twitterviber whatsapp telegramfacebookyoutube instagram
20th August 2026

ފޯރިގަދަ ފައިނަލް މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ނިއު ރޭޑިއަންޓް ބަލިކޮށް، ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން މާޒިޔާއިން ތާރީހުގެ ތެރެއިން އުފުލާލައިފި

މުޙައްމަދު އަހުމަދު
Aug 20, 2026

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅެވުނު ކަޕް ވިނާސް ކަޕްގެ ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިިއިރު 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 އިން ނިއު ރޭޑިއަންޓް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލައިފި އެވެ.

މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފަ އެވެ. މި ލަނޑު ފެނިގެންދިޔައީ ނިއުއިން ނެގި ކޯނަރެއްގައި އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ޖެހިފައި ވަނިކޮށް، މާޒިޔާގެ ޑިފެންޑަރުން ބޯޅަ ސާފުކޮށްލުމުން އުފެދުނު ކައުންޓާ އެޓޭކެއްގަ އެވެ.

އަމިއްލަ ހާފުގެ ތެރެއިން އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ބޯޅަ ހޯދައި، ކުރިއަށް ދުވެލުމަށްފަހު އޭރިއާ ކުރިމައްޗަށް ތަނަވަސްކޮށްދިން ރީތި ބޯޅައެއް، ހުޝިޔާރުކަމާއެކު ނިއުގެ ޑިފެންޑަރަށް ފުރުސަތު ނުދީ ގޯލުގެ ތެރެއަށް ފޮނުވާލީ ޒުވާން ކުޅުންތެރިޔާ އިލާން އެވެ.

ނަމަވެސް، މާޒިޔާގެ މި ލީޑު ގިނައިރުތަކަކަށް ދެމެހެއްޓޭގޮތެއް ނުވި އެވެ. މެޗުގެ 16 ވަނަ މިނެޓުގައި ނިއުގެ ލައިބީރިއާ މިޑްފީލްޑަރު އަބްދުﷲ ބިލިޓީ މާޒިޔާގެ އޭރިއާ ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ފައުލުކުރުމުން، ރެފްރީ ކަށިގަނޑު ފުމެން އުޅުނު ނަމަވެސް، ބިލިޓީ އަތުން ދޫވި ބޯޅަ ކައިރީގައި ހުރި އަލީ ފާސިރު (ސެންޓޭ) އަށް ލިބުމުން ރެފްރީ ވަނީ އެޑްވާންޓޭޖް ދީފަ އެވެ. ސެންޓޭ ވަނީ އެ ބޯޅަ އެއްފަހަރުން ޖަހައި، ކުރިއަށް ނުކުމެ ހުރި މާޒިޔާގެ ކީޕަރު ހުސައިން ޝަރީފުގެ ބޯމަތިން ގޯލުގެ ތެރެއަށް އޮއްސާލައިގެން ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އޭގެ ފަހުން، މެޗުގެ 28 ވަނަ މިނެޓުގައި މާޒިޔާއިން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. އަބްދުﷲ ލޫތު އިބްރާހިމް އާއި އަހްމަދު އައިހަމް (ފަތޯ) ގުޅިގެން ކުޅުނު ރީތި ކޮމްބިނޭޝަން ޕްލޭއަކުން، އައިހަމް ވަނީ ނިއުގެ ޑިފެންޑަރުންގެ ތެރެއިން ފޮނުވާލި ބޯޅަ ކީޕަރު މުހައްމަދު ފައިސަލް ހުރި ފަޅިއަށް ވަައްދާލާފަ އެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ބްރެޒިލްގެ މިޑްފީލްޑަރު ގިލްޔޭމީ ސިލްވާ ތަނަވަސްކޮށްދިން ބޯޅައަކުން ސެންޓޭ ވަނީ އަނެއްކާވެސް ފަސޭހަކަމާއެކު ގޯލު ޖަހައި ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މި ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗެކޭ އެއްފަދައިން، މި މެޗުގެ ވެސް ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތު ނުކުޅެ ސީދާ ދިޔައީ ޕެނަލްޓީ ޝޫޓްއައުޓަށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ނިއުގެ ސިލްވާ އާއި މާޒިޔާގެ އިލާން ޖެހި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. ނަމަވެސް ނިއުގެ އިތުބާރު ފޯވާޑް ޑޯރިއެލްޓަން ގޯމޭޒް (ޑޯރީ) ތިރިތިރިން ފޮނުވާލި ޕެނަލްޓީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، މޫސާ ޔާމީން ޖެހި ޕެނަލްޓީ ވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މާޒިޔާއަށް ތާރީހީ ތަށި ކަށަވަރުކޮށްދިން ނިންމައިދިން ޕެނަލްޓީ ކާމިޔާބުކުރީ ނައިޖީރިއާގެ ފޯވާޑް ބެންޖަމިން ކޫކޫ އެވެ. މިއީ މި ފެށުނު ސީޒަނުގައި ޕެނަލްޓީ ޖަހައިގެން ނިއު ބަލިކުރުމަށްފަހު މާޒިޔާއިން އުފުލާލި ދެވަނަ ތައްޓެވެ. ސީޒަން ހުޅުވި ޗެރިޓީ ޝީލްޑް ވެސް ކާމިޔާބުކުރީ މާޒިޔާއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355