twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނަރުދޫއާއި ފޯކައިދޫ ބައްދަލުކުރި މެޗުން ޓެކާސް މުބާރާތް ފަށައިފި

މުޙައްމަދު އަހުމަދު
Jan 27, 2022

ށ. ނަރުދޫއާއި ށ. ފޯކައިދޫ ބައްދަލުކުރި މެޗުން ޓެކާސް މޯލްޑިވްސް ކަޕްގެ ށ އަތޮޅުގެ މެޗުތައް ފަށައިފި އެވެ. ފޯކައިދޫއާއި ނަރުދޫ ބައްދަލުކުރި ފުރަތަމަ މެޗު ނިމުނީ 2 - 2 ން އެއްވަރުވެގެންނެވެ.

ށ އަތޮޅުގެ މެޗުތައް އިއްޔެ ފަށާފައިވާއިރު ށ އަތޮޅުގެ މުބާރާތުގައި ޓީމުތައް ބަހާލާފައިވަނީ 2 ގްރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ފޯކައިދޫއާއި ނަރުދޫ އަދި ފީވަކެވެ. ގްރޫޕް ބީގައި ހިމެނެނީ މިލަންދޫ، ފުނަދޫ އަދި ނޫމަރާ އެވެ.

މުބާރާތް ފެށި މެޗުގައި ފޯކައިދޫއާއި ނަރުދޫ 2 - 2 ން އެއްވަރުވިއިރު ދެވަނަ މެޗުގައި މިލަންދޫއިން ވަނީ ފުނަދޫގެ މައްޗަށް 2 - 1 ން ކުރިހޯދާފަ އެވެ. ފޯކައިދޫއާއި ނަރުދޫ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނަރުދޫގެ ޖޯޒީ ނަމްބަރު 14 އަބްދުލް މުހައިމިން މޫސާ އެވެ. އަދި މިލަންދޫއާއި ފުނަދޫ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މިލަންދޫގެ ޖޯޒީ ނަމްބަރު 1 އަހްމަދު ހުޝާމް އެވެ.

މުބާރާތް އެންމެ ފުރަތަމަ ފަށަން އޮތީ މިމަހުގެ 18 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ކުޅުދުއްފުއްޓާއި ހަނިމާދޫ ބައްދަލުކުރާ މެޗުންނެވެ. އެހެންނަމަވެސް ހދ އަތޮޅުގައި ކޮވިޑް ކޭސްތައް ގިނަވާން ފެށުމުން މުބާރާތް ފަސްކުރީ އެވެ. ދެން ހދގެ މެޗުތައް ކުޅޭނީ ށ އަދި ނ އަތޮޅުގެ މެޗުތަކަށް ފަހުގަ އެވެ.

ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.

ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ.

އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޒޯންތައް ބެހިފައިވާ ގޮތް:

ޒޯން 1: ހއ، ހދ، ށ، ނ

ޒޯން 2: ރ، ބ، ޅ، މާލެ (އުތުރު)

ޒޯން 3: މާލެ (ދެކުނު)، ވ، އއ، އދ، މ

ޒޯން 4: ތ، ލ، ގއ، ގދ، ޏ، ސ/އައްޑޫ

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.

މުބާރާތުގެ ހުރިހާ މެޗެއް ވެސް ނަރުދޫގައި ކުރިއަށްދާއިރު މުބާރާތުގެ މިއަދުގެ ފުރަތަމަ މެޗުގައި ހަވީރު 4 ޖަހާއިރު ފުނަދޫއާއި ނޫމަރާ ބައްދަލުކުރާއިރު ދެވަނަ މެޗުގައި 5 ޖަހާއިރު ނަރުދޫ ނުކުންނާނީ ފީވަކާ ދެކޮޅަށެވެ. މިއީ ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355