twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބަނދަރު މެދުގައި ރޭމްޕް، ކުރިމަގުގައި ބޮޑެތި ދަތިތަކެއް

އަބްދުލް ވާހިދު ޙަސަން
Feb 22, 2021
8

އޭޑީބީ ފަންޑުން ކުޅުދުއްފުށީގައި ތަރައްގީކުރި ބަނދަރުގެ މެދުގައި ރޭމްޕް ލާފައިވާ ހުރުމުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ އެވެ. ބަނދަރުގެ މަސައްކަތް ނިންމާލާފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފައިވާއިރު އެތަނުން 236،844 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް، 24،450 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި، 1،000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ކޮންކްރީޓުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. 129.5 ގެ މަޝްރޫއުއެއް ނަމަވެސް މި މަޝްރޫއު ނިމުނުއިރު 137.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެމްޓީސީސީން ބުނެ އެވެ.

ބަނދަރު ހަދައި ނިމުނުއިރު ގިނަ މައްސަލަތަކެއް ފާހަގަވެފައިވާއިރު އެތަނުން އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ރޭމްޕް ލާފައި އިން ސަރަހައްދެވެ. ރޭމްޕް ލާފައިވަނީ ބަނދަރުގެ އެންމެ ކާރުބާރު ބޮޑުވާނެ ސަރަހައްދުގައި އެވެ. އެއީ ހަމަ ސީދާ ބަނދަރުގެ މެދެވެ. ކުރިމަގުގައި ރަށުގެ ތަރައްގީގެ މޫނު މައްޗެއްގެ ގޮތުގައި ބެލެވޭ މި ބަނދަރުގެ ރޭމްޕް ލާފައިން ތަނުގެ ގޮތުން މުޅި އެ ސަރަހައްދުގެ އަމާންކަމާއި ރީތިކަން ގެއްލިގެންދާނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ބަނދަރުގެ މެދުގައި ރޭމްޕް އިނުމުގެ ސަބަބުން ކުރިމަތިވާނެ އެންމެ ބޮޑު އެއް ދައްޗަކަށްވެގެން ދާނީ ބަނދަރު ބޭނުންކުރާ އެހެން އުޅަނދުތަކަށް ބަނދަރަށް ވަދެނުކުމެވުމަށެވެ. ބޮޑެތި ލޭންޑިން ކްރާފްޓް ރޭމްޕްގައި އެޅުމުން ބަނދަރުގެ ދެ ބައިވެ، ނެރުން ވަދެ ނުކުތުމަށް އޮންނަ މަގު ހަނިވާނެ އެވެ.

ބަނދަރުގެ މޫނުމަތި ހުތުރުވެ ރައްކާތެރިކަންވެސް ގެއްލޭނެ

މިހާރުވެސް ބޭނުންކުރާ ބަނދަރުގައި އެންމެ ބޮޑަށް ކުރިމަތިވާ އެއް މައްސަލައަކީ މުދާ ބާލައިއިރު ކުރިމަތިވާ މައްސަލަތަކެވެ. މަގު ބަންދުވާނެހެން ކްރޭން އޮތުމުން ލަފާފުރާ މީހުންނަށް ދަތިތައް ކުރިމަތިވުމުގެ އިތުރުން މަގު ބަންދުވުމުގެ ސަބަބުން އެއްގަމު އުޅަނދުތަކަށް ދަތިވެ، އެ ސަރަހައްދުގެ ރައްކާތެރިކަންވެސް ގެއްލެ އެވެ. އެހެންވުމުން މިހާރުވެސް ކްރޭން ފަދަ އުޅަނދުން މުދާ ބޭލުމުގައި އެތަނުގެ ޓްރެފިކަށް ވަރަށް ބޮޑަށް ބަލަން ޖެހެ އެވެ. ގިނަ ފަހަރު މެންދުރުފަހު އެ މަސައްކަތް ކުރުމުން ރައްކާތެރިކަން ބޮޑުވިޔަސް އެއީ ވިޔަފާރިވެރިންގެ ޝަކުވާއެވެ. މުދާ ނުބޭލި ލަސްކުރުމަކީވެސް އެންމެ ރަނގަޅު ހައްލަކަށް ނުވެ އެވެ.

ބަނދަރުތަކަކަށް ބޮޑެތި ދަގަނޑު އުޅަނދު ވަދެ ނުކުންނަނީ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާނެ ހެވީ ވެހިކަލްތަކާއި އެހެނިހެން އެފަދަ މުދާ ބަރުކޮށްގެންނެވެ. ދަތުރުވެރިންނަށް ހާއްސަ މި ބަނދަރުގައި ފެރީ ޓާމިނަލެއް އޮންނައިރު އެ ކޮޅުގައި ވަނީ ލޯންޗު ފަދަ އުޅަނދުތަކަށް ހާއްސަކުރެވިފަ އެވެ. އެހެންވުމުން ބަނދަރުގެ މެދުގައި ބޮޑެތި ހެވީވެހިކަލްތަކާއި ކުންޏާއި އެހެނިހެން އެފަދަ ތަކެތި އަރުވައި ބޭލުމުގެ މަސައްކަތް ކުރަމުންދާއިރު އެ ސަރަހައްދުގެ ހާލަތު އޮންނާނެ މަންޒަރު އަމިއްލައަށް ވިސްނާލާށެވެ. ދެކޮޅަށް ޓެކްސީތަކާއި މީހުން ދަތުރުކުރާއިރު ބަނދަރުގެ މަގުވެސް އޮންނާނީ ބަންދުވެ، ރައްކާތެރިކަން ގެއްލި މުޅިން ގޮނޑުވެފަ އެވެ.

ރޭމްޕް ބަނދަރުގެ މެދުގައި ހުރުމުން ރައްކާތެރިކަން ގެއްލި ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެކަމަށް ބެލެވޭއިރު ކުރިމަތިވާނެ އަނެއް މައްސަލައަކީ ރަށުގެ އެންމެ މުހިންމު ސަރަހައްދު ގޮނޑަކަށްވުމުގެ ނުތަނަސްކަމެވެ. ރަތް ޖެޓީއެއް ލައި ރަށުގެ ހައިބަތު އެންމެ ފުރިހަމައަށް ދަތުރުވެރިންނަށް ދައްކާލެވެން އޮތް މި ބަނދަރުގެ މެދުގައި ދަގަނޑު އުޅަނދެއް އޮވެ، ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ މުދަލާއި އެހެނިހެން ގުޅުން ހުރި މުދަލުގެ އިތުރުން ކުނި އުފުލަން އޮތުމުން އެސަރަހައްދު ފެންނާނެ މަންޒަރު ހިތަށް ގެންނާށެވެ. މުޅި ސަރަހައްދު އޮންނާނީ ގޮނޑެއްހެން ނޫން ތޯ އެވެ؟

ބަނދަރުގެ މަސައްކަތް ފަށައިގަތްއިރު ރޭމްޕް ލާގޮތަށް ހަމަޖައްސާފައިވަނީ ބަނދަރުގެ ހުޅަނގު ދެކުނު ކަނުގައި އެވެ. އެތަނުގައި ރޭމްޕް ލުމަށް ހަމަޖައްސާފައިވަނީވެސް ވަރަށް މުހިންމު ސަބަބެއް އޮވެގެންނެވެ. އެއީ ކުރިން މިފާހަގަކުރި މައްސަލަތައް ކުރިމަތިނުވާނީ އެތަނުގައި ރޭމްޕް އޮތުމުންކަމަށް ވާތީ އެވެ. އޭރުން ބަނދަރު ބޭނުންކުރުމުގައި އުޅަނދު ފަހަރަށް ދަތިނުވެ މަސައްކަތްކުރެވޭނެތީ އެވެ. އަދި ބަނދަރުގެ މެދު ސަރަހައްދު ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންވެސް މެ އެވެ. އޭރުން އެހެން އުޅަނދުތަކާއި ވެހިކަލްތަކަށް އުނދަގޫނުކޮށް، ވަކިން އެތަނުގައި ލޭންޑިން ކުރާފްޓް އޮވެ މުދާ ބަލައި އެރުވޭނެތީކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން ބުންޏެވެ. އަދި ހެވީ ވެހިކަލްތައް ރަށުތެރެއަށް ނާރުވަ ފަޔަރ ސްޓޭޝަން ކުރިމަތި ބޮޑުމަގުން ވެހިކަލްތަކަށް ދަތުކުރެވޭނެތީ އެވެ.


"އެކަމަކު މިހާރު ރޭމްޕް އޮންތަނުން ކުނިލޮރީވެސް ދާން ޖެހެނީ ބަނދަރުގެ މެދަށް. ފެރީތަކާއި ލޯންޗުތަކާއި ޓެކްސީތަކުގެ ތެރެއަށް. ކުރިން އޮތްގޮތުން މާދުރުން ވަކިން ދެވޭނެ ރަށުތެރެއަށް ނާރުވަ." މައުލޫމާތު އެނގޭ އޮފިޝަލު ވިދާޅުވި އެވެ.

ރޭމްޕް ބަނދަރު މެދަށް ބަދަލުކުރީ އަޑުގަދަ ބައެއްގެ ސަބަބުން!

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް 2019 ވަނަ އަހަރުގެ ޖުލައިމަހު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި އޮޑިވެރިންގެ ތެރެއިން ބަޔަކު އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި އޮޑިވެރިން ވަނީ ބަނދަރު ހަދަމުންދާގޮތާމެދު ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފަ އެވެ.

އޮޑިވެރިން ނައިބު ރައީސް އަރިހުން އެދުނީ ބަނދަރަށް ބަދަލުތަކެއް ގެނައުމަށެވެ. އޭގެ ތެރެއިން ގިނަ ކަންތައްތަކަކީ ރަނގަޅު ކަންތައްތައް ނަމަވެސް ރޭމްޕް ބަނދަރުގެ މެދަށް ބަދަލުކުރަން ހުށަހެޅި ހުށަހެޅުމަކީ ގޯހެކެވެ. އޮޑިވެރިން އެދުނު ގޮތަށް ކައުންސިލުންވެސް އެ ބަދަލުތައް ގެނައުމަށް ސަރުކާރުގައި ލިޔުމުން އެދުނެވެ.

އޮޑިވެރިންވެސް އަދި ކައުންސިލްވެސް އެދުނު ގިނަ ކަންތައްތަކުގެ ތެރެއިން ބަނދަރު ނިންމާލިއިރު ވެފައިވަނީ މަދުކަމެއްކަން ފާހަގަކުރެވެ އެވެ. އެގޮތުން ވި އެއްކަމަކީ ބަނދަރުގެ މެދަށް ރޭމްޕް ބަދަލުކުރުމެވެ.

މިބަނދަރު ނިމުމުއިރު އެ ނޫންވެސް މައްސަލަތައް އެބަހުއްޓެވެ. ކައުންސިލުން އެކަންކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ހުށަހަޅާފައިވާކަމަށް އެ ފަރާތުން ބުނެ އެވެ. ކޮންމެއަކަސް ކުޅުދުއްފުށީ ބަނދަރަކީ މާލެއިން އުތުރުގެ އެންމެ ކާރުބާރު ބޮޑު ބަނދަރެވެ. ދުވާލަކު އެތައްސަތޭކަ ބަޔަކު މިބަނދަރުގެ ބޭނުންދަނީ ކުރަމުންދާއިރު އެކަށީގެންވާ ރައްކާތެރި ރަނގަޅު ބަނދަރެއް މިރަށުގައި އޮތުމަކީ ކޮންމެހެން ކުރަން ޖެހޭކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355