މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެގެން އުޅޭ ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ ހާލަތުގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ބަންދު ދުވަހުގެ އިނާޔަތް ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ކޮވިޑް އާ ގުޅިގެން ރައީސް އޮފީހުން ދައުލަތުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން އެ މުއްދަތުގައި މުވައްޒަފުންނަށް އިތުރުގަޑީ އެލަވެންސާއި ބަންދު ދުވަސްތަކުގެ އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް މި ދިޔަ ހަފްތާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ދައުލަތުގެ އޮފީސްތަކަށް ވަނީ ސާކިއުލާއެއް ފޮނުއްވައިފަ އެވެ.
މިނިސްޓްރީން ބުނީ ރައީސް އޮފީހުން މި މަހުގެ އަށް ވަނަ ދުވަހު ނެރުނު ދެންނެވުމުގައި މިހާރު ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކަކީ ސިއްހީ ހާއްސަ ހާލަތަކާ ގުޅިގެން، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްތަކެއް ކަމަށާއި އެ ދުވަސްތަކަކީ ރާއްޖޭގެ ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ދުވަސްތަކެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އިތުރުގަޑީގެ ފައިސާ ދިނުމުގައި ބަންދު ދުވަސްތައް ކަމަށް ބަލާނީ ރައީސް ކަނޑައަޅުއްވާ ބަންދު ދުވަސްތަކާއި ސަރުކާރުގެ ބަންދު ދުވަސްތައް ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ. އަދި މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާ ލިބޭނީ ތިން ކެޓަގަރީއެއްގެ މުވައްޒަފުންނަށް ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އޮފީސްތައް ނުހުޅުވާ ހުންނަ މުއްދަތުގެ ތެރޭގައި މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން 12 މާޗު ވަނަ ދުވަހު އިއުލާނު ކުރައްވާފައިވާ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި" ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ކަނޑައަޅާ ފިޔަވަޅުތައް އެޅުއްވުމަށް، ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރޭ މުވައްޒަފުންގެ އިތުރުން ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށް އެ އިދާރާއެއްގެ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތް ކުރުމަށް އޮފީހަށް ނެރުއްވާ މުވައްޒަފުން ނެވެ.
އެ ހާލަތްތަކުގައި އޮފީހަށް ނެރޭ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖައްސަންވާނީ ރަސްމީގަޑީގެ ގޮތުގައި އެ މުވައްޒަފަކު ފުރިހަމަ ކުރުމަށް ކަނޑައެޅިފައިވާ ވަގުތުގެ އިތުރުން މަސައްކަތުގައި ހޭދަކުރާ ވަގުތަށް ކަމަށް އެސާކިއިލާގައިވެ އެވެ. އެގޮތުން އެ މުވައްޒަފުންނަށް މަސައްކަތު ދުވަހެއްގެ އިތުރުގަޑީގެ ފައިސާ ދޭނީ ހަ ގަޑިއިރު ހަމަކުރުމަށްފަހު، އިތުރަށް މަސައްކަތް ކުރި ވަގުތަށެވެ.
މި ހާލަތްތަކުގައި މަސައްކަތަށް ނެރޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭ އިނާޔަތް ދޭގޮތަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ދައުލަތުގެ އޮފީސްތަކުގެ މަސައްކަތްތައް ރާވައި، މުވައްޒަފުންނަށް އެ މަސައްކަތްތައް ހަވާލުކުރަންވާނީ އިތުރު ގަޑީގައި މަސައްކަތްކުރަން ނުޖެހޭނެ ގޮތެއްގެ މަތިން ކަމަށް މިނިސްޓަރު އަމީރު ވަނީ އޮފީސްތަކަށް އަންގަވައިފައެވެ.