މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ބޭރުގައި ހާލުގައި ޖެހިފަތިބި ދިވެހިންނަށް ޒަކާތު ފަންޑުން މިހާތަނަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ރޭ ރާއްޖެ ޓީވީއަށް ދިން އިންޓަވިއު އެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް އެހީވުމަށް ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށް ބައިވަރު ފައިސާތަކެއް ވެސް ހަރަދު ކުރުމުން އަންނަ ކަމަށެވެ.
ބޭރުގައި ތިބި ދިވެހިންނަށް އެހީވުމުގައި ބޭސްފަރުވާ އަށް ގޮސް، އަނބުރާ ނާދެވި ތާށިވެފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ސްރީ ލަންކާ އާއި އިންޑިއާގައި ހާލުގައި ޖެހިފައިވާ ބައެއް މީހުން މިހާރު ވަނީ އަނބުރާ ގެނެސްފަ އެވެ. އަދި މެލޭޝިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ޒަކާތު ފައިސާއިން ހަރަދު ކުރަން ނުޖެހޭ ކަމަކަށް ހަރަދު ކޮށްފައި ނުވާނެ ކަމަށެވެ. ޒަކާތު ފައިސާ ރަނގަޅު ގޮތުގައި ހަރަދު ކުރުމަށް ޒަކާތު އެޑްވައިޒަރީ ކޮމެޓީއެއް އޮންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ކޮމެޓީގައި ތިއްބަވަނީ ދީނީ އިލްމްވެރިންނެވެ.
އަދި ޒަކާތު ފަންޑުން 16 މިލިއަން ރުފިޔާ މިދިޔަ އަހަރު ބޭސްފަރުވާ އަށް ހަރަދުކޮށްފައިވާ ކަމަށެވެ. ތެލަސީމިއާ ކުދިންގެ ފަރުވާއަށް ބޭނުންވާ ބޯން މެރޯ ސާޖަރީ ހަދަން ޒަކާތު ފަންޑުން ކޮންމެ އަހަރަކު ވެސް ހަރަދުކުރާކަމަށާއި އެ ކުދިންގެ ބޭސްފަރުވާ އާއި ފަރުވާ ހޯދަންދާ ގައުމެއްގައި ދިރިއުޅުމުގެ ހަރަދު ވެސް ކުރަނީ ޒަކާތު ފަންޑުންކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގަ އާއި ރިސޯޓް ތަކުގެ ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން މެދުކަނޑާލާފަ އެވެ. އަދި ކާޕެޓް އަޅާފައިވާ މިސްކިތް ތަކުގެ ކާޕެޓްތައް ނަގާ ރޯގާގެ އަސަރު ހުރި މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ނަމާދުގެ ޖަމާއަތުގައި ބައިވެރި ނުވުމަށް އިލްތިމާސްކޮށްފަ އެވެ.