ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ ރީޖަނަލް ބޭސް ފިހާރައިން ބޭސް ލިބުމުގެ ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ފަރުހަތު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްޓީއޯ ފާމަސީން ބޭސް ލިބުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކާ ކަމާ ގުޅުން ހުރި އިދާރާތަކާ ދެ މަޖިލިސް މެންބަރުންނާ ގުޅިގެން ގިނަގުނަ މަސައްކަތެއް މިހާރު ކުރަމުންދާ ކަމަށެވެ.
"އެސްޓީއޯ ފާމަސީން ބޭސް ލިބުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ކުޅުދުއްފުށި ސިޓީ ތަމްސީލުކުރައްވާ ދެ މަޖިލިސް މެންބަރުންނާއި، އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް މިހާރު ކުރިއަށްދާކަން ފާހަގަކުރަމެވެ." މެންބަރު ފަރޭގެ ޕޯސްޓްގައިވެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭސް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރައިން އެކަށީގެންވާ ވަރަށް ބޭސް ލިބެން ނެތުމުން ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑީއާގައި ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން އެސްޓީއޯގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުނުވެފަ އެވެ.