twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

ނަބީލާ އިސްމާޢީލް
Aug 22, 2022

އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި 2022 ގައި އެ ޕާޓީގެ އަސާސީ ގަވައިދަށް ހުށަހެޅުނު އިސްލާހުތައް ފާސްކޮށްފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ އަސާސީ ގަވާއިދަށް 11 އިސްލާހެއް ހުށައެޅިއެވެ. އެ އިސްލާހުތަކަށް މެމްބަރުގެ މެދުގައި މަޝްވަރާކުރުމަށްފަހު އިތުރު އިސްލާހުތައްވެސް ހުށައެޅިއެވެ.

އޭގެ ތެރެއިން އެއް އިސްލާހަކީ އެމްޑީޕީގެ ތިންކް ޓޭންކެއް އުފައްދަވަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހެވެ. އަދި އެ އިސްލާހަށް ތާއީދު ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އެ އިސްލާހު ފާސްވީ 915 މެމްބަރުންގެ ވޯޓުންނެވެ. އަދި ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ތިން މެމްބަރެކެވެ.

ކޮންގްރެސްގެ ގޮފިތައް އައްޔަން ކުރުމުގައި މިހާރު ވެސް އަމަލު ކުރާ އުސޫލު ބޭއްވުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިސްލާހެއް ހުށަހެޅުއްވި އެވެ. އެ އިސްލާހު ފާސްވީ 901 މެމްބަރުންގެ ވޯޓުންނެވެ. އަދި އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

މީގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސުންނަކީ ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަން ކުރާ ބަޔަކަށް ހެދުމާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރަކު ކޮންގްރެސްގައި ހިމަނަން ވަނީ ހުށަހަޅައިފަ އެވެ. އެ ހުރިހާ އިސްލާހުތަކާއެކު ޖުމުލަ 857 މެމްބަރުންގެ ވޯޓުން އަސާސީ ގަވައިދު މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެޖެންޑާގައި ދެން އޮތީ ނަޝީދު ހުށަހެޅުއްވި ގަރާރުގެ މައްސަލާގައި ބަހުސްކޮށް ގޮތެއް ނިންމުމެވެ.

އެމްޑީޕީގެ މިއަހަރުގެ ކޮންގްރެސްގައި 1178 މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑީޕީން އެންމެ ފުރަތަމަ ކޮންގްރެސްއެއް ބާއްވާފައިވަނީ 2005 ވަނަ އަހަރުއެވެ. އެމްޑީޕީ ރަޖިސްޓްރީވެގެން ހަރަކާތްތެރިވާން ފެށިތާ މިއަހަރުގެ ޖޫން މަހުގެ 26 އަށް ވަނީ 17 އަހަރު ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355