މި އަހަރު ނިމުމުގެ ކުރިން ކުޑަކުދީންގެ ޖަލުގެ މަސައްކަތް ނިމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ހޯމް ސެކްޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ކުށްކުރާ ކުދިންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަމާޒަކީ ކުށުގެ ވެށިން ކުދިން ދުރުކުރުވުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިހާރަކަށްއައިސް ގިނަ ކުށްތަކުގައި ކުޑަކުދިން އަންނަނީ ޝާމިލްވަމުންނެވެ. މި ޖަލަކީ އެކިއެކި ކުށްކުށުގައި ޙުމްތަންފީޒުކުރަންޖެހޭ ކުޑަކުދިން ބައިތިއްބަން ހަދާ ޖަލެކެވެ.
ކުށްކުރާ ކުދިން ކުށުގެ ވެށިން ދުރުކުރުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމަސައްކަތް ކުރަން ތަމްރީނުކުރެވިފައިވާ މުވައްޒަފުން މުޅި ރާއްޖޭގައި ވެސް ނެތުންކަމަށާ، އެހެންނަމަވެސް ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު މިހާރު ވަނީ އެކަމަށް ޓަކައި ރަނގަޅު މަގުތަކެއް ފެނިފައިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ކުޑަކުދިންގެ ޖަލުގެ މަސައްކަތް މިއަހަރުގެ ޑިސެންބަރު މަހުގެކުރިން ނިމޭނެކަމަށާ، އެއަށްފަހު އަންނައަހަރު ފެށޭއިރު އެތަނުގައި ކުދިން ބޭއްތިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މީގެއިތުރުން ދ.ކުޑަހުވަދޫގައި ޖުވެނައިލް ޖަސްޓިސްގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ވަނީ ކ. ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމްކޮށްފައި ހުންނަ ކުޑަކުދިންގެ ޖަލަކީ ބަންދުގައި ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެފައެވެ.