twitterviber whatsapp telegramfacebookyoutube instagram
28th March 2024

2023 ގެ ނިޔަލަށް ހުރިހާ ޒޯނެއްގައި ހައިސްޕީޑް ފެރީ ނިޒާމް ގާއިމް ކުރެވޭނެ

ޚަދީޖާ އާދަމް
Mar 17, 2021

ހައި ސްޕީޑް ފެރީ ނިޒާމުގެ ހިދުމަތް 2023ގެ ނިޔަލަށް ހުރިހާ ޒޯނެއްގައި ގާއިމްވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއާ ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މިމަޝްރޫއުގެ ދަށުން ފުރަތަމަ ޒޯންގައި ހިމެނޭ އަތޮޅުތަކުގައި މިއަހަރުގެ ނޮވެމްބަރު މަހު ފެރީގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ފުރަތަމަ ޒޯންގައި ހިމެނޭނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅެވެ.

އަންނަ އަހަރު އިތުރު ދެ ޒޯންގައި މަސައްކަތް ފަށާނެ ކަމަށާއި 2023 ވަނަ އަހަރު ނިމެންވާއިރަށް ހުރިހާ ޒޯނެއްގައި ފެރީގެ ނިޒާމް ގާއިމްކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޒޯންތަކަށް ބަހާލައިގެން މަޝްރޫއު ހިންގާ މި މަޝްރޫއުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ކުރަންޖެހޭނެ ކަމަކީ މިކަން ހިންގޭނެ އިތުރު ގޮތްތައް ހޯދުން ކަމަށްވާތީ އެއް ޒޯންގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަން ނިންމީވެސް މިސަބަބަށްޓަކައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަސައްކަތަކީ ސީދާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށާއި މިކަމަށް 157 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި ހިދުމަތް ގާއިމުކުރާނީ ރާއްޖޭގެ އަތޮޅުތައް 6 ޒޯނަކަށް ބަހާލައިގެންނެވެ. ހިދުމަތް ދިނުމުގައި 3 ރޫޓެއް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނެނީ ކައިރި ރަށްރަށަށްކުރާ ކުރު ދަތުރުތަކަށް ކޮމިއުޓަރ ލިންކާއި ހާއްސަ ހާލަތްތަކުގައި ދުރު ރަށްރަށަށް ބާއްވާ ނޮންކޮމިއުޓަރ ލިންކާއި އެއްޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355