ކޮވިޑް-19 ގެ ސަބަބުން އިގުތިސާދަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ބޭނުން ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޕެންޝަން ފަންޑެއްގައި ހުންނަ ފައިސާ އަކީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންވެސްޓްކޮށްފައިވާ ފައިސާ ކަމަށާއި އެ ފަންޑުން ފައިސާ ނެގުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތު އަދި ސަރުކާރުގެ ވިސްނުމަކީ މިހާރު ދިމާވެފައިވާ ހާލަތުގައި ޕެންޝަން ފަންޑުގައި ނުޖެހި އެހެން ގޮތް ގޮތުން ރައްޔިތުންނަށް ލުއިތައް ހޯދައިދިނުން ކަމަށްވެސް ވިދާޅުވީ އެވެ.
މީގެ އިތުރުން ރާއްޖޭގައި މިހާރު މިއޮތީ ކުރިން އޮތް ފަދަ ޕްރޮވިޑެންޓް ފަންޑެއް ނޫން ކަމަށާއި ބޮޑެތި ބޭނުން ޖެހުނީމާ ފައިސާ ނެގޭނީ އެފަދަ ޕްރޮވިޑެންޓް ފަންޑުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.