ފީފާ ވޯލްޑްކަޕުގެ ގްރޫޕް އެފްގެ ފަހު މެޗުތަކުން މިރޭ ނެދަލޭންޑްސް މޮޅުވެ އެއްވަނަ ހޯދިއިރު ޖަޕާނާއި އެއްވަރުކޮށް ސްވިޑަން ވެސް ދެވަނަ ބުރުގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންކޮށްފި އެވެ.
މިރޭ އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ޖަޕާނާއި ސްވިޑަން ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1 - 1 ން ދެޓީމު އެއްވަރުވެގެންނެވެ. މިމެޗު އެއްވަރުވުމާއެކު ފަސް ޕޮއިންޓާއެކު ދެވަނައިގައި ޖަޕާން މިވަނީ މުބާރާތުގެ ގަދަ 32 ގެ ބުރަށް ދަތުރުކޮށްފަ އެވެ.
އަދި 4 ޕޮއިންޓާއި ރަނގަޅު ގޯލު ތަފާތަކާއެކު ތިންވަނައިގައި އޮތް ސްވިޑަނަށް ވެސް ތިންވަނައަށްދާ ގަދަ 8 ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. ނަމަވެސް ސްވިޑަންއަށް ދެވަނަ ބުރުގައި ވާދަކުރަން ޖެހޭ ޓީމެއް ޔަގީންވެގެންދާނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމުމުންނެވެ. ނަމަވެސް މިވަގުތު ނަތީޖާތައް ނުކުމެފައި އޮތްގޮތުން އަދި އެޓީމަށް ގަދަ 32 ގައި ނުކުންނަން ޖެހޭނީ ތަރިންގެ ފްރާންސާ ދެކޮޅަށެވެ.
ދެވަނައިގައި ޖަޕާން ދިޔައިރު އެޓީމުން ދެވަނަ ބުރުގައި ނުކުންނަން ޖެހޭނީ ވޯލްޑްކަޕުގެ އެންމެ ކާމިޔާބު އަދި ފަސްފަހަރުގެ ޗެމްޕިއަން ގަދަފަދަ ބްރެޒިލާ ދެކޮޅަށެވެ. ޖަޕާނުން ވަނީ ވޯލްޑްކަޕުގެ ކުރިން ބްރެޒިލްގެ މައްޗަށް ކުރިވެސް ހޯދާފަ އެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޖަޕާނުންނެވެ. 58 ވަނަ މިނެޓުގައި ޑައިޒެން މައެޑާ އެޓީމަށް ލީޑު ނަގައިދިނެވެ. ޖަޕާނުން ކައުންޓާ އެޓޭކްކޮށް މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް 62 ވަނަ މިނެޓުގައި އޭރިއާ ބޭރުން އެންތަނީ އެލާންގާ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަައްދާލާ ސްވިޑަނުން ނަތީޖާ ހަމަހަމަކުރި އެވެ.
މިލަނޑަށްފަހު އިތުރު ހިތްވަރަކާއެކު ސްވިޑަނުން ލަނޑު ޖަހަން މަސައްކަތްކުރި އެވެ. ކުޅުން އިތުރަށް ވަރުގަދަކުރިއިރު މެޗުގެ ފަހުކޮޅު މޮޅަށް ކުޅުނީ ވެސް ސްވިޑަނުންނެވެ.
އަނެއްކޮޅުން މި ގްރޫޕްގައި ޓިއުނީޝިއާއާއި ނެދަލޭންޑްސް ބައްދަލުކުރި މެޗު 3 - 1 ން ކާމިޔާބުކޮށް ނެދަލޭންޑްސް މިވަނީ 7 ޕޮއިންޓާއެކު ގްރޫޕް އެފް ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ. އަދި މިއާއެކު އެޓީމުން ދެވަނަ ބުރުގައި ނުކުންނާނީ އެންމެފަހުގެ އެފްރިކަން ޗެމްޕިއަން މޮރޮކޯއާ ދެކޮޅަށެވެ.
މިރޭ ނެދަލޭންޑްސްއާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގައި ނެދަލޭންޑުން ވަނީ މެޗު ފެށިގެން ތިން މިނެޓުގެ ތެރޭގައި ލީޑު ނަގާފަ އެވެ. ޑެންޒެލް ޑަމްފްރީސް ހުރަސްކޮށްލި ބޯޅަ ގޯލަށް ވަނީ ޓިއުނީޝިއާގެ ކެޕްޓަން އަތުންނެވެ.
އޭގެ މާގިނައިރުތަކެއް ނުވެ ކެޕްޓަން ވެން ޑައިކް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ސަންޑަލޭންޑުގެ ބްރިއަން ބްރޮބޭ ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައިދީފަ އެވެ.
މިރޭގެ މެޗުގައި ޓިއުނީޝިއާގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ ކޯނަރަކުން ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ހަޒެމް މަސްތޫރީ އެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން ޖާން ޕައުލް ވެން ހެކް ވަނީ ނެދަލޭންޑަށް އިތުރު ގޯލެއް ޖަހައިދީ 3 ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.
ގްރޫޕް އެފްގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޓިއުނީޝިއާއަށް މުބާރާތް ނިމުނުއިރު އެޓީމަކީ މިފަހަރުގެ މުބާރާތަށް އަލްވަދާއުކީ ފުރަތަމަ ޓީމެވެ. އަދި މިފަހަރުގެ މުބާރާތުގައި އެޓީމު ކޮޅަށް ވަނީ 12 ލަނޑު ވަދެފަ އެވެ.