twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފައިނަލުގައި ފުޓްސަލްގެ ގަދަބާރަކާ ދެކޮޅަށް، އަމާޒަކީ ކުޅުދުއްފުށީގެ ރޫހުގައި މުބާރާތް ކާމިޔާބުކުރުން: ޑޭވިޑް

މުޙައްމަދު އަހުމަދު
Jun 8, 2022

ޓެކާސް މޯލްޑިވްސް ކަޕްގެ ފައިނަލުގައި ފުޓްސަލްގެ ގަދަބާރަކާ ދެކޮޅަށް ނުކުންނައިރު، ޓީމް ކުޅުދުއްފުށީގެ އަމާޒަކީ ކުޅުދުއްފުށީގެ ރޫހުގައި މުބާރާތް ކާމިޔާބުކުރުން ކަމަށް އެޓީމުގެ ކެޕްޓަން އަހްމަދު ދާއޫދު (ޑޭވިޑް) އެވެ.

މިމަހުގެ ދިހަވަނަ ދުވަހުގެ ރޭ ޓެކާސް މުބާރާތުގެ ފައިނަލުގައި ކުޅުދުއްފުށިން ފުޓްސަލްގެ ގަދަބާރު ގދ. ވާދޫއާ ދެކޮޅަށް ނުކުންނައިރު މިދެޓީމަކީ ވެސް މޮޅު ދެޓީމެވެ. މުބާރާތުގެ އެއްވެސް މެޗަކުން މިހާތަނަށް ވާދޫ ބަލިވެފައި ނުވާއިރު ކުޅުދުއްފުށި ބަލިވީ އެންމެ މެޗަކުންނެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ޓީމް ކުޅުދުއްފުށީގެ ކެޕްޓަން ޑޭވިޑް ބުނީ ޓީމު މިހާތަނަށް އައުމުގައި އެންމެ މުހިންމު އެއް ކަމަކީ ހަމަ މި ޓީމުގެ ޓީމް ވޯކްކަމަށާއި ކޮންމެ ކަހަލަ ޓީމެއް ވިޔަސް މައްސަލަތައް ޖެހޭނެ ކަމަށެވެ. އަދި ތަފާތު އެކި ޓީމުތަކާއެކީ މަސައްކަތް ކުރެވިފައިވާއިރު، މި ޓީމުގެ އެންމެ ރިވެތި އެއް ސިފައެއްގެ ގޮތުގައި ޑޭވިޑަށް ފާހަގަވީ ޓީމުގެ ޕޮޒިޓިވް މެންޓާލިޓީ އަދި ވިނިން ސްޕިރިޓްކަމަށް އޭނާ ބުނެފައިވެ އެވެ.

ކުރިމަތިވާ ކުދިކުދި ކޫސަނި މައްސަލަތައް އެއް ފަރާތްކޮށް މައްސަލަ ހައްލު ކޮށް ކުރިއަށް ދިއުމުގެ ރޫހު ވެސް ޓީމުން ފާހަގަވި ކަމަށް އޭނާ ބުންޏެވެ. މުބާރާތުގައި އަޅުގަނޑުމެން އެންމެ ފަހުން ކުޅުނީ މާރޗު 6 ގައި ަކަމަށާއި އެހެންވުމުން މިހާ ބޮޑު ބުރޭކަކަށް ފަހު އަލުން ކުޅެން ޖެހޭތީ ކުޑަ ޑިސްއެޑްވާންޓޭޖެއް އިންނަކަން ޑޭވިޑް ފާހަގަކުރި އެވެ.

އަދި ހަމަ އެހެންމެ ޖަޒީރާ ޗެމްޕިއަންޝިޕްގެ ޕްރެކްޓިސްގެ މެދުތެރެއިން އަޅުގަނޑުމެން ޕްރެކްޓިސްތަކެއްކޮށް ޓީމު ތައްޔާރުވެފައި އޮތް ނަމަވެސް ކުދި އިންޖަރީތައް ޓީމުގައި އުޅޭކަމަށް ޑޭވިޑް ބުނެފައިވެ އެވެ.

"ރާއްޖޭގެ ލެވެލްގައި ކުޅެވުނު އެކި ފުޓްބޯޅަ މުބާރާތްތަކުގެ ފައިނަލުގައި ކުޅުދުއްފުށި އެބަހުރި ކުޅެފައި މަގުލަސް، ޒުވާނުންގެ ޖަމިއްޔާ ޒަމާނުން ފެށިގެން ވެސް. ރާއްޖޭގެ ފައިނަލުގެ ތައްޓާ ހިސާބަށް އަދި ނުދެވި މި ތިބީ. އުއްމީދަކީ އަދި އަމާޒަކީ ﷲގެ އިރާދަފުޅާއެކު މިފަހަރު ކުޅުދުއްފުށީގެ ރޫހުގައި މުބާރާތް ކާމިޔާބު ކުރުން." ކެޕްޓަން ޑޭވިޑް ބުނެފައިވެ އެވެ.

އިދިކޮޅު ޓީމަކީ ފުޓްސަލްގައި ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ، ހުނަރުވެރި ކުޅުންތެރިން ހިމެނޭ އެއް ޓީމުކަމަށާއި ރާއްޖޭގެ މިވަގުތު ހުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ އަޔާ، ޤައުމީ ޓީމުގެ ކީޕަރ ޒައިދާން، ނައްޓު އަދި ޝައުފްމެން ފަދަ ކުޅުންތެރިންނަކީ ރާއްޖޭގެ ނިސްބަތުން ވަރަށް މޮޅެތި ކުޅުންތެރިންކަން ވެސް އޭނާ ފާހަގަކުރި އެވެ.

އެހެންނަމަވެސް ޓީމް ކުޅުދުއްފުށިން މަސައްކަތް ކުރާނީ މީގެ ކުރިއެކޭ ވެސް އެއްގޮތަށް ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވާންކަމަށް ޑޭވިޑް ބުންޏެވެ.
އިދިކޮޅު ޓީމުގެ އަޔާއަކީ ހަމަ ޔަޤީނުން ވެސް ކުޅުދުއްފުށީގެ ޓީމަށް ކުރިމަތިވާނެ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެކަމަށާއި އަދި އެ ޓީމުގެ ކީޕަރު ވެސް އެއީ ހަމަ އަޅުގަނޑުމެންނަށް ޗެލެންޖަކަށް ވާނެކަމަށް ޑޭވިޑް ބުނެ އެވެ.

އަދި ޖުމްލަ ގޮތެއްގައި މުޅި ވާދޫއަކީ ވެސް މޮޅު ޓީމެއް ކަމަށާއި މިހާތަނަށް ވެސް ޓީމު ދަތުރު މި ކުރީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެ ކަންތައްތަކާ ކުރިމަތިލާ އެ ގޮންޖެހުންތަކެއް ކަޑައްތު ކުރުމަށް ފަހުގައި ކަމަށްވުމުން މިފަހަރު ވެސް އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ވާނެކަން ޑޭވިޑް ފާހަގަކުރި އެވެ.

"ޓީމު މި މުބާރާތުގެ ގްރޭންޑް ފައިނަލްއާ ހިސާބަށް އައީތީ މާތް ﷲ އަށް ހަމްދު ކުރަން. ހަމައެއާއެކު ޓީމު މިހާތަނަށް އައުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީ، ސަޕޯޓް ދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަން. ހާއްސަ ގޮތެއްގައި ޓީމާއެކު އަބަދު ވީ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ރައްދު ކުރަން. އަދި ހަމަ އެގޮތަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ އަދި އެންމެހާ މުވައްޒަފުން ޓީމުގެ ކަންތައްތައް ހަމަޖައްސަވައި ދެއްވުމުގައި ކޮށްދީފައިވާ ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން." ޑޭވިޑް ބުނެފައިވެ އެވެ.

ﷲ ގެ އިރާދަފުޅާއެކު ހުރިހާ ކުޅުންތެރިންގެ އަޒުމު ވެސް ހިފާފައި މި ހުރީ މި މުބާރާތް ކާމިޔާބުކޮށް ކުޅުދުއްފުއްޓަށާއި މުޅި އުތުރަށް ރީތި ނަން ހޯދައި ދިނުމަށް ކަމަށް ޑޭވިޑް ބުނެފައިވެ އެވެ.

ކުޅުދުއްފުއްޓާއި ވާދޫ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 10 ވަނަ ދުވަހުގެ ރޭ 20:30 ގައި މާލޭ ކުޑަ ހެންވޭރު ފުޓްސަލް ދަނޑުގަ އެވެ. މިމެޗު ވެގެންދާނީ ކުޅުދުއްފުށީގެ ފުޓްސަލް ތާރީހުގައި ވެސް ވަރަށް ހާއްސަ މެޗަކަށެވެ. ކުޅުދުއްފުއްޓަށް މީގެކުރިން މިކަހަލަ މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355