twitterviber whatsapp telegramfacebookyoutube instagram
30th June 2026

ހިތްދަތިކޮށް ޖަޕާނު ކެޓިއިރު ޕެރަގުއޭއިން ޖަރުމަނު ރޮއްވާލައިފި

މުޙައްމަދު އަހުމަދު
Jun 30, 2026

ބްރެޒިލް އަތުން ގަދަ 32 ގައި ހިތްދަތި ގޮތަކަށް ޖަޕާނު ބަލިވެ ކެޓިއިރު ޕެރަގުއޭއިން މުޅި ދުނިޔެ ސިއްސުވާލާ ޖަރުމަނު ރޮއްވާލައިފި އެވެ. ރޭ ކުޅެވުނު ގަދަ 32 ގެ ފުރަތަމަ މެޗުގައި ބްރެޒިލާއި ޖަޕާނުން ކުޅުނުއިރު ފަހު ސިކުންތުގައި ބްރެޒިލުން ލަނޑެއް ޖަހާ ފަހަތުން އަރާ ޖަޕާން ގެއަށް ފޮނުވާލައިފި އެވެ.

ރޭގެ މެޗު ކާމިޔާބުކުރީ 2 - 1 ން ބްރެޒިލެވެ. ރީތި އެޓޭކިން ފުޓްބޯޅައާއެކު ޖަޕާނުން ފުރަތަމަ ހާފު ކުޅުނުއިރު މެޗުގެ 29 ވަނަ މިނެޓުގައި އެޓީމުން ލީޑު ވެސް ނެގި އެވެ. ކައިޝޫ ސަނޯގެ ލަނޑުން ލީޑު ނެގުމަށްފަހު ޖަޕާނުން ބެލީ ޑިފެންޑް ކުރުމަށެވެ.

ޑިފެންސިވް ގޭމެއް ލަނޑަށްފަހު ޖަޕާނުން ކުޅުނުއިރު ބްރެޒިލުން ވަނީ ވަރުގަދަ ހަމަލާތަކެއް ޖަޕާނު ގޯލާ އަމާޒުކޮށްލާފަ އެވެ. ޖުމްލަ 20 ހަމަލާ ބްރެޒިލުން އުފެއްދިއިރު ޖަޕާނަށް އުފެއްދުނީ 5 ހަމަލާ އެވެ.

އެޓޭކިން ގޭމަކަށް ގޮސް ބްރެޒިލުން ލަނޑެއް ޖަހަން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ 56 ވަނަ މިނެޓުގަ އެވެ. ކަސެމީރޯ ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދިންއިރު ބްރެޒިލުން އަނެއްކާވެސް މަސައްކަތްކުރީ ފުރިހަމަ ވަގުތުގައި ލަނޑެއްޖަހާ ގަދަ 16 ޔަގީން ކުރުމަށެވެ.

އަދި މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޖަޕާނު ކުޅުންތެރިންނާއި ފޭނުން ރޮއްވާލާ ގްބެރިއަލް މާޓިނެލީ ވަނީ އެޓީމަށް ގަދަ 16 ޔަގީންކޮށްދީފަ އެވެ. މިމޮޅާއެކު ގަދަ 16 ގައި ބްރެޒިލުން ނުކުންނާނީ މިރޭ އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

އެންމެ ހައިރާންކުރުވަނިވި ނަތީޖާއެއް ފެނިގެންދިޔައީ ރޭ ކުޅެވުނު ދެވަނަ މެޗުންނެވެ. ފުޓްބޯޅައިގެ ގަދަބާރު އަދި ހަތަރު ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ރޭ 1 - 1 ން ޕެރަގުއޭއާ އެއްވަރުވެ މެޗު ޕެނަލްޓީއަށް ދިޔައިރު ޖަރުމަނު ވަނީ ޕެނަލްޓީގައި ބަލިވެފަ އެވެ.

2014 ވަނަ އަހަރު ވޯލްޑްކަޕް ތަށި ނެގުމަށްފަހު އަޑިއަޅާލި ގޮތަށް އެވަޅުގަނޑުން ޖަރުމަނަށް އެއްކޮށް އަދިވެސް ނޭރެ އެވެ. 2018 އަދި 2022 ގައި ގްރޫޕް ސްޓޭޖުން އެޓީމު ކެޓިއިރު އަނެއްކާވެސް މުބާރާތުގެ ކުރީކޮޅު މިވަނީ މުބާރާތަށް އަލްވަދާއު ކިޔާފަ އެވެ. އޭގެއިތުރަށް މިއީ ވޯލްޑްކަޕް ތާރީހުގައި ޖަރުމަނު ޕެނަލްޓީން ބަލިވި ފުރަތަމަ ފަހަރެވެ.

"އަހަރެންނަކީ ދުވެ ފިލާ މީހެއް ނޫން" ރޭގެ މެޗަށް ފަހު ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ބުނެ 38 އަހަރުގެ ކުރީގެ ބަޔާން މިއުނިކްގެ ކޯޗު ޖޫލިއަން ނަގެލްސްމަން ބުންޏެވެ. ރޭގެ ބައްޔަށްފަހު ޖަރުމަނު މުބާރާތަށް އަލްވަދާއުކީއިރު ގަދަ 16ގައި ޕެރަގުއޭއިން ނުކުންނާނީ މިރޭ ފްރާންސާއި ސްވިޑަން ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355