އަސާސީ މުސާރައިގެ ގޮތުގައި 20،000ރ. އަށް މަތިން ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސާވިސްގެ އާންމު މުވައްޒަފުން ފިޔަވައި އެހެން މީހުންނާއި ދައުލަތުގެ ކުންފުނިތަކުގައި ވެސް ބޮޑެތި މުސާރަތައް ލިބޭ މީހުންގެ މުސާރަތައް މި ވަގުތު ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތަށް އިތުރު އާމްދަނީއެއް ނުލިބި މިހާރުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭތީ އިތުރު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި މިގޮތުން ގެންނަ އެއް ބަދަލަކީ އެމްޑީއިން އިންނާއި ޑީއެމްޑީއިންގެ އަސާސީ މުސާރައިން 20 ޕަސެންޓް ކުޑަކޮށް މީގެ އިތުރުން ބޯޑު އެލަވަންސް ކަނޑާލަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުގެ އެންމެ އިސްކޮށް ތިއްބެވި މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު، 20،000-25،000ރ.ގެ މުސާރަ ލިބޭ މީހުންގެ މުސާރައިން 20 ޕަސެންޓް އަދި 30،000ރ. އާއި 60،000ރ. މަތީން މުސާރަ ލިބޭ މީހުންގެ މުސާރައިން 35 ޕަސެންޓް ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި 20،000ރ. އިން މަތިީގެ މުސާރަތައް ލިބޭ މީހުންގެ މުސާރަ ކުޑަކުރަން ނިންމުން އޮފީސްތަކުގެ ޕާމަނެންޓް ސެކްރެޓަރީންނާއި ކޮންޓްރެކްޓް ސްޓާފުން އޭގެ ތެރެއަށް ވަންނާނެ އެވެ. ކުރިން ކަނޑައަޅާފައި އޮތް އުސޫލްގައި މުސާރަ ކުޑަކުރަން ނިންމާފައި އޮތީ ޑެޕިއުޓީ މިނިސްޓަރުން ފެށިގެން މަތީ މަގާމުތަކުން އެކަންޏެވެ.