ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ އަށް މީހެއްހެގެ ފައިގައި ޓެގު އަޅުވައި މޮނީޓާ ކުރުމަށް ހައި ކޯޓުން މޮނިކޮން އަމުރު ނެރެފި އެވެ.
ރޭ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުގެ ހުރިހާ އިދާރާއެއްގެ މިސްރާބު ހުއްޓިފައިވާއިރު ނާޖައިޒު ފައިދާ ނަގަން މިވަގުތު އެކި ފަރާތްތަކުން އެކި ވިސްނުންތައް ގެންގުޅޭ ކަމަށާއި މުޖުތަމައުގެ ނުރައްކަލަށް ކުރަމުންދާ ކަންކަން ބަލަހައްޓައި މޮނީޓާކުރަން އަށް މީހެއްގެ މައްޗަށް މޮނިކަން އަމުރު ނެރެފައިވާ ކަމަށެވެ.
އަދި އެކަންކަން ހުއްޓުވުމަށް މިދިޔަ ހަފްތާގައި ފުލުހުން ބޮޑުތެ އޮޕަރޭޝަންތަކެއް ހިންގި ކަމަށާއި އެ އޮޕަރޭޝަންތަކުން ރަނގަޅު ކާމިޔާބެއްވެސް ހޯދިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ހަފްތާގެ މެދު ތެރޭ ބައެއް އޮޕަރޭޝަންތަކުގެ ތަފްސީލު މީޑިއާ ހަމަށް ގެންނަނަނެ ކަމަށާއި މިހާރު ހާއްސަކޮށް ހަރުކަށި ފިކުރުގެ ބައެެއް ފަރާތްތައް ހިންގަމުން އަންނަ ހަރަކާތްތަކާއި ނުވަތަ ރާވަމުންދާ ރޭވުންތައް ހުއްޓުވައި، އެފަދަ ކަންތަކުގައި ރައްޔިތުން ސަލާމަތް ކުރުމަށް ކުރިއަށްވުރެވެސް ބޮޑަށް ފުލުހުން ސަމާލުވެފައިވާ ކަމަށެވެ.
އިމްރާން ވިދާޅުވީ އިއްޔެ ވެސް ހައި ކޯޓުން ވަނީ އަށް ފަރާތެއްގެ މައްޗަށް މޮނިކަން އަމުރު ނެރެދެއްވާފައި ކަމަށާއި އެއީ އެ ފަރާތްތަކުން މުޖުތަމައުގެ ނުރައްކަލަށް ކުރަމުންދާ ބައެއް ކަންތައްތަކުގެ ސަބަބުން އެ ފަރާތްތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމަށްޓަކައި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ލިބިދީގެންވާ އިހުތިޔާރުގެ ދަށުން ހުށަހަޅައިގެން ވަނީ އަށް ފަރާތެއް މޮނިޓާކޮށް ކޮންޓްރޯލް ކުރަން އަމުރު ނެރެދެއްވާފައި ކަމަށެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގައި ބުނާގޮތުން އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅިދާނެއެވެ.
ހަރުކަށި ފިކުރު މީހުންގެ ޖަރީމާތައް ހުއްޓުވައި ރައްޔިތުން ސަލާމަތްކުރަން އިތުރަށް ސަމާލުވެ ސިފައިންނާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.