މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް 18 އަހަރު ފުރިފައިވާއިރު، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލްވަނީ ފެހި ގާނޫނުއަސާސީގެ ދަށުން ވެރިކަމުގެ ހަތަރު ދައުރެއް ރައްޔިތުންނަށް ފެނިފައިވާކަން ފާހަގަކުރައްވާ ވޭތުވެ ދިޔަ 18 އަހަރުގެ ތެރޭގައި ފެނިގެން ދިޔަ ވެރިކަންތަކުގެ ތެރެއިން، ރާއްޖެއަށް ތަފާތު ހެޔޮ ބަދަލުތައް ވެސް އައިސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ނަމަވެސް، ފެހި ޤާނޫނުއަސާސީގައި އިންތައް ވަކި ކުރި ގޮތާ ހިލާފަށް، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް މިހާރު އިންތިހާއަށް އޮތުމުގެ ސަބަބުން، ޤައުމު ދާންޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެވެ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ގާނޫނުއަސާސީ އެކުލަވައިލުމަށްޓަކައި 2004 އިން 2008 ވަނަ އަހަރާ ދެމެދު ކުރި މަސައްކަތުގައި ވަރަށް ފޮނި އުންމީދުތަކެއް ކުރެވުނު ނަމަވެސް، އެ އުންމީދުތައް ރައްޔިތުންނަށް ހާސިލުވި މިންވަރާ ދޭތެރޭގައި ވިސްނާލުން މުހިންމު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމުކޮށް، އިގުތިސާދީ ގޮތުން ފުދުންތެރި ޤައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ފައިސަލް ވަނީ އެކަންކަން ފާހަގަ ކުރައްވާފަ އެވެ.
ގާނޫނުއަސާސީއަށް ގެންނަންޖެހޭ ކަމަށް ފައިސަލް ފާހަގަ ކުރެއްވި ކަންކަން
- ރައްޔިތުންގެ މަޖިލީހުގެ އަދަދު 60 މެމްބަރުންނަށް މަދުކޮށް، މުޅި އަތޮޅުން ވޯޓު ދީގެން މެމްބަރުން އިންތިޚާބު ކުރުން.
- ފަނޑިޔާރު ގޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުން އައްޔަން ކުރާގޮތާއި، އުއްތަމަ ފަނޑިޔާރު އައްޔަން ކުރާ ގޮތް ބަދަލު ކުރުން.
- މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިގެން މަޖިލީހުން ފާސްކުރުން.
- ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް އެއްވެސް އިމެއް އަދި މިނެއް ނެތި ދީފައިވާ ބާރުތައް އިސްލާހު ކުރުން.
- ސަރުކާރު ހިންގުމަށްޓަކައި މިނިސްޓްރީތަކާއި، އޮފީސްތަކާއި އަދި ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭނެ ވަކި އަދަދެއް ކަނޑައެޅުން. އަދި މުވައްޒަފުން އައްޔަން ކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައެޅުން.
- ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް އަތޮޅުތައް ހިންގުން ބަދަލުކޮށް، ރަށް ރަށަށް ބާރުތައް ދޫކޮށްލުން. އަދި، ތައުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ވިޔަފާރި އަދި ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ގޮތަށް، ރާއްޖެ ތަރައްޤީ ކުރުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުން. މިގޮތުން އިންޓަނޭޝަނަލް އެއާޕޯޓުތައް ތަރައްޤީ ކުރާ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް ޚާއްސަ އިސްކަމެއް ދިނުން. އަދި މި ޚާއްސަ ސަރަހައްދުތަކުގައި، އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް ވެސް އިސްކަމެއް ދިނުން.
- ދިވެހިރާއްޖޭގެ ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރުން. އަދި ސަރުކާރު ބަދަލުވި ނަމަވެސް، ފަށާފައިހުރި ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމު ކުރުން.
- ދިވެހިރާއްޖޭގެ ވިޔަފާރި އާއި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު އިތުރު ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުން.
- ކާބޯތަކެތީގެ ޔަޤީންކަން ދަމަހައްޓައި، އެހެން ޤައުމުތަކަށް ބަރޯސާވުން ކުޑަ ކުރުމަށް ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުން.
- މީހުން ބިނާ ކުރުމުގައި، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަން ދީގެން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަ ފެންވަރެެއްގައި މީހުން ބިނާ ކުރުމުގެ ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދިޔުން. އަދި މި މަޝްރޫއު ވަޒީފާގެ ބާޒާރާ ގުޅުވައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތަކަށް ބައްޓަން ކުރުން.
- އެކަށީގެންވާ ފެންވަރުގެ ދިރިއުޅުމެއް ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅުން. އަދި އިޖްތިމާޢީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި، އެންމެންނަށް އެއް މިންގަނޑަކުން ދިނުމުގެ ބަދަލުގައި، ކޮންމެ ފަރުދެއްގެ އަދި ކޮންމެ އާއިލާއެއްގެ ހާލަތު ވަކިވަކިން ބަލައި، އެ ހާލަތާ އެކަށޭނަ ގޮތަކަށް އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމު ކުރުން.
- ޤައުމީ ޕްރޮކިއުމަންޓް އޮފީހެއް ޤާއިމުކޮށް، ސަރުކާރުގެ ހުރިހާ މަޝްރޫއުތަކާއި، ސަރުކާރަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގަންނަ މުދަލާއި ތަކެތި، އޭގައި ކޮރަޕްޝަނެއް ނުހިމެނޭކަން ނުވަތަ، ނާޖާއިޒު ފައިދާއެއް ނުނެގޭކަން ރައްޔިތުންނަށް ޔަޤީން ކޮށްދިނުމަށްޓަކައި ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުން.
- ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ރައީސުލްޖުމްހޫރިއްޔާއެއްގެ އިތުރުން، ދައުލަތުގެ އިސް ވެރިޔަކު ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ބަދަލު ގެނައުން. މި ގޮތުން ރައްޔިތުން އިންތިޚާބުކުރާ ދައުލަތުގެ ވެރިޔާގެ މަގާމަކީ، ސިޔާސީ ނޫން މަގާމެއްގެ ގޮތުގައި ކަނޑައަޅައި، ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް ނެތި، ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރުން.
މީގެ އިތުރުން ދައުލަތުގެ ދުސްތޫރީ އަސާސްތަކާ ކުޅުމުގެ ފުރުސަތު އެކަކުގެ އަތް މައްޗަށް ދޫކޮށް ނުލުމަށްޓަކައި، ދައުލަތުގެ އިސްވެރިޔާގެ މަސްއޫލިއްޔަތުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަކިކޮށް ކަނޑައަޅައި ބަޔާންކުރުމަށް ފައިސަލް ނަސީމް ހުށަހެޅުއްވި އެވެ.
އެ ގޮތުން ސަރުކާރު ހިންގުމުގެ ކަންކަމުގައި ބަސް ނުބުނެވޭނެ ގޮތަށް ހަމަޖައްސައި، ދައުލަތުގެ އިސް ވެރިޔާގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅަން ފެނިވަޑައިވަންނަވާ ކަންކަން ފައިސަލް ނަސީމް ވަނީ ހާމަކުރައްވާފަ އެވެ.
އެ ގޮތުން މަޖިލީހުން ފާސްކުރާ ޤާނޫނުއަސާސީގެ އިސްލާހުތަކާއި، އެހެނިހެން ގާނޫނުތައް ތަސްދީގު ކުރުމާއި ބޭރު ދައުލަތްތަކުގެ ސަފީރުންގެ ސަފީރުކަން ދިވެހި ދައުލަތުގެ ނަމުގައި ބަލައިގަތުމާއި އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމަށް، ނަން ހުށަހެޅުމާއި، އައްޔަން ކުރުމާއި ޖޭއެސްސީ އާއި މިނިވަން މުއައްސަސާ ތަކަށް މެމްބަރުން އައްޔަން ކުރުމަށް ނަން ހުށަހެޅުމާއި ދައުލަތުގެ ނަމުގައި ވަކި މިންވަރަކަށް ވުރެ ބޮޑެތި ދަރަނި ނަގާ ނަމަ، އެ ނިންމުން އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމުގެ ބާރު ދޭން ފެންނަ ކަމަށް ފައިސަލް ނަސީމް ވިދާޅުވި އެވެ.