ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވުނު ކަންކަމަށް މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 665.4 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓްގައިވާ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީގެ މަސައްކަތްތަކަށެވެ. ޖުމްލަ ހަރަދުގެ 91 ޕަސެންޓް ހޭދަކޮށްފައި ވަނީ އެ ދެ އިދާރާ އަށެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑެތި މަސައްކަތް ކުރާ މައިގަނޑު ދެ އެޖެންސީ އެވެ.
ކޮވިޑް-19 އަށް ކުރާ ހުރިހާ ހަރަދެއްގެ ތަފްސީލް ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އެ މިނިސްޓްރީން މިހާރު ވަނީ ސަރުކާރުގެ ހުރިހާ އިދާރާއަކަށް އަންގައިފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންއީއޯސީ) ން ކުރާ މަސައްކަތްތަކަށް މިހާތަނަށް ހަރަދު ކޮށްފައި ވަނީ 387 މިލިއަން ރުފިޔާ އެވެ. ހެލްތު މިނިސްޓްރީން 136 މިލިއަން ރުފިޔާ، ނޭޝަނަލް ޕްލޭނިން މިނިސްޓްރީން 28 މިލިއަން ރުފިޔާ، އެމްއެންޑީއެފުން ފަސް މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 3.4 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން 2.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނުން އެއް ލައްކަ ރުފިޔާ އާއި އައިޖީއެމްއެޗުން އެއް ލައްކަ އާއި ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84 މިލިއަން ރުފިޔާ އާއި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 15.9 މިލިއަނާއި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހޭދަކޮށްފައި ވެ އެވެ.
ހަރަދުތަކުގެ ތެރޭގައި ބައްޔަށް ޓެސްޓު ކުރުމަށާއި ކަރަންޓީން ފެސިލިޓީތަކަށާއި މެޑިކަލް ސާމާނު ހޯދުމަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތައް ގާއިމު ކުރުމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާޑުގެ ބާވަތްތައް ގެނައުން ވެސް ހިމެނެ އެވެ.
މި ހަރަދުތަކަކީ ސަރުކާރުގެ ފަރާތުން ކޮރޯނާވައިރަސް ހުއްޓުވުމަށްޓަކައި އޭޕްރިލް 30 ވަނަ ދުވަހާ ހަމަޔަށް ކުރެވިފައިވާ ހުރިހާ ހަރަދުތަކެއްގެ ތަފްސީލުކަމަށް ރިޕޯޓުގައި ވަނީ ހިމަނާފައެވެ.