twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ނުހަނު އިސްކަމެއްދޭނަން: އާތިފް

އަބްދުލް ވާހިދު ޙަސަން
Mar 22, 2021
6

ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި މުހައްމަދު އާތިފް ފާހަގަރެއްވީ ފަގީރުކަމެވެ. ލާރި ލިބޭނެ ގޮތްތައް ނެތުމެވެ، ނުވަތަ އެމަގުން ދިޔުމަށް މާލީގޮތުން ހުރި ގޮންޖެހުންތަކެވެ. އެހެންކަމުން އާތިފް ވިދާޅުވީ، އެމްޑީޕީގެ ސިޓީ ކައުންސިލެއްގައި އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަމަކީ ރައްޔިތުން ފުދުންތެރިކުރުމެވެ.

"މިރަށުގައި ދެން އޮތް ހަމަ އެންމެ ބޮޑު މައްސަލައަކީ ފަގީރުކަން، ލާރި ލިބޭނެގޮތެއް ނެތުން. ރައްޔިތުން ފުދުންތެރިކުރުމަކީ އަޅުގަނޑުމެން ސިޓީ ކައުންސިލަކުން ނުހަނު އިސްކަމެއްދީގެން ކުރާނެ މަސައްކަތެއް." އެމްޑީޕީގެ ޓިކެޓްގައި ކުޅުދުއްފުށި މޭޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓް މުހައްމަދު އާތިފް ވިދާޅުވި އެވެ.

އެގޮތުން އޭނާ ވިދާޅުވީ، ރަށުގެ މަސައްކަތްތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކަކީ ރަށުގެ ކުންފުނިތަކަށް ދީގެން ހިންގާނެ ޕްރޮޖެކްޓްތައްކަމުގައި ހަދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރަށުގެ އިގްތިސޯދުގައި ދައުރުވާ ފައިސާ އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން ގޭގައި ހަދާ ލޯކަލް ޕްރޮޑަކްޓްސްތަކާއި ރަށުގެ އުފެއްދުންތައް އިތުރުކޮށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމުގެ ގޮތުން އެ ތަކެތި އިސްތިހާރުކުރުމަށް ބްރޭންޑްކޮށް މާކެޓްކޮށްދޭނެ ކަމަށެވެ.

ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން މި ސިޓީއަކީ ބޮޑެތި އިންވެސްޓްމެންޓްތަކަށް ހުޅުވާލެވިފައިވާ ސިޓީއެއްކަމުގައި ހަދާނެ ކަމަށާ މިގޮތުންގެ މިހާރުވެސް ވާނީ ބައެއް ކަންކަން ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އާތިފް އިއުލާނުކުރެއްވި އެއްކަމަކީ ރަށުގައި ސްލިޕްވޭއެއް ތަރައްގީކުރުމަށް އިންވެސްޓަރުންނަށް ހުޅުވާލާނެކަމަށެވެ.

ވިޔަފާރިއެއް ފެށުމަށް ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މާލީ ތަނަވަސްކަން، ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ވިޔަފާރި ފެށުމަށް ހުރި ދަތިތައް ހައްލު ހޯދައިދިނުމަށް ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށް އިކޮނޮމިކް މިނިސްޓްރީން އާއި ދެންވެސް ހުރި އެހެން ބައެއް މުވައްސަސާތަކުން ފުރުސަތުތައް ހޯދައިދީ، ޒުވާނުންނާ ހަމައަށް އެ ފުރުސަތުތައް ގެނެސްދޭނެކަމަށެވެ.

އާތިފް ވިދާޅުވީ، ކުޅުދުއްފުށީގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށްޓަކާ ޓިވެޓް ސެންޓަރު މެދުވެރިކޮށް ޒުވާނުންނާ އެހެންވެސް ރައްޔިތުންގެ ހުނަރު ތަރައްގީކޮށް، މީހުން ބިނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓުން އިސްނަގައި ދާދިފަހުން ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ކުރިއެރުވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ދާއިރާގެ ފުންނާބު އުސް ކޮންސަލްޓަންޓް އަބުދުﷲ ރަޝީދު (އައިސީ) ގެނެސް ވަނީ ސެޝަންތަކެއް ކުރިއަށްގެންގޮސްފަ އެވެ.

އެކަމަށް އަލިއަޅުވާލާއި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ އައިސީގެ ފަރާތުން ލޯކަލް ޓޫރިޒަމާ ބެހޭގޮތުން ބައިވަރު ހިޔާލުތައް ލިބިފައިވާ ކަމަށެވެ.

"މި ސިޓީއަށް ލޯކަލް ޓޫރިޒަމް ތައާރަފުކުރާނަން. އަޅުގަނޑުމެން މި ސިޓީއަށް ހޯމް ސްޓޭ ވިޔަފާރި ތައާރަފުކުރާނަން." އާތިފް ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމް ތައާރަފުކޮށް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދުނިޔެއަށް ކުޅުދުއްފުށި އިސްތިހާރުކޮށް، މި ސިޓީއަށް ފަތުރުވެރިން އަރުވާނެކަމަށެވެ.

"މިއީ ހަމަ ރަށުގެ ރައްޔިތުންގެ އަތްމަތި ތަނަވަސްކުރަން. ކުރަން ވިސްނާފައި ހުރި ކަންތައްތައްކަން ފާހަގަކޮށްލަން." އާތިފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355