކެނެޑާގެ މައްޗަށް ހޯދާ 7 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނައިގައި ސްވިޒަލޭންޑް ދެވަނަ ބުރަށް ދަތުރުކުރިއިރު 2 ޖުލައިގައި ވެންކޫވާގައި ތިންވަނައަށް ދިޔަ ޓީމަކާ އެޓީމު ކުޅޭނެ އެވެ. ގްރޫޕް ދެވަނައިގައި ގޯލު ތަފާތުން ނިންމާ ކެނެޑާ ދެވަނަ ބުރުގައި ދެކުނު އެފްރިކާއާ ވާދަކުރާނެ އެވެ. އަދި ދެކުނު ކޮރެއާގެ މައްޗަށް ދެކުނު އެފްރިކާއިން ހޯދި މޮޅާއެކު ގްރޫޕް ބީގެ ތިންވަނައަށް ދިޔަ ބޮސްނިއާ އެންޑް ހެޒެގޮވީނާއަށް ވަނީ ގަދަ 8 ޓީމުގެ ޖާގައެއް ޔަގީންވެފަ އެވެ.

ގްރޫޕް ސީގައި 7 ޕޮއިންޓާއި ގޯލު ތަފާތުން ފަސްފަހަރުގެ ޗެމްޕިއަން ބްރެޒިލް ދެވަނަ ބުރަށް ދަތުރުކުރިއިރު އެޓީމުން އެބުރުގައި ނުކުންނަން ޖެހޭނީ ގްރޫޕް އެފްގެ ދެވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. އަދި ބްރެޒިލަށް ވުރެ ގޯލު ތަފާތުން ދަށުގައި އޮވެ ގްރޫޕް ދެވަނައިގައި މޮރޮކޯ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

މޮރޮކޯއިން ގަދަ 32 ގައި ގްރޫޕް އެފްގެ އެއްވަނަ ހޯދާ ޓީމަކާ ދެކޮޅަށް ނުކުންނަން ޖެހޭއިރު ސްކޮޓްލެންޑްގެ ފުރުސަތު ހަނި ނަމަވެސް އެއްކޮށް ނުގެއްލެ އެވެ. 3 ވަނައިގައި 3 ޕޮއިންޓާއެކު އެޓީމު އޮތްއިރު އެޓީމު ދެވަނަ ބުރަށް ދިއުމާ ނުދިއުން ބިނާވަނީ ނަސީބުގެ މައްޗަށެވެ. މިގްރޫޕުގެ ފުލުގައި އޮތް ހައިޓީ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ގްރޫޕް ޑީއަށް ބަލާނަމަ އެއްވަނައިގައި އޮތީ އެމެރިކާ އެވެ. މުބާރާތުގެ ދެވަނަ ބުރަށް އެންމެ ފުރަތަމަ ދަތުރުކުރި ޓީމުތަކުގައި އެމެރިކާ ހިމެނުނުއިރު އެޓީމަށް އަދި ގްރޫޕް ސްޓޭޖުގައި ތުރުކީ މެޗު ބާކީ އެބައޮތެވެ. އެމެރިކާއިން ދެވަނަ ބުރުގައި ކުޅެން ޖެހޭނީ ތިންވަނަ ޓީމަކާ އެވެ.

މިރޭ ގްރޫޕް ދެވަނައަށް ކުރާ ވާދައިގައި އޮސްޓްރޭލިއާ އަދި ޕެރެގުއޭ ނުކުންނައިރު މިމެޗުން ޕެރެގުއޭ ދެވަނަ ހޯދަން ބޭނުންނަމަ މޮޅުވާން ޖެހެ އެވެ. އަދި އޮސްޓްރޭލިއާއަށް މެޗު އެއްވަރުކޮށްލައިގެން ވެސް ގޯލު ތަފާތުން ދެވަނަ ލިބޭނެ އެވެ. މިގްރޫޕުގެ ދެވަނަ ޓީމު ދެވަނަ ބުރުގައި ނުކުންނާނީ ގްރޫޕް ޖީގެ ދެވަނަ ޓީމާ ދެކޮޅަށެވެ.

މެޗު އެއްވަރުވެއްޖެނަމަ ތިންވަނައިގައި ޕެރެގުއޭއިން 4 ޕޮއިންޓާއެކު ގަދަ 8ގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑެވެ. އެހެންނަމަވެސް ބަލިވެއްޖެނަމަ ކެޓުމުގެ ބިރު ވަރަށް ބޮޑު ވާނެ އެވެ. ޕެރެގުއޭ އަދި އޮސްޓްރޭލިއާ އަތުން ބަލިވި ތުރުކީއަށް މިހާރުވަނީ މުބާރާތް ނިމިފަ އެވެ.

ޖަރުމަނު ގްރޫޕްގެ ފަހު މެޗުތައް މިރޭ ފަށާއިރު ޖަރުމަނު މިހާރު ވަނީ ގްރޫޕް އީގެ އެއްވަނަ ހޯދާފަ އެވެ. އައިވަރީ ކޯސްޓުން މިރޭ ކުރަސާއޯއާ އެއްވަރުކޮށްލައިގެން ވެސް ދެވަނައިގައި ދެވަނަ ބުރަށް ދާނެ އެވެ. އަދި ނުކުންނަން ޖެހޭނީ ގްރޫޕް އެލްގެ ދެވަނަ ޓީމާ ދެކޮޅަށެވެ.

އެކުއެޑޯއަށް ބަލާއިރު އެޓީމަށް ދެވަނަ ލިބޭނީ މިރޭ ޖަރުމަނު ބަލިކޮށް އަދި ކުރަސާއޯ އަތުން އައިވަރީ ކޯސްޓް ބަލިވެގެންނެވެ. އެހެންނަމަވެސް ޖަރުމަނު ބަލިކޮށްގެން ތިންވަނައިގައި ދިއުމުގެ ފުރުސަތު ވެސް ބޮޑެވެ. އެހެންކަމުން މިރޭ މޮޅުވުން އެކުއެޑޯއަށް މަޖުބޫރެވެ. އަނެއްކޮޅުން ކުރަސާއޯއަށް މިރޭ މޮޅުވެ އަދި ޖަރުމަނާ އެކުއެޑޯ އެއްވަރު ނުވަތަ އެކުއެޑޯ ބަލިވެއްޖެނަމަ ގްރޫޕުގެ ދެވަނަ ލިބޭނެ އެވެ.

މިގްރޫޕް ހުރިހާ ޓީމަކަށް ވެސް ފުރުސަތު އޮތްއިރު މިއީ އެންމެ ފޯރިގަދަ އެއް ގްރޫޕެވެ. އެއީ މިރޭ އެކުއެޑޯ އަދި ކުރަސާއޯ މޮޅުވެއްޖެނަމަ އައިވަރީ ކޯސްޓް ކަޓާނެ އެވެ. އަދި ދެވަނައިގައި އެކުއެޑޯއާއި ތިންވަނައިގައި ކުރަސާއޯ ދެވަނަ ބުރަށްދާނެ އެވެ.

ގްރޫޕް އެފްގައި ނެދަލޭންޑްސް މިރޭ ކަޓާފައި އޮތް ޓީއުނީޝިއާއަށް ދެކޮޅަށް ނުކުންނައިރު އެޓީމަށް ވަނީ އެއްވަނަ ނޫނީ ދެވަނަ ޔަގީންވެފަ އެވެ. ޖަޕާނުން އޮޓޯ ކޮލިފިކޭޝަނަކަށް ސްވިޑަނާ ދެކޮޅަށް މިރޭ މަދުވެގެން ޕޮއިންޓެއް ބޭނުންވެ އެވެ. މި ގްރޫޕުގެ އެއްވަނަ ނުކުންނަން ޖެހޭނީ ގަދަ 32 ގައި މޮރޮކޯއާ ދެކޮޅަށެވެ. އަދި ދެވަނަ ނުކުންނާނީ ބްރެޒިލާ ދެކޮޅަށެވެ.

މިގްރޫޕުގެ ގަދަ 3 ޓީމަށް ޖަޕާނާއި ސްވިޑަން އަދި ނެދަލޭންޑްސް ވެސް ވާދަކުރާއިރު ނަތީޖާ އެނގޭނީ މިރޭގެ މެޗުތަކަށްފަހު އެވެ. އަދި ދެ ބަލިވެފަ އޮތުމުން ޓިއުނީޝިއާ އިތުރަށް ކުރިއަކަށް ދަތުރު ނުކުރާނެ އެވެ.

ގްރޫޕް ޖީއަށް ބަލާއިރު އެއްވަނައިގައި އޮތީ މިސްރެވެ. އަދި ފަހު މެޗުގައި އިރާނުގެ މައްޗަށް ކުރި ހޯދައިފިނަމަ އެޓީމު ވެސް ދެވަނަ ބުރަށްދާނެ އެވެ. އެމެޗުން ބަލިވި ނަމަވެސް ބެލްޖިއަމަށް ނިއުޒީލެންޑް ބަލިނުކުރެވިއްޖެނަމަ އެޓީމަށް އޮޓޯ ކޮލިފިކޭޝަނެއް ލިބޭނެ އެވެ. އަދި ތިންވަނައަށް ވެއްޓުނަސް ދެވަނަ ބުރުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.

ފަހު މެޗުގައި އިރާނުން މިސްރު ބަލިކޮށްފިނަމަ އިރާނު ވެސް ދެވަނަ ބުރަށްދާނެ އެވެ. އަދި ނިއުޒީލެންޑްގެ މައްޗަށް ކުރިހޯދައިގެން ބެލްޖިއަމަށް ވެސް ދިއުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ބެލްޖިއަމާ އިރާނު މޮޅުވެއްޖެނަމަ ދެޓީމު އެއްވަނައިގައި އެއްވަރު ވާނެ އެވެ. މެޗު އެއްވަރުވެއްޖެނަމަ ދެޓީމު ދެވަނައިގައި އެއްވަރުވާނެ އެވެ. އެއްވެސް ޓީމެއް ބަލިވެއްޖެނަމަ ކޮލިފައި ނުވާނެ އެވެ. އަދި މިގްރޫޕުގައި ވެސް ކޮންމެ ޓީމަކަށް ކޮލިފައިވުމުގެ އަމިއްލަ ބާރު އެބައޮތެވެ.

ގްރޫޕް އެޗްގައި ފަހު މެޗުން ސްޕެއިން ބަލިނުވެއްޖެނަމަ އެއްވަނަ ނޫނީ ދެވަނައިގައި ދެވަނަ ބުރަށް ކޮލިފައިވާނެ އެވެ. ބަލިވި ނަމަވެސް ފުރުސަތު އެބައޮތެވެ. އެހެންނަމަވެސް އޭރުން ކޭޕް ވާޑުން ސައުދީ ބަލިކުރަން ޖެހޭނެ އެވެ. އޭރުން ތިންވަނައިގައި ދިއުމުގެ ފުުރުސަތު ސްޕެއިނަށް އެބައޮތެވެ. ސްޕެއިން ބަލިކޮށްފިނަމަ އުރުގުއޭއަށް ކޮލިފައިން ޔަގީންވާނެ އެވެ. ނަމަވެސް އެއްވަނަ ނޫނީ ދެވަނަ ލިބޭނީ ކޭޕް ވާޑު މެޗު އެއްވަރުވެގެންނެވެ.

އަދި ކޭޕް ވާޑަށް ބަލާނަމަ އެޓީމަށް ސައުދީ ބަލިކޮށްގެން ދެވަނަ ބުރު އެއްވަނަ ނޫނީ ދެވަނައިގައި ޔަގީންވާނެ އެވެ. އަދި އެއްވަރުވިއަސް ސްޕެއިން މޮޅުވާ ހިނދަކު ކޭޕް ވާޑަށް ދެވަނަ ބުރު ޔަގީންވާނެ އެވެ. މިގްރޫޕް ދެވަނަ ގަދަ 32 ގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަން ޖެހޭނެ އެވެ. އަދި މިގްރޫޕްގައި އުރުގުއޭއާއި ކޭޕް ވާޑް ބަލިވެއްޖެނަމަ ކެޓުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސައުދީއަށް އަދިވެސް ތިންވަނައިގައި ނުވަތަ ދެވަނައިގައި ދިއުމުގެ ފުރުސަތު އެބައޮތެވެ.

ގްރޫޕް އައި ގައި ފްރާންސާ ނޯވޭ އެއްވަނައަށް ވާދަކުރާއިރު ދެޓީމު ވެސް ވަނީ ކޮލިފައިވެފަ އެވެ. ފްރާންސަށް ނޯވޭއާ އެއްވަރުކޮށްލައިގެން ވެސް އެއްވަނަ ލިބޭއިރު އެއްވަނަ ހޯދުމަށް ނޯވޭއިން މޮޅުވާން ޖެހެ އެވެ. އެއްވަނަ ޓިމުން ތިންވަނަ ޓީމަކާ ދެވަނަ ބުރުގައި ކުޅޭއިރު ދެވަނަ ޓީމު ކުޅޭނީ ގްރޫޕް އީގެ ދެވަނައާ އެވެ.

އަދި ތިންވަނައަށް ދާ ޓީމު ޔަގީންވެގެންދާނީ ސެނެގާލާއި އިރާގު މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. އަދި ކޮންމެ ޓީމެއް މޮޅުވިނަމަވެސް ދިއުމުގެ ފުރުސަތު ކުޑަ އެވެ. އެއީ 3 ޕޮއިންޓާއި އެހާ ދަށް ގޯލު ތަފާތަކުން ދިއުމަށް އޮތް މަގު ހަނިވުމުންނެވެ.

ގްރޫޕް ޖޭގައި އެއްވަނަ ޔަގީންކޮށް އާޖެންޓީނާއިން ދެވަނަ ބުރުގައި ނުކުންނާނީ ގްރޫޕް އެޗުގެ ދެވަނައާ ދެކޮޅަށެވެ. ދެވަނައިގައި އޮސްޓްރިއާއާ އަލްޖީރިއާ އެއްވަރުވެފައި އޮތްއިރު ގޯލު ފަރަގުން ކުރި ހޯދަނީ އޮސްޓްރިއާ އެވެ. ފަހު މެޗުގައި މި ދެޓީމު ނުކުންނައިރު ދެވަނަ ހޯދަން އޮސްޓްރިއާ ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެހެންނަމަވެސް ދެވަނަ ހޯދުމަށް އަލްޖީރިއާއަށް 3 ޕޮއިންޓް މަޖުބޫރުވާނެ އެވެ. ބަލިވި ނަމަވެސް ތިންވަނައިގައި ދިއުމަށް އަލްޖީރިއާއަށް އޮތް ފުރުސަތު ބޮޑެވެ.

މިގްރޫޕުގެ ދެވަނައަށް ދާ ޓީމަކުން ނުކުންނާނީ ގްރޫޕް އެޗުގެ އެއްވަނަ ޓީމަކާ ދެކޮޅަށެވެ. އަދި މިގްރޫޕްގެ ފުލުގައި އޮތް ޖޯޑަންއަށް މުބާރާތުގައި ކުރިއަށް ދިއުމުގެ މަގު ވަނީ ބަންދުވެފަ އެވެ. ބާކީ އޮތް ދެގްރޫޕަށް ބަލާއިރު ގްރޫޕް ކޭގައި ހުރިހާ ޓީމަކަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ.

ކޮލަމްބިއާއަށް އެއްވަނަ ނޫނީ ދެވަނަ ޔަގީންވެފައިވާއިރު ޕޯޗުގަލްއާ އެއްވަރުކޮށްލައިގެން ވެސް އެއްވަނަ ލިބޭނެ އެވެ. އެއްވަނަ ހޯދުމަށް ޕޯޗުގަލަށް މޮޅެއް މަޖުބޫރުވާއިރު އެއްވަރުވެއްޖެނަމަ ދެވަނަ ލިބޭނެ އެވެ. އަދި ބަލިވެއްޖެނަމަ ވެސް ގޯލު ތަފާތުން ދެވަނައިގެ ފުރުސަތު ބޮޑެވެ. ޑީއާރު ކޮންގޯއަށް ދެވަނަ ހޯދުމުގެ ފުރުސަތު އޮތީ އުޒްބެކިސްތާނު ބަލިކޮށް ގޯލު ފަރަގު ބޮޑުކޮށް ގޯލު ތަފާތުން ޕޯޗުގަލްގެ މައްޗަށް ކުރިހޯދައިގެންނެވެ.

އުޒްބެކިސްތާނަށް ބަލާއިރު ދެވަނަ ބުރުގެ ވަރަށް ހަނި ފުރުސަތެއް އެޓީމަށް އެބައޮތެވެ. ކޮންގޯ އަތުން މޮޅުވާން މަޖުބޫރުއިރު މޮޅުވި ނަމަވެސް ތިން ޕޮއިންޓާ ގޯލު ތަފާތުން 7 ގޯލު ދަށުގައި އޮވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ހަންޏެވެ.

ގްރޫޕް އެލްގެ އެއްވަނައިގައި މިވަގުތު އޮތީ އިންގްލެންޑެވެ. ގޯލު ތަފާތުން ގާނާއަށްވުރެ ކުރީގައި އޮތްއިރު މިގްރޫޕުގައި ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައިވަނީ ހަމައެކަނި ޕެނަމާއަށެވެ. ދެން އޮތް ކޮންމެ ޓީމަކަށް ވެސް ފުރުސަތު އޮތްއިރު ނަތީޖާތައް ނުކުންނަ ގޮތުން ދެވަނަ ބުރުގެ ފުރުސަތު ގެއްލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އެހެންކަމުން މިފަހަރުގެ ވޯލްޑްކަޕުގެ ފޯރި ފަހު ރައުންޑަށް ގަދަވެފައިވާއިރު މިފަހަރުގެ ވޯލްޑްކަޕުގައި އަންނަނީ ހައިރާންކުރުވަނިވި ނަތީޖާތައް ވެސް ފެންނަމުންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު ދުވަހު މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެކަމަށް ބެލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355