twitterviber whatsapp telegramfacebookyoutube instagram
26th July 2026

ތަރައްގީގެ ކަންކަން ނިންމުމުގެ ބާރު އެރަށެއްގެ ރައްޔިތުންނަށް ލިބިފައި އޮތުމަކީ މިނިވަންކަމުގެ އެންމެ މުހިންމު ތަންބު: ޝައިމަން

އަބްދުލް ވާހިދު ޙަސަން
Jul 26, 2026

މިނިވަންކަމުގެ ހަގީގީ މާނަ މިއަދު ގުޅިފައިވަނީ ލާމަރުކަޒީ ނިޒާމާ ކަމަށާއި ރަށެއް ނުވަތަ އަތޮޅެއްގެ ތަރައްގީގެ ކަންކަން ނިންމުމުގެ ބާރު އެރަށެއްގެ ރައްޔިތުންނަށް ލިބިފައި އޮތުމަކީ މިނިވަންކަމުގެ އެންމެ މުހިންމު ތަންބުކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލަރު މުހައްމަދު ޝައިމަން އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅުވައި ސިޓީ ކައުންސިލްގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދުވަހާ ގުޅުވާ ވާހަކަދައްކަވަމުން ޝައިމަން ވިދާޅުވީ، މަރުކަޒީ ސަރުކާރަށް ބަރޯސާނުވެ ރަށު ފެންވަރުގައި ނިންމާ ނިންމުންތަތަކީ ރައްޔިތުންގެ ބާރުވެރިކަމާ ނިންމާ ނިންމުންތަކެއް ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން އަޑުއިވި އެ މީހުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރުމަށް މަސައްކަތްކުރެވޭނެކަން ޝައިމަންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

މިނިވަންކަމުގެ ބިންގަލަކީ ހާރިޖީ އަދި ދާހިލީ މިނިވަންކަން ފާހަގަކުރައްވަމުން ޝައިމަން ވިދާޅުވީ، ހާރިޖީ މިނިވަންކަމަކީ ބޭރުގެ އެއްވެސް ނުފޫޒެއް ނެތި ދިވެހި ދައުލަތުން އަމިއްލަ އިސްތިގްލާލުގައި އަމިއްލަ ނިންމުންތައް ނިންމުމުގެ ގާބިލްކަން ހުރުން ކަމާއި ހަމައެއާއެކު ދާހިލީ މިނިވަންކަމަކީ ގައުމުގެ އެތެރޭގެ ކަންކަމުގައި ރައްޔިތުންގެ ބަސް ބުނުމުގެ ހައްގު ފުރިހަމައަށް ލިބިފައިވާވުން ކަމުގައި އެވެ.

މި ދެބައި ފުރިހަމަވެގެން މެނުވީ ގައުމެއްގެ މިނިވަންކަން ވަށާޖެހޭ ގޮތެއްގައި ދެމިއެއް ނޯންނާނެ ކަމަށާއި މި ޒަމާނުގައި މިނިވަންކަމުގެ މާނަވަނީ ހަމައެކަނި ސިޔާސީ މިނިވަންކަމަށްވުރެ ފުޅާވެފައިވާ ކަމަށް ޝައިމަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިނިވަންކަމަކީ ހަމައެކަނި ދިދައެއް އުފުލާލުމެއް ނޫން ކަމަށާއި އެއީ ރައްޔިތުން ދިރިއުޅުމުގެ ފެންވަރާއި އިގްތިސޯދީ ފުއްދުންތެރިކަމާއި އަދި އަމިއްލަ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ލިބިގެންދިޔުން ކަމުގައި އެވެ.

" ރައްޔިތުންނަކީ މާލީ މިނިވަން ބަޔަކަށްވެގެން މެނުވީ ގައުމުގެ މިނިވަންކަން ފުރިހަމައެއް ނުވާނެ." ކައުންސިލް މެންބަރު ޝައިމަން ވިދާޅުވި އެވެ.

ރަށުގެ ކަންކަން އަމިއްލައަށް ނިންމާ، ސިއްހީ ހިދުމަތާއި ތައުލީމީ ހިދުމަތްފަދަ އަސާސީ ހިދުމަތްތައް އަމިއްލަ ފަސްގަނޑުގައި ލިބި، ފެންވަރު މަތި ހިދުމަތްތަކެއް ރަށުން ލިބިގެންދިޔުމަކީ ހަގީގީ މިނިވަންކަން އިހްސާސްކުރެވޭނެ ކަމެއް ކަމަށް ޝައިމަން ވިދާޅުވި އެވެ.

ޝައިމަން ވިދާޅުވީ މިނިވަންކަމަށް ލޮޅުން އަރާފާނެ ކޮންމެ ކަމަކަށް އަމަލާއި ބަހުން ރައްޔިތުން ނޫނެކޭ ބުންނަށްޖެހޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355