twitterviber whatsapp telegramfacebookyoutube instagram
1st May 2024

ވޮލީކޯޓް، ހާވާލި ގޮތަށް އޮތީ!

ނަބީލާ އިސްމާޢީލް
Aug 11, 2022
10

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި އަބަދުވެސް މީހުން ގޮސް މެދުނުކެނޑި ކުޅޭ އެއް ކުޅިވަރަކީ ވޮލީ ކަމާމެދު ދެބަހެއް ނުވެވޭނެ އެވެ. އެތަނަށް މީހުން ދަނިކޮށް އެ ދެ ކޯޓަށް މިދިޔަ އެޕްރީލް މަސްތެރޭ ވެލިތަކެއް އަޅައި ފުނި ޖަހައި ހާވާލިގޮތަށް އެތަން އޮތީ އެވެ.

އެއީ، އެ ދެ ވޮލީކޯޓް ތަރައްގީކުރުމަށެވެ. ޔޫތް މިނިސްޓްރީން ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވާ ޒަމާނީ ފެންވަރުގެ އައުޓްޑޯ 2 ވޮލީކޯޓް ތަރައްގީ ކުރުމަށް ކޯޕައިން އިންވެސްޓްމެންޓް ކިޔާ ކުއްފުންޏަކާ މިދިޔަ އަހަރު 04 ނޮވެމްބަރުގައި އެގްރިމެންޓްގައި ސޮއިކޮށް، އެ ކުންފުންޏާ ސައިޓް ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ.

އެގްރިމެންޓްގައިވާގޮތުން ސައިޓް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހެއެވެ. އަދި މަސައްކަތް ފަށާ ދުވަހުން ފެށިގެން 43 ދުވަސްތެރޭ މަސައްކަތް ނިންމަން ޖެހެއެވެ.

ޔޫތް މިނިސްޓްރީން މިކުންފުންޏާ 3،891،843.00 (ތިންމިލިއަން އަށްލައްކަ ނުވަދިހަ އެއްހާސް އަށްސަތޭކަ ސާޅީސް ތިން ރުފިޔާ) އަށް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށީ، ފިނޭ އަދި ކުމުންދޫގައި ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީކޯޓް އަޅާށެވެ.

ނަމަވެސް މިއަދާ ޖެހެންދެން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ހުރި ދެ ވޮލީކޯޓުގައި އެއްވެސް މަސައްކަތެއް ކުރެވިފައެއްނުވެ އެވެ. އެތަނަށް އަޅާފަހުރި ވެލިފުނިތަކުގައިވެސް މިހާރު ވިނަފަށާ ވިނަ ހެދެނީ އެވެ. ގެނައި ސިމެންތި ކޮޅު ހުރީ ގަނޑުވެފަ އެވެ.


އެގްރިމެންޓްގައިވާ ގޮތުން މަސައްކަތް ފަށަން ޖެހޭ ދުވަހަށް މަސައްކަތް ނުފަށައިފިނަމަ އަދި މަސައްކަތް ނިންމަން ޖެހޭ ދުވަހަށް މަސައްކަތް ނުނިންމައިފިނަމަ އެއްބަސްވުން ކެންސަލްކުރުމުގެ ބާރު މަސައްކަތް ހަވާލުކުރާ ފަރާތަށް ލިބިގެންވެ އެވެ. އަދި ގެއްލުމުގެ އަގު ކަނޑައެޅޭނެ އެވެ.

އަދި އެގްރިމެންޓްގައިވާގޮތުން މަސައްކަތް ހަވާލުކުރާ ފަރާތުގެ ޒިންމާގެ ތެރޭގައި މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުންވެސް ހިމެނެ އެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރު އާތިފާ އަލީ ވިދާޅުވީ އެންމެ ފުރަތަމަ ޕްރޮޖެކްޓް މިނިސްޓްރީން އެވޯޑުކުރިއިރު ހަމަޖެހިފައިއޮތީ ވަށައިގެން ފެންސް ޖެހުމަށްފަހު 1 ވޮލީކޯޓް ތަރައްޤީ ކުރާގޮތަށް ކަމަށެވެ.

ނަމަވެސް ކައުންސިލުން ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން 2 ކޯޓަށް ބަދަލުކުރީކަމަށާއި އެއްބަސް ވެވުނީ އަގަށް ބަދަލުނުގެނެސް ފެންސުގެ ބަދަލުގައި 2 ކޯޓު ޓާފް އަޅައިގެން ތަރައްގީކުރުމަށް ކަމަށެވެ.

"ފުރަތަމަ ތަކެތި ހޯދާފައި ހުރީ 1 ކޯޓްގެ މަސައްކަތް ނިންމޭ ވަރަށް. އެހެންކަމުން ލަސްތަކެއްވި 2 ކޯޓަށް ވާވަރަށް ތަކެތި ގެންނަށް. މިކަން ކައުންސިލާއި ހިއްސާކޮށްފައިވަނީ." އާތިފާ ވިދާޅުވި އެވެ.

އެހެންނަމަވެސް އެއްޗެހި ގެނައި ފަހުން އިތުރަށް ލަސްވި ލަސްވުމުގެ ސަބަބު ކައުންސިލާއި ހިއްސާކޮށްފައިނުވާކަމަށާއި ވަރަށް ގިނަ ފަހަރު ކޮންޓްރެކްޓަރުއާ ގުޅަން މަސައްކަތްކޮށް ނުގުޅިދިޔަ ކަމަށެވެ.

ކޮންޓްރެކްޓަރުއާ ނުގުޅޭ މައްސަލައާއި، މަސައްކަތް ނުފެށި ލަސްވުމުގެ ކަންބޮޑުވުން ސިޓީ އާއި ފޯނުގެ ޒަރީއާއިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެވުނު ކަމަށާއި މީގެ އިތުރުން މޭޔަރު މާލެވަޑައިގެންނެވި ދަތުރުގައި މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކޮށް މިކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވިފަ ވާނެކަމަށެވެ.

އާތިފާ ވިދާޅުވީ މިނިސްޓްރީގެ އެހީތެރިކަމާއެކު މިހާރު ކޮންޓްރެކްޓަރު ވަނީ އަލުން މަސައްކަތްފަށާފަކަމަށާއި އުންމީދަކީ އޮކްޓޯބަރު މަހުގެ ތެރޭގައި މަސައްކަތް ނިންމާލުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355