ލިއާންޑްރޯ ޓްރޮސާޑްގެ ދެގޯލާއެކު ނިއުޒިލޭންޑުގެ މައްޗަށް ބޮޑު މޮޅެއް ހޯދާ ވޯލްޑްކަޕުގެ ދެވަނަ ބުރުން ބެލްޖިއަމް ޖާގަ ހޯދައިފި އެވެ. ކޮންމެހެން ވެސް ދެޓީމަށް މޮޅުވާން މަޖޫބުރު މެޗެއްގައި މުޅި މެޗު ޑޮމިނޭޓްކޮށް މިއަދު ބެލްޖިއަމުން 5 - 1 ގެ ބޮޑު ނަތީޖާއަކުން މޮޅުވެ ދެވަނަ ބުރުން ޖާގަ ހޯދިއިރު މި ބައްޔާއެކު ނިއުޒިލޭންޑް މުބާރާތަށް އަލްވަދާއު ކިޔައިފި އެވެ.
28 ވަނަ މިނެޓުގެ ކެވިން ޑިބްރޭނާގެ ކޯނަރެއް ނިއުޒިލޭންޑުގެ ޑިފެންޑަރު ޓިމް ޕޭންގެ ގައިގައި ޖެހިފައި ނުކުތް ވަގުތު ގޯލުކުރިމަތިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ބެލްޖިއަމަށް ލީޑު ނަގައިދިނީ ލިއަންޑްރޯ ޓްރޮސާޑެވެ.
ރުޑީ ގާސިއާގެ ބެލްޖިއަމުން ފުރަތަމަ ހާފު ޑޮމިނޭޓްކޮށްގެން ކުޅުނުއިރު އެޓީމަށް ފުރަތަމަ ހާފު އަތުނުޖެހޭ ހިސާބަށް ދިއުމުގެ ފުރުސަތު އޮތެވެ. އެހެންނަމަވެސް އެޓީމުގެ ދެވަނަ ލަނޑު ފެނިގެންދިޔައި ދެވަނަ ހާފު ފެށިގެން ފަސް މިނެޓުފަހުންނެވެ. ޑިބްރޭނާގެ ޕާހަަކުން ޓްރޮސާޑް ފޮނުވާލި ހަމަލާ ބްލޮކްވީ ނަމަވެސް ދެވަނަ ފަހަރަށް ފޮނުވާލި ވޮލީ އޭނާ ވަނީ ގޯލުގެ ތެެރެއަށް ވައްދާލާފަ އެވެ.
66 މިނެޓުގައި ޑިބްރޭނާގެ ލަނޑާއެކު މެޗު ބެލްޖިއަމަށް ޔަގީންވި އެވެ. ނަމަވެސް ނިއުޒިލޭންޑުގެ އެލައިޖާ އެޓީމަށް ފަރަގު ކުޑަކޮށްދިނެވެ. އެކަމަކު ބެޗުން އަރައިގެން އައިސް ކުޅުމާ ގުޅުނުތާ 56 ސިކުންތު ފަހުން ރޮމެލޫ ލުކާކޫ ވަނީ އަނެއްކާވެސް ބެލްޖިއަމުގެ ތިން ގޯލުގެ ލީޑު އަލުން އިޔާދަކޮށްދީފަ އެވެ. އަދި ފަހު ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އެލެކްސިސް ސައެލެމައެކާސް އެވެ.
އަދި މިއަދުގެ އަނެއް މެޗުގައި މިސްރަށް އިރާން ބަލިނުކުރުވެމުން ގްރޫޕް ޖީގެ އެއްވަނައިގައި ބެލްޖިއަމް ދެވަނަ ބުރަށް ދަތުރުކުރީ ގޯލު ތަފާތުންނެވެ. އަދި ތިންވަނައަށްދާ ގަދަ 8 ޓީމުގެ ތެރެއިން ޓީމަކާ ދެކޮޅަށް ގަދަ 32 ގެ ބުރުގައި އަންނަ ބުދަދުވަހު ބެލްޖިއަމުން ނުކުންނާނެ އެވެ.
ރޭ އިރާނުން 1 - 1 ން މިސްރާ އެއްވަރުވުމުން އެޓީމަށް ވަނީ އުއްމީދުގެ ހުޅުކޮށް އާވެފަ އެވެ. އޮފްސައިޑްގެ ސަބަބުން އިރާނުގެ ގޯލެއް ބަލައިނުގަތްއިރު ފަހު ސިކުންތުގެ ތެރޭގައި ހުރަސްދަނޑިއަށް އަމާޒުވި ހަމަލާއާއެކު އިރާނުގެ އުއްމީދުގެ ހުޅުކޮޅު ކޮންމެވެސް ވަރަކަށް އާވި ނަމަވެސް އެޓީމުގެ ދެވަނަ ބުރަށް ދެވޭނެ ކަން ޔަގީންވާނީ މިރޭ ކުޅެވޭ މެޗުތައް ނިމުމުންނެވެ.
މިރޭގެ މެޗުތަކަށް ބަލާފައި އިރާނަށް ފުރުސަތު އެބަ އޮތެވެ. މިމެޗަށްފަހު އެމީހުންގެ އުއްމީދުތައް ބިނާވަނީ ގްރޫޕް ޖޭ، ކޭ އަދި އެލްގެ ނަތީޖާ ނުކުންނާނެ ގޮތަކަށެވެ. އަދި މިއަދު އެއްވަރުވުމާއެކު މިސްރު ވަނީ ދެވަނައިގައި ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އިރާނުން އެޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިނުވާއިރު ތިން މެޗުން ވެސް އެއްވަރުވެ އެޓީމު އޮތީ ތިން ޕޮއިންޓާއެކު ގްރޫޕް ތާވަލުގެ ތިންވަނައިގަ އެވެ. އަދި ވޯލްޑްކަޕެއްގެ ނޮކްއައުޓަށް އެގައުމުގެ ތާރީހުގައި ދަތުރުކުރުމުގެ ފުރުސަތު އެނގޭނީ މިރޭގެ ނަތީޖާތަކުންނެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މިސްރުންނެވެ. ފެށިގެން 5 ވަނަ މިނެޓުގައި އިރާނުގެ ކުޅުންތެރިންތަކުގެ ތެރެއިން މަހްމޫދު ސާބާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އިރާނުން އެކަމަށް ވަރުގަދަ ރައްދެއް ދިން ނަމަވެސް މެހްދީ ޓަރޭމީގެ ޕެނަލްޓީ ކީޕަރު މޮސްތަފާ ޝޮބޭރު ވަނީ ދިފާއުކޮށްފަ އެވެ.
އެހެންނަމަވެސް އޭގެ އިރުކޮޅެއްފަހު ރާމިން ރެޒާއިއެންގެ ލަނޑާއެކު އިރާނުން ނަތީޖާ ހަމަހަމަކުރި އެވެ. އިތުރަށް ބަލާލާއިރު މިސްރުގެ ތަރި އަދި ކެޕްޓަން މުހައްމަަދު ސަލާހު މިހާރު ބޭނުންވަނީ މިސްރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދަން އެންމެ ގޯލެކެވެ. މިވަގުތު އެރެކޯޑް އޮތީ އެޓީމުގެ ހެޑް ކޯޗް ހޮއްސާމް ހަސަންގެ އަތުގަ އެވެ.