twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފެންވަރު ދަށްކޮށް ހެދި ބެޑްމިންޓަން ކޯޓުން "ސަލާމަތް" ނުވެވި ޒުވާނުން ރަތަށް

ކޮންމެ އަހަރަކުވެސް ގިނަ މުބާރާތްތަކެއް ކުޅޭ މި ކޯޓްގެ ފެންވަރު ދަށްވުމުގެ ޝަކުވާއަކީ ބޮޑު މައްސަލަ އެކެވެ. މިކަން ޔޫތް މިނިސްޓަރާ ހަމައަށްވެސް ގެންގޮސްފައިވީނަމަވެސް މިހާތަނަށް މި މައްސަލައަށް ހައްލެއް ލިބިފައެއްނުވޭ

އަބްދުލް ވާހިދު ޙަސަން
May 24, 2022
2

ކުޅުދުއްފުށިގައި އޮފީސްތަކުގެ މެދުގައި ބާއްވާ ވާދަވެރި ބެޑްމިންޓަން މުބާރާތް އަންނަ ޖޫން މަހުގެ 1ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތައް ފަރިތަކުރުތައް ކުރިއަށްގެންދާތަން ފެންނަތާ ހައެއްކަ ދުވަސް ވެއްޖެއެވެ. ޓީމުތަކުގެ ހަރަކާތްތައް ގާތުން ބަލައިލުމަށް ކުޅުދުއްފުށީ ގައި ހުންނަ އިންޑޯ ބެޑްމިންޓަން ވަނުމުން އަޅުގަނޑަށް ފެނުނީ މާ އުފާވެރި މަންޒަރެއް ނޫނެވެ.

އެ މަންޒަރުތަކުން ހިތުގައި އުފެދުނީ އެތައް ބައިވަރު ސުވާލުތަކެކެވެ. މި ސިޓީގައި ބޭއްވޭ ފޯރިގަދަ، އަދި އެކަމުގައި އެތައް ބައެއް ބައިވެރިވާ ކުޅިވަރު މުބާރާތަކަށް ޓީމުތައް ޖާނާއި މާލުން ހޭދަކޮށް ކާމިޔާބަށް ވާސިލުވުމަށް ކެނޑިނޭޅި މަސައްކަތްތައް މެކުހަށްޖަހާފައިވާއިރު މުބާރާތް ބާއްވެމަށް "ހާރަކަށްވެސް ތަރާވީހަކަށްވެސް އޮތް" އިންޑޯ ބެޑްމިންޓަން ކޯޓަކީ މިފަދަ މުބާރާތަކަށް އެކަށޭނެ ތަނެއް ހެއްޔެވެ؟ ވުޖޫދުވި ފަހުން އަދި ދެތިން އަހަރުވީ އިންޑޯ ކޯޓުގެ ޙާލަތު މިފެންވަރުގައި އޮންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ މި ލިޔުން މި ދީލާލަނީ މި ދެންނެވި އިންޑޯ ކޯޓުގެ ހާލަތު ބަޔާންކޮށްދިނުމަށެވެ. މިއީ މި ސިޓީއަށް ހައްގު މިންވަރުތޯ އެވެ؟

ތަނުގެ ސައިޒް - އުފަންވިއިރުވެސް ގޯސް

މިއީ ރާއްޖޭގެ އުތުރުން އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ކުޅުދުއްފުށި ސިޓީގައި އޮތް ހަމައެކަނި އިންޑޯ ކޯޓެވެ. ކޯޓުގެ ބިންގާ އަޅައި ތަން އިމާރާތްކުރަން ފެށި އިރުވެސް، ރަށުގެ އާބާދީ އޮތީ ހަމަ ކިރިޔާ ސިޓީއަކަށް ނުވެއެވެ.

ރަށުގެ އަންހެނުންނާއި ފިރިހެނުންގެ ގިނަ ބަޔަކާއި، އަދި ކައިރި ރަށްރަށުންވެސް ބެޑްމިންޓަން ކުޅެން މީހުން، އަންނައިރު މި އިމާރާތުގެ ތެރެއަށް ސާތަރުވެފައި މި އޮތީ ހަމަ އެންމެ ދެ ކޯޓެވެ. ދެ ކޯޓުގެ ދެމުދުގައި 2 ފޫޓުގެ ދުރުމިންވެސް ނެތެވެ. މުބާރާތެއް ބާއްވާއިރު ޓީމަށް ތަރުހީބުދިނުމަށް، ނުވަތަ ކުޅޭތަން ބެލުމަށް މީހުންވަދެ އިށީނދެލާނޭ ނުވަތަ ކޮޅަށް ނަމަވެސް މަޑުކޮށްލާނޭ ޖާގައެއް ނެތެވެ.

ރާއްޖޭގެ އެހެން ރަށްރަށުގައި ގާއިމުވެފައި ހުރި މިފަދަ ތަންތަންވެސް ހުރީ ހަމަ މި ސައިޒުގައިބާއޭ ހިތަށް އަރައެވެ. މީ ހަމަ ކަމަކަށް ކަމެއް ކުރީއޭ ނުބުނެ ދެން ބުނެވޭނީ ވެސް ވަކި ކީކޭ ހެއްޔެވެ؟

ކޯޓުގެ މެޓު އަދި ޕޯސްޓް

މި ސިޓީގައި އިންޑޯކޯޓެއް އިމާރާތްވެ ކުޅުންތެރިން އެތަން ބޭނުންކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް 4 އަހަރުވީއެވެ. އެންމެ ފުރަތަމަ ކުޅުންތެރިން އެ އިމާރާތުގައި ކުޅެންފެށިއިރު މެޓެއް ވެސް ނެތެވެ. އޭރުއްސުރެން އެތަނުގައި ކުޅެމުން އަންނަ ބައެއް ކުޅުންތެރިން ހާމަކުރި ގޮތުގައި، ކުޅުދުއްފުށީގައި ބެޑްމިންޓަން ކުރިއަރުވައި އާލައިކުރުމުގެ މަގުސަދުގައި އެކަމަށް އިސްނެގި ޒުވާނުންތަކެއްގެ މިންނެތް މަސައްކަތުން ތަނުގައި މެޓުއެޅުން ވެގެންދިޔައީ ބެޑްމިންޓަނަށް ލޯބިކުރާ އެންމެންގެ އުންމީދުތަކުގައި ކުލަޖެހި، ރަނގަޅު އިންޑޯކޯޓެއްގައި ކުޅުމުގެ ފުރުސަތު ފަހިވެގެންދިޔަ ކަމަކަށެވެ.

ނަމަވެސް 2019 ވަނަ އަހަރުގެ ފަހުކޮޅު އެޅި މެޓު ހަލާކުވާންފެށީ ދެތިންމަސްވެސް ނުވަނީހެވެ. މެޓުގެ މަތީފަށަލަ ފޮޅިގެން ނެއްޓުމާއި، ގުޅުވާފައިހުރި ބައިތައް ވަކިވެ، ބާގަނޑުތައް ހެދި މެޓު އެހައި އަވަހަށް ހަލާކުވީ އެޅުނު މެޓުގެ ކޮލިޓީދަށްވުމުންބާވައެވެ؟ އިންޑޯކޯޓުގައި އަޅާ މިފަދަ މެޓުތަކަކީ ވަރަށް އަގުބޮޑު އެއްޗަކަށްވާއިރު، ބޮޑު އާބާދީއަކަށް އަމާޒުކޮށް ކުރެވޭ މަސައްކަތްތަކުގައި ކޮލިޓީހުންނަން ޖެހޭނެ ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ.

ހަރަދުކުޑަކުރުމުގެ ބޭނުމުގައި ކޮލިޓީދަށް، އަގުހެޔޮ އެއްޗެހި ބޭނުންކުރުމުން މިހާރު މިޖެހުނީ ވަކި ކޮންތާކުހެއްޔެވެ؟ އަލުން އަނެއްކާ އެ ހަރަދު ދެވަނަ ފަހަރަށްކޮށް އާ މެޓެއް މިއޮތީ ހޯދަންޖެހިފައެވެ. ނަމަވެސް ބެޑްމިންޓަން ކޯޓުގެ މެޓް ހަލާކުވާން ފެށިފަހުން ދެތިން އަހަރު ފާއިތުވެދިޔަ އިރުވެސް ރަސްމީ ސިފައެއްގައި މިކަން ރަނގަޅުކުރުމަށް މަސައްކަތެއް ކުރެވިފައި ނެތުމަކީ ވަރަށް ދެރަކަމެކެވެ.

ތަނުގައި ބަހައްޓާފައިހުރި ނެޓް ޕޯސްޓްގައި ކޮންކްރީޓް ބުޑެއް އޮތުމުން ވަރަށް އައިބެވެ. ރާއްޖޭގެވެސް އަދި އެހެންތަނަކުންވެސް މެޓް ކޯޓެއްގެ މަތީގައި މިފަދަ ޕޯސްޓެއް ބަހައްޓާފައި ހުއްޓައެއް ނުފެނެއެވެ. މިއީ ހަމަ މިކޯޓް އަޅަން ހަވާލުކުރިއިރު އެގްރީމަންޓްގައި އޮތްފަދަ ޕޯސްޓެއް ބާއޭ ހިތަށް އަރަ އެވެ؟.

ހަމަހަމަކަން އޮތުން މުހިންމު

ކުޅުދުއްފުށިގައި ކުޅެނީ ހަމައެކަނި އެންމެ ކުޅިވަރެއް ނޫނެވެ. ނަމަވެސް ބައެއް ކުޅިވަރުތައް ކުރިއެރުވުމަށް ސަރުކާރުން ބޮޑެތި ހޭދަތައްކޮށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ބެޑްމިންޓަންފަދަ ކުޅިވަރުތައް ކުޅެން ބޭނުންވާ މީހުން ތިބެން މި ޖެހެނީ އެޅިހާބަތަކަށް ރިހަވެގެން ހައްގު މިންވަރުކަމަށް ގަބޫލުކޮށްގެންނެވެ.

ބައެއް ކުޅިވަރުތައް ތަރައްގީކުރުމަށް އަހަރަކު އެތައް ޕްރޮޖެކްޓްތަކެއް ހިންގާއިރު ބެޑްމިންޓަން ވެސް މިއޮތީ އެފަދަ ޕްރޮޖެކްޓްތަކަށް އެދި ފެންބޮވައިގެންފައެވެ. ނަމަވެސް ދެރައީ ސަރުކާރުގެ ސަމާލުކަމަށް މިކަންކަން އައިސް އިސްކަމެއް ނުދެވޭތީ، މިއީ އެ ކުޅިވަރު ކުޅޭ އެތައް ޒުވާނުންގެ ކަންބޮޑުވުމެކެވެ.

އަވަސް ހައްލެއް ބޭނުން

މި އިންޑޯ ބެޑްމިންޓަން ކޯޓު ރަސްމީކޮށް ހުޅުވާފައިނުވިނަމަވެސް، އެތަން ބޭނުންކުރަމުން އަންނަ ޒުވާނުން ބޭނުންވަނީ މިހާރު އޮތް ކޯޓަށްވުރެ ހުރިހާ ގޮތަކުންވެސް ފެންވަރު ރަނގަޅު ކޯޓެކެވެ. މުބާރާތްތައް ބޭއްވޭފަދަ ޖާގަ ތަނަވަސް އިންޑޯކޯޓެކެވެ.

ދެތިން ދުވަހުން ހަލާކުނުވާކަހަލަ މެޓެއް އޮތް ކޯޓެކެވެ. އަހަރަކު އެވްރެޖްކޮށް 3 މުބާރާތް ބާއްވަމުން އަންނަ ކުޅުދުއްފުށީ އިންޑޯކޯޓު ހާލަތު ރަނގަޅުވެ ފެންވަރު ރަނގަޅު ކޯޓެއް ގާއިމުވެގެން ދިޔުމަކީ އެތައް ކުޅުންތެރިންނެއްގެ އުންމީދެވެ. މިކަން ނުވެ މި އޮތީ ސަރުކާރަށް ނުވަތަ ޒުވާނުންގެ މިނިސްޓަރަށް މިކަން ނޭނގިގެންނެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355