ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން ހުރިހާ މިސްކިތްތަކަކަށް އަންގައިފި އެވެ.
ހުޅުމާލެގައި ހުންނަ ސަހަރާ މިސްކިތުގައި 13 އަހަރާއި 15 އަހަރުގެ ކުދިން އިމާމުވެ ނަމާދުކުރާ މައްސަލަ ފެންމަތިވެފައި އިސްލާމިކް މިނިސްޓްރީން މިވަނީ ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އަންގައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިން އިމާމުވެ ނަމާދު ކުރާ މައްސަލަ އެމިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާރު އެ ފަރާތްތަކަށް ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުމަށް އަންގާފައިވާނެ ކަމަށެވެ.
މިހާރު ކުރިއަށްދާ އީދު ބަންދަށް ފަހު ހުރިހާ ރަށްތަކަށް މިނިސްޓްރީން ސާކިއުލާއެއް ފޮނުވައި އެގޮތަށް ކަންތައް ނުކުރުމަށް އަންގާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ ބުނެފައިވެ އެވެ.
ކަނޑައަޅާފައިވާ އިމާމުންނަށް ނުދެވޭ ހާލަތުގައި އިމާމުވެ ނަމާދު ކުރުމަށް ވެސް އިތުރު ފަރާތްތައް ތިބޭނެކަން ފާހަގަކުރަމުން އެމިނިސްޓްރީން ބުނީ އެމީހުން (ހުޅުމާލެ ސަހަރާ މިސްކިތް) ކުޑަކުދިން ލައްވާ ޖަމާއަތުގައި ނަމާދުކުރުވި ކަމަށާއި އެމިނިސްޓްރީން އެކަމާ ބެހޭގޮތުން އެހީމަ ބުނީ އެއީ ކޯސް ހަދަމުިންދާ ކުދިން ކަމަށާއި އެއީ އެ ކުދިން ޓްރެއިން ކުރުވަން ކުރާ ކަމެއް ކަމަށެވެ. އަދި މިނިސްޓްރީން އިތުރަށް ބުނީ އެ މައްސަލަ ހިނގާދިޔަ ގޮތް ބެލުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ހާއްސަ ހުއްދަނެތި އިމާމުވެ މިސްކިތްތަކުގައި ނަމާދު ކުރުމަކީ މަނާ ކަމެކެވެ.