twitterviber whatsapp telegramfacebookyoutube instagram
12th September 2026

ގަޑީލާރި އުނިނުކޮށް، އޯޓީ މުސާރާގައި ނުހިމެނުމަށް ފިނޭންސުން އަންގައިފި

Mar 18, 2020

ގަޑިޖެހުމުން މުސާރައިން އުނިކުރާ ފައިސާ، (ގަޑީލާރި) އުނި ނުކުރުމަށާއި އިތުރު ގަޑީގެ ފައިސާ (އޯޓީ) މުސާރައިގެ ތެރޭގައި ނުހިމެނުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ސޮއި ކުރައްވާ ނެރުނު އެ ސާކިއުލާގައި ބުނެފައި ވަނީ ކުރިއަށް އޮތް ހަފްތާ ސަރުކާރު ބަންދުވާނެތީ، މިއަދުގެ މެންދުރު 2:00ގެ ކުރިން ސަރުކާރުގެ ހުރިހާ އޮފީހަކުން ވެސް މުސާރަ ދިނުމަށް ބޭނުންވާނެ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު ފިނޭންސަށް އީ-މެއިލް ކުރުމަށެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19އާ ގުޅިގެން މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމާފައިވާތީ، މުވައްޒަފުންނަށް މިމަހުގެ މުސާރަ ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށް ފިނޭންސް މިނިސްޓްރީއިން ސަރުކާރުގެ ހުރިހާ އޮފީސްތަކަށް ސާކިއުލާއެއް ފޮނުވާފައިވަނީ އިއްޔެ އެވެ.

މުސާރައާ ގުޅިގެން މިނިސްޓްރީން ސާކިއުލާއެއް ނެރުނު އިރު އިއްޔެ ވަޒީރުންގެ މަޖިލީހުން ވަނީ ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ ކުޑަކުރަން ނިންމައިފަ އެވެ. އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނިކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މިހާރު ލަފާކުރެވިފައިވާ ގޮތުގައި މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ތެރެއިން 6.9 ބިލިއަން ރުފިޔާ މަދުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293