twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޕެނަލްޓީގައި މާފަރު ބަލިކޮށް ޒޯން 1 ގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް!

މުޙައްމަދު އަހުމަދު
Feb 14, 2022

މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ޒޯން 1 ގެ ފައިނަލުގައި 1 - 1 ން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން މާފަރު ބަލިކޮށް ޒޯންގެ ތަށި ކުޅުދުއްފުށިން ހިއްލާލައިފި އެވެ.

ކުޅުދުއްފުށިން މާފަރުގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކުރިއިރު މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގައި ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތު ލިބުނެވެ. މެޗުގައި ކުޅުދުއްފުށީގެ ލަނޑު ޖަހައިދިނީ މައްލެ ދިން ބޯޅައަކުން އަންވަރު ބާޑޭ އެވެ.

މެޗުގައި ކުޅުދުއްފުއްޓާއި މާފަރުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ބައިވެރިވި މި ފައިނަލަކީ އެހާމެ ފޯރިގަދަ އަދި ވާދަވެރިކޮށް ނިމިގެންދިޔަ ފައިނަލެކެވެ. 4 - 2 ން ކުޅުދުއްފުށިން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކުރިއިރު މައްލެއާއި އަންވަރުގެ ޕެނަލްޓީ ނުވަދެ އެވެ. ޑޭވިޑް އަދި ހަސަން މުހައްމަދުގެ ޕެނަލްޓީ ގޯލަށް ވަންއިރު ކުޅުދުއްފުށި މޮޅުކޮށްދިން ލަނޑުޖަހައިދިނީ އަހްމަދު މުހައްމަދު (ވެނިސް) އެވެ.

މާފަރުގެ ގިނަ ޕެނަލްޓީތަކެއް ކުޅުދުއްފުށީގެ އާދަޔާހިލާފަށް މޮޅު ކީޕަރު މާހީ އަބްދުﷲ ދިފާއުކުރިއިރު އޭނާ ވަނީ މެޗުގައި ވެސް ރަނގަޅު ގިނަ ސޭވްތަކެއް ހަދާފަ އެވެ. އަދި ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ މާހީ އެވެ.

ގަދަފަދަ ފޯކައިދޫ ބްލޮކް ފައިނަލުގައި ބަލިކޮށް މާފަރުން ޒޯން ފައިނަލަށް ދަތުރުކުރިއިރު ކުޅުދުއްފުށި ޒޯން ފައިނަލާ ހަމައަށް އައީ ފޯރިގަދަ އަތޮޅު ފައިނަލުގައި ހަނިމާދޫ ބަލިކޮށްގެންނެވެ.

ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.

ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ. އެގޮތުން ބަލާއިރު ހދގެ ޗެމްޕިއަނުން ބައްދަލުކުރަންޖެހޭނީ ހއގެ ޗެމްޕިއަނުންނާ އެވެ.

އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.

މިއީ ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355