ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު އިވެންޓްކަމަށްވާ ފީފާ ވޯލްޑްކަޕަކީ އަބަދުވެސް ދުނިޔޭގެ އެންމެ ބޮޑެތި ތަރިންގެ ވިދުން ގަދަ މުބާރާތެކެވެ. އަދި އެ ތަރިންގެ މައްޗަށް ބޮޑެތި ގައުމުތަކުގެ އުއްމީދުތައް ކޮނޑުއެޅިގެންދާ މުބާރާތެކެވެ.
ކުޅިވަރު ބަލާ އެންމެންގެ ނަޒަރުވެސް އެންމެ ބޮޑެތި ތަރިންނަށް އަމާޒުވާއިރު އެތައް ބައެއްގެ ލޯތައް އެމީހުންގެ ކުޅުމަށް އެޅެ އެވެ. އަދި ކޮންމެ ކަމަކަށް ފާޑުކިޔުމުގެ އާދައެއް އޮންނައިރު އެތައް މިލިއަން މީހުންގެ ކުރިމަތީގައި ކުޅުމަކީ އެކުޅުންތެރިންނަށް ވަރަށް ބޮޑު ޕްރެޝަރަކަށްވެ އެވެ.
އަދި މީގެތެރޭގައި ފާހަގަވެގެންދަނީ ދުނިޔޭގެ އެންމެ ބޮޑެތި ތަރިންނާއި ރަނގަޅު ކުޅުންތެރިން، މޮޅު ކުޅުންތެރިން، އަދި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި ވަކިވާ ވަކިވުމެވެ. އަދި ގިނަ ފަހަރު އެންމެ ބޮޑެތި ތަރިން އުއްމީދުތަކާއި ޕްރެޝަރަށް ކުޑަކަކޫ ނުޖަހަ އެވެ. އެ ތަރިންގެ ވިދުން ގަދަވަނީ މިހެން ވުމުންނެވެ. އަދި އެ ކުޅުންތެރިން މިފަހަރުގެ ވޯލްޑްކަޕުން އަންނަނީ އެކަން ސާބިތުކޮށްދެމުންނެވެ.
ލިއޮނަލް މެސީ، ކްރިސްޓިއާނޯ ރޮނާލްޑޯ، ކިލިއަން އެމްބާޕޭ، އާލިން ބްރައުޓް ހާލަންޑް، ހެރީ ކޭން، ވިނީޝިއުޝް ޖޫނިއާ، ލަމީން ޔަމާލް އަދި މައިކަލް އޮލީސޭ، ހާއްސަކޮށް ފުޓްބޯޅައިގެ ބޮޑެތި ތަރިންގެ ތެރޭގައި މިވަގުތު ހިމެނޭ މި ކުޅުންތެރިން އަންނަނީ އެކުޅުންތެރިންގެ ފެންވަރު ދުނިޔޭގެ އެންމެ ބޮޑު މައިދާނުގައި ދައްކަމުންނެވެ.
ބައެއް ކުޅުންތެރިން ވަރަށް ފުރިހަމަ ފެށުމަކުން ފެށިއިރު ދެން ތިބި ކުޅުންތެރިން ޖެހުނީ އަލުން އެމަގާމަށް މަސައްކަތްކުރާށެވެ. އެނބުރި އަންނާށެވެ. އެހެންނަމަވެސް މިހުރިހާ ކުޅުންތެރިން ވެސް އަންނަނީ އެކުޅުންތެރިންގެ ހާއްސަކަން މިމުބާރާތުން ސާބިތުކޮށްދެމުންނެވެ.
އުފެދިގެންދާ ސުވާލަކީ މިފަހަރުގެ ވޯލްޑްކަޕުގައި އާލިން ހާލަންޑާއި ކިލިއަން އެމްބާޕޭ އަދި ހެރީ ކޭންގެ މުބާރާތުގެ ފެށުން ތަފާތުވަނީ ކިހިނެއްތޯ އެވެ.
އެ ކުޅުންތެރިންގެ މެދުގައި ފެށި ފެށުމުން މާ ބޮޑު ތަފާތެއް ނެތެވެ. ތިން ކުޅުންތެރިން ވެސް ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ޖަހާފަ އެވެ. ދެވަނަ މެޗުގައި ލަނޑެއް ނުޖެހި އިންގްލެންޑުން ގާނާއާ އެއްވަރުވުމުން ކޭންއަށް ފާޑުކިޔުން ވެސް އަމާޒުވެ އަދި އުދަނގޫތަކެއް ކުރިމަތިވި އެވެ.
އެހެންނަމަވެސް ފުރަތަމަ މެޗެކޭ މާބޮޑު ތަފާތެއް ނެތި އެމްބާޕޭއާއި ހާލަންޑް ވަނީ އިރާގާއި އަދި ސެނެގާލާއި ދެކޮޅަށް ކުޅެ އަނެއްކާވެސް އިތުރު ދެލަނޑު ޖަހާފަ އެވެ. ނަމަވެސް އަދި މިހާތަނަށް ފްރާންސްގެ ތަރި މައިކަލް އޮލީސޭއަކަށް ލަނޑެއް ނުޖެހެ އެވެ. އެކަމަކު އޭނާ އަކީ ފުރަތަމަ ދެމެޗުގައި ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.
ލެސް ބްލޫސްގެ އެޓޭކުގެ އެންމެ ބޮޑު ހިއްސާދާރުގެ ރޯލު އޮލީސޭ އަދާކުރާއިރު މިއިން ކޮންމެ ކުޅުންތެރިޔަކާ ބެހޭގޮތުން ވެސް އެތައް ވާހަކައެއް ކުލަބް ނުވަތަ ގައުމީ ޓީމަށް ދައްކާ ކުޅުމުން ވެސް ދެއްކެން އެބައޮތެވެ. މި ކުޅުންތެރިންގެ ފަރާތުން ކުރިއަށްހުރި މެޗުތަކުން ވެސް އިތުރަށް އެތައް ކަމެއް ފެނިގެންދާނެކަން ޔަގީންވެ އެވެ.
ކްރިސްޓީއާނޯ ރޮނާލްޑޯއާ ލަމީން ޔަމާލް ވަނީ މިފަހަރުގެ ވޯލްޑްކަޕުގައި ވަރަށް ތަފާތު ދެ ކަމްބެކެއް ހަދާފަ އެވެ.
ޑީއާރު ކޮންގޯއާ 1 - 1 ން ޕޯޗުގަލް އެއްވަރުވި މެޗަށްފަހު އެތައް ބައެއްގެ ފާޑުކިޔުން ރޮނާލްޑޯއަށް އަމާޒުވިއިރު ޖުމްލަ ގޮތެއްގައި ރޮބާޓޯ މާޓިނޭޒްގެ ޕޯޗުގަލުން ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެކެވެ.
އެހެންނަމަވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނެކަމަށް ބުނެ އެންމެންގެ ފާޑުކިޔުން ވެސް އަމާޒުވީ ރޮނާލްޑޯއަށެވެ. އަދި އިތުރަށް ކަންކަން ގޯސްކުރުމަށް ބަޔަކު ކުރި ކަމެއްގެ ތެރޭގައި 41 އަހަރުގެ ރޮނާލްޑޯ ހިމެނި ޕޯޗުގަލް ކޭމްޕްގެ ތެރޭގައި އެތެރޭގެ ހަނގުރާމައެއް ފެށިގެން ނުދިޔައީ ކިރިޔާ އެވެ.
މިކަމަށް ރޮނާލްޑޯ ރައްދު ދިން ގޮތަށް ބަލާނަމަ އޭނާ ވަނީ ޖެހިގެން އައި މެޗުގައި ދެލަނޑު ޖަހާފަ އެވެ. އާދައިގެ އުޒްބެކިސްތާނުގެ ޓީމަކާ ދެކޮޅަށް ނަމަވެސް އާންމުކޮށް އޭނާއަށް އަމާޒުވާ ފާޑުކިޔުމަށް އަބަދުވެސް ޖަވާބުދެނީ ހަމަ މިކަހަލަ ގޮތަކަށެވެ. އޭނާގެ މި ދެގޯލު ހާއްސަވަނީ އެހެންވެގެންނެވެ. ކިތަންމެ ހަނި ދޭތެރެއެއްގައި އޭނާ ފިއްތާލި ނަމަވެސް ރޮނާލްޑޯއަކީ އަބަދުވެސް އޭގެ ރައްދު ހިތި ގޮތަކަށް ދޭނެ ކުޅުންތެރިޔެކެވެ.
އަނެއްކޮޅުން ބަލާއިރު އަރަމުން އަންނަ ސްޕެއިންގެ އެންމެ 19 އަހަރުގެ ތަރި ލަމީން ޔަމާލް އޭނާގެ އަލަތު ވޯލްޑްކަޕަށް ކުރިމަތިލީ އަނިޔާގެ މައްސަލައަކަށް ފަހު އެވެ. އޭނާއަށް މުބާރާތުގައި ނުކުޅެވިދާނެ ކަމުގެ ބިރު ވެސް އެއްއިރެއްގައި ވަރަށް ބޮޑުވި އެވެ.
ފުރަތަމަ މެޗުގައި ކާބޯ ވާޑޭއާ ސްޕެއިން އެއްވަރުވިއިރު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޔަމާލަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަމަވެސް އޭގެ ރައްދަކަށް ވެގެންދިޔައީ 4 - 0 ން ސައުދީ އަރަބިއާ އަތުން ސްޕެއިން މޮޅުވި މެޗުގައި މޮޅު ކުޅުމެއް ދައްކާ ލަނޑެއް ޖަހައިގެންނެވެ.
މި ފެންވަރުގައި އެންމެ ބޮޑު މައިދާނުގައި އަނިޔާގައި ހުރެފައި އެނބުރި އައިސް އެހާ ޒުވާން އުމުރެއްގައި އޭނާ ދެއްކި ކުޅުމުން ވެސް ދުނިޔޭގެ އެންމެ ބޮޑެތި ތަރިންގެ ތެރޭގައި އޭނާ ހިމެނިގެންދާ ސަބަބު އެނގި ހާމަވެ އެވެ.
ކޮންމެ ވޯލްޑްކަޕަކަށް ވެސް ބްރެޒިލް އަންނަނީ ބޮޑެތި އުއްމީދުތަކާއެކު އެވެ. އަދި މިފަހަރުގެ ވޯލްޑްކަޕް ވެސް ވަކި ތަފާތެއް ނޫނެވެ.
އެހެންނަމަވެސް ސެލެސާއޯގެ ފޭނުން ފުރަތަމަ މެޗުން 1 - 1 ން މޮރޮކޯއާ އެއްވަރުވުމުން ތިބީ ހިތްހަމަ ނުޖެހިފަ އެވެ. ކާލޯ އެންޗެލޯޓީގެ ޓެކްޓިކަލް ރޭވުން ނާކާމިޔާބުވި ނަމަވެސް އެކަމުގެ ހުރިހާ ޒިންމާއެއް އަމިއްލައަށް ނަގާ، އެންމެ ބޭނުންވި ވަގުތު ލަނޑަކާއެކު ވިނީޝިއުސް ޖޫނިއާ ވަނީ ބްރެޒިލަށް މުހިންމު ޕޮއިންޓެއް ހޯދާދީފަ އެވެ.
އަދި ހަމަ ދެވަނަ މެޗުގައި ހައިޓީ އަތުން 3 - 0 ން މޮޅުވި މެޗުގައި ވެސް ރެއާލް މެޑްރިޑަށް ކުޅޭ ވިންގަރު ވަނީ ލަނޑެއް ޖަހާ މޮޅު އެސިސްޓެއް ވެސް ކޮށްދީފަ އެވެ. އޭނާގެ ކޮނޑުމަތީގައި ފުޓްބޯޅައިގެ ދުނިޔޭގެ އެންމެ ބޮޑު ގައުމު އަދި ވޯލްޑްކަޕުގެ ފަސްފަހަރުގެ ޗެމްޕިއަން ބްރެޒިލްގެ އުއްމީދުތަކުގެ ޕްރެޝަރު އޮތްނަމަވެސް އޭނާ ވަނީ މޮޅު ކުޅުމަކާއެކު އެންމެ ބޮޑެތި ތަރިންގެ ތެރޭގައި އޭނާ ހިމެނޭ ސަބަބު ސާބިތުކޮށްދީފަ އެވެ.
އެންމެ ބޮޑު ވޯލްޑްކަޕުގައި މިފަހަރު ވެސް ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ފެނިގެންދާނެ އެވެ. ލިއޮނަލް މެސީ އަންނަނީ އުމުރާ ނުބައްދަލު ބުއްދިއަށް ވެސް ގަބޫލުކުރަން އުދަނގޫ މޮޅު ކުޅުމެއް ދައްކަމުންނެވެ.
މިވޯލްޑްކަޕާ އޭނާ ބައްދަލުކުރިއިރު ވެސް ދުވެލާއި، އޭނާގެ 6 ވަނަ މުބާރާތުގައި ދެތިން ފަހަރަކު ބޯޅައިގައި އޭނާ ފައި ޖައްސާލި ނަމަވެސް ގިނަ ސަޕޯޓަރުންގެ ހިތް އުފަލުން ފުރުނީހެވެ.
ނަމަވެސް މުޅި ދުނިޔެ ހައިރާންކޮށްލާ މިފަހަރުގެ މުބާރާތުގައި ވެސް އޭނާގެ ކުޅުން އިތުރަށް ވަރުގަދަވީ އެވެ. "ދި ލިޓްލް މެޖީޝިއަން" (ކުޑަ ޖާދޫގަރު)ގެ ނަމުން މަޝްހޫރު މެސީ އަންނަނީ މިފަހަރުގެ ވޯލްޑްކަޕުގައި ތަފާތު ކުޅުމެއް ދައްކަމުންނެވެ.
ފުރިހަމަ ފެށުމަކުން މުބާރާތް ފެށިއިރު ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ހެޓްރިކް ހަދާ އޭގެ ފަސް ދުވަސް ފަހުން ވަރުގަދަ ކުޅުންތެރިންތަކެއް ހިމެނޭ އޮސްޓްރިއާ ކޮޅަށް ވަނީ ދެލަނޑު ޖަހާފަ އެވެ. އަދި އެތައް ރެކޯޑެއް ވެސް އޭނާ ވަނީ ހަދާފަ އެވެ. ވޯލްޑްކަޕް ތާރީހުގައި 16 ލަނޑާއެކު އެންމެ ގިނަ ލަނޑު ޖަހައިގެން ރެކޯޑް ހަދާފައިވާ މިރޮސްލާވް ކްލޯސާގެ ރެކޯޑް ވެސް އޭނާ ވަނީ މުގުރާލާފަ އެވެ.
ފުރިހަމަ ފެށުމަކުން ފެށި ނަމަވެސް މި ނަމްބަރުތަކަކީ މެސީއަށް އާދައިގެ ނަމްބަރުތެކެކެވެ. ނަމަވެސް އެހެން ހީކުރެވޭ މިއީ ނުދުވެވެޔޭ ކިޔައިގެން އެތައް ބަޔަކު މަލާމާތްކުރި 39 އަހަރުގެ އާޖެންޓީނާ ކެޕްޓަނެވެ. ފާޑުކިޔުމާއެކު ވެސް އޭނާ އަންނަނީ ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު މައިދާނުގައި އޭނާގެ އެންމެ ފުރިހަމަ ކުޅުން އޭގެ އެންމެ މަތީ ފެންވަރުގައި ދައްކަމުންނެވެ.
މެސީގެ ބައިވެރިވުން ފާއިތުވެދިޔަ ވޯލްޑްކަޕްގެ ހަ މެޗުގައި 12 ގޯލެއްގައި ފެނުނުއިރު އޭނާ ވަނީ 10 ގޯލު ޖަހާ 2 އެސިސްޓްކޮށްފަ އެވެ. ޖެހިޖެހިގެން 6 މެޗުގައި ލަނޑު ޖަހާ އޭނާ ވަނީ ފްރާންސްގެ ލެޖެންޑް ޖަސްޓް ފޮންޓެއިންއާ ބްރެޒިލްގެ ޖާޒިނިއޯގެ ރެކޯޑާ ހަމަކޮށްފަ އެވެ.
އާޖެންޓީނާގެ ވޯލްޑްކަޕުގެ ގޯލުތަކުގެ 11 އިންސައްތަ ގޯލު މެސީ ޖަހާފާވާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އޭނާ އަކީ 18 ގޯލާއެކު ވޯލްޑްކަޕުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކަމެވެ.
ލިއޮނަލް ސްކަލޯނީގެ އާޖެންޓީނާ ޓީމުގެ މައި ތަނބުގެ ގޮތުގައި ހުރި މެސީ އޭނާގެ ކުޅުން އިތުރަށް ވަރުގަދަކުރިއިރު 39 އަހަރުގައި އޭނާ އެދައްކާ ކުޅުން ބުއްދިއަށް ގަބޫލުކުރަން ވެސް ދައްޗެވެ. ތާރީހު ފުޓްބޯޅަ ސަޕޯޓަރުންގެ ކުރިމަތީގައި ފާޅުވަމުން ދިޔަނަމަވެސް މިއީ ގިނަ ދުވަސްތަކެއްގެ ކަމެއް ނޫނެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މި ރީތި ކުޅިވަރު ކުޅޭތަން ބަލަން މާ ގިނަ ދުވަހެއް ނެތެވެ. ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ވެސް ބުނަމުންދަނީ މި ޖީލުގެ އެންމެންނަށް މެސީގެ ޖާދުވީ ކުޅުން ބަލާލުމުގެ ފުރުސަތު ލިބިގެންދިއުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.