ކޭޕީއެލްގެ ބިމުން ކާޑު ފެކްޓްރީއަށް ބިން ކަނޑައެޅުމުގެ ސަބަބުން އިތުރު ބިމެއް ނުގެއްލި ސަލާމަތްވި. މި ފެކްޓްރީގެ ސަބަބުން އިގްތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނާނެ.
އެސްޓީއޯގެ ކާޑު ފެކްޓްރީ އެޅުމަށް ކުޅުދުއްފުށިން ބިން ކަނޑައަޅައިފި އެވެ. އެގޮތުން ފުށާއި ހަނޑުލުގެ މި ފެކްޓްރީ ގާއިމުކުރުމަށް ބޭނުންވާ ދެ ލައްކަ އެގާރަހާސް ފަސް ސަތޭކަ ދިހަ އަކަފޫޓްގެ ސަރަހައްދެއް ހަމަޖައްސަން ސިޓީ ކައުންސިލުން ނިންމާ ފާސްކުރީ މިދިޔަ ބުދަދުވަހު ބޭއްވި ބައްދަލުވުމުގައި އެވެ.
ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ފާހަގަކުރެއްވީ، ފެކްޓްރީގެ ސަބަބުން ކުޅުދުއްފުއްޓަށާއި މިސަރަހައްދުގެ އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެހެންވުމުން މި ފެކްޓްރީއަކީ މި ސިޓީއަށް ނުހަނު ބޭނުންތެރި މުހިންމު ފެކްޓްރީއެއްކަމަށް މެމްބަރުން ވިދާޅުވި އެވެ. ކާޑު ފެކްޓްރީ ގާއިމުކުރުމަށް ބިން ކަނޑައަޅާފައިވަނީ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް (ކޭޕީއެލްގެ) ބިމުގެ ސަރަހައްދުންނެވެ.
ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ، ކާޑު ފެކްޓްރީގެ ސަބަބުން އިގްތިސޯދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެއާއެކު މި ސިޓީ އާއި މި ސަރަހައްދުގެ ވިޔަފާރިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެކްޓްރީ ގާއިމުކުރުމަށް ބޭނުންވާ ބިން ކޭޕީއެލްގެ ސަރަހައްދުން ކަނޑައެޅިގެން ދިޔުމަކީ ވަރަށް ރަނގަޅަށް ކުރެވުނު ކަމެއްގެ ގޮތުގައި މުހައްމަދު ފާހަގަކުރެއްވި އެވެ. އަދި ކުޅުދުއްފުށީގައި މި ފެކްޓްރީ ގާއިމުކުރުމަށް ސަރުކާރުން ނިންމެވީތީ ރައީސުލް ޖުމްހޫރިއްޔާއަށާއި އެސްޓީއޯގެ ވެރިންނަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.
ކާޑު ފެކްޓްރީގެ ސަބަބުން އުމްރާނީ ތަރައްގީ ފެށިގެންދާނެކަމަށް ވިދާޅުވަމުން މެމްބަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވީ، ފެކްޓްރީއާއެކު ގިނަ ވަޒީފާތަކާއި ބައިވަރު ލޮޖިސްޓިކްސްތައް އުފެދިގެންދާނެ ކަމަށެވެ.
ކޭޕީއެލްގެ ބިމުން ކާޑު ފެކްޓްރީއަށް ބިން ކަނޑައެޅިގެން ދިޔަކަމުގައިވިޔަސް ކޭޕީއެލްގެ ތަރައްގީއަށް ކުރިއަށް ހުރި އެއްވެސް ޕްރޮޖެކްޓަކަށް މިކަމުގެ ސަބަބުން ހުރަހެއް ނޭޅޭނެ ކަމަށެވެ.
ކާޑު ފެކްޓްރީއަށް ބިން ކަނޑައެޅުމުގެ މަޝްވަރާއަށް މިމަހުގެ ކުރީ ކޮޅު ވަނީ ކުޅުދުއްފުށީގައި ކުރިއަށްގެންގޮސްފަ އެވެ.
އެގޮތުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއެކު ސިޓީ ކައުންސިލުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.