މުޅިދުނިޔެ އަށް ކުރިމަތިވެފައި މިވާ ކޮވިޑް-19 ގެ ބަލި މަޑުކަމަކީ އެތައް ބަޔެއްގެ ދިރިއުޅުމަށް ހީވެސް ނުކުރާފަދަ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ބިރުވެރި ހާދިސާ އެކެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި އަތްމަތި ދަތިވެ ހާލުގައި ޖެހުނު ހިތްދަތި ކަމަކަށް މި ބަލިމަޑު ކަމަކަށް މިވަނީ ވެފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލި، ފަގީރުވެ، މާލީ ގޮތުން ދަތިކަން މެދުވެރިވާ ކޮންމެ މުސްލިމަކަށް ފިތުރު ޒަކާތް ދިނުން ހައްގު ވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ އެއީ ވަގުތީ ދަތި ކަމެއް ކަމުގައި ވީނަމަވެސް އެފަދަ ފަރާތްތައް ޒަކާތް ހައްގުވާ މީހުންގެ ތެރެއިން ވާނެ ކަމަށެވެ.
ޑރ.ޝަހީމް ފާހަގަކުރެއްވި ގޮތުގައި މިހާލަތާ ގުޅިގެން މިހާރު ދަތި ހާލުގައި ޖެހިފައިވާ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މުސްލިމުންނަށްވެސް ފިޠުރު ޒަކާތް ދިނުން ހުއްދަވާނެ ކަމަށާއި އަމިއްލައަށް އެހެން ފަރާތެއް މެދުވެރިކުރުމެއް ނެތި ދަތި ހާލުގައި ޖެހިފައިވާ ފަރާތަށް ޒަކާތް ދިނުން ސައްޙަވާނެ ކަމަށާއި އެއީ ޝަރުއީ ގޮތުން ބަލައިގަނެވޭނެ ޒަކާތެއް ކަމުގަ އެވެ.
މިދިޔަ އަހަރު އެކުލަވައިލި ފަގީރުންގެ ލިސްޓަށް މި އަހަރު ފިތުރު ޒަކާތް ބަހަން އިސްލާމިކް މިނިސްޓްރީން ނިންމާފައި ވާތީ ޑރ.ޝަހީމް ވަނީ މީގެ ކުރިން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޑރ.ޝަހީމް ވިދާޅުވީ މިދިޔަ އަހަރުގެ ހާލަތާއި މި އަހަރުގެ ހާލަތު ވަރަށް ތަފާތު ކަމަށާއި ކޮވިޑް-19 ގެ ސަބަބުން ގައުމަށް ދިމާވެފައިވާ ދަތި ހާލަތުގައި އެތައް ބައެއްގެ ވަޒީފާ ގެއްލި މީހުން ހާލުގައިޖެހިފައިވާ ކަމަށެވެ. އެހެންވެ މި އަހަރު ޒަކާތް ބަހާއިރު ލިސްޓު އާ ނުކޮށް ޒަކާތް ބެހުމަކީ ޝަރުއީ ނަޒަރަކުން ބަލާއިރު ވެސް ރަނގަޅު ގޮތެއް ނޫން ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ދީނީ ކަންކަން ކުރަން ޖެހޭނީ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފައިވާ ގޮތުގައި މިއަހަރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ ޒަކާތު ހައްގުވެރިންގެ ލިސްޓަށެވެ.