ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަންގެ އެފްއައިވީބީ ބީޗްވޮލީ ޓުއާގެ މުބާރާތެއް އަންނަ އަހަރު ރާއްޖޭގައި ހޯސްޓްކުރާގޮތަށް ނިންމާ ޝެޑިއުލްކޮށްފި އެވެ.
އަދި އޮތްގޮތުންނަމަ ރާއްޖޭގައި ބޭއްވޭ މި ބީޗްވޮލީ ޓުއާގެ މެޗުތައް ކުރިއަށްދާނީ އަންނަ އަހަރުގެ އޮކްޓޫބަރު 13 - 16 ގެ ނިޔަލަށެވެ. އަދި މިއީ ދުނިޔޭގެ ފެޑެރޭޝަނުން ބާއްވާ މި ފަދަ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރެވިގެންދާނެ ފުރަތަމަ ފަހަރެވެ.
މިއީ ރާއްޖޭގެ ވޮލީއަށް ވަރަށް ބޮޑުކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ވަނީ ރާއްޖެއަށް ދާދިފަހުން ކުރެއްވި ދަތުރުފުޅެއްގައި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ބައްދަލުކުރައްވާފަ އެވެ.
މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ބީޗް ވޮލީބޯލް ޓުއާގެ ތިން ބައިގެ ތެރެއިން އެއް ބައި ރާއްޖޭގައި ހޯސްޓް ކުރާށެވެ. ބީޗް ވޮލީބޯޅައިގައި ކުރިއަށްދަނީ ފިއުޗާ، ޗެލެންޖާސް އަދި އެލީޓް 16 ގެ ބައެވެ.
މީގެތެރެއިން ރާއްޖޭގައި ކުރިއަށްގެންދަނީ ނިންމުނީ ޗެލެންޖާސްގެ ބަޔެވެ. އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން ވައިލްޑްކާޑް އެންޓްރީއެއްގައި ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބޭނެ ކަމަށް ވީއޭއެމުން ހާމަކުރެ އެވެ.
ވީއޭއެމުން ބޭއްވެވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ގްރާސާ ވިދާޅުވީ ދުނިޔޭގެ ބީޗްވޮލީބޯޅައިގެ މުހިއްމު މަންޒިލަކަށް ރާއްޖެ ހެދޭނެ ކަމަށެވެ. އެއީ ރާއްޖެ އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ސިޓީއަކަށް ވުމުންކަން ގްރާސާ ފާހަގަކުރެއްވި އެވެ.
މި އިވެންޓް ރާއްޖޭގައި ހޯސްޓްކުރެވިގެން ދިއުމަކީ ދިވެހި ކުޅުންތެރިންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.