twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރަން ވަނަތައް ކުޅުދުއްފުށީގައި، މޮޓޯ ސްޕޯޓްސް ޓޫރިޒަމެއްގެ ހިޔާލު!

Oct 16, 2022
2

ރޭސިން އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި އެޑިޝަންތަކުގައިވެސް، ސައިކަލު ރޭސްތަކުގައި ރަންވަނަތައް ހޯދާފައިވަނީ ކުޅުދުއްފުށި ރައިޑަރުންނެވެ.

މިއީ ކުޅުދުއްފުށި ޒުވާނުންގެ ޝައުގު ބޮޑު ކުޅިވަރެކެވެ. ކޮންމެ ބުރާސްފަތި ދުވަހުގެ ރެއަކު ވެސް އެ ކުޅިވަރަށް ފަރިތަކުރުން ރަށުގައި އޮވެ އެވެ. މާލޭގައި އޮންނަ ރޭސް ހަރަކާތްތަކާއި މޮޓޯ ސްޕޯޓްސްގެ ހަރަކާތްތައް ބަލަންދާ ކުޅުދުއްފުށި ޒުވާނުން މަދެއް ނުވާނެ އެވެ.

"މާލެ ނޫން ސަރަހައްދެއްގައި ނަމަ، އެ ކަމަށް އެންމެ ބޮޑު ބޭނުމެއް ނޫނީ ޑިމާންޑެއް އޮތީ ކުޅުދުއްފުށީގައޭ ބުނެވޭނީ. މާލެއަށް ވުރެ މި ކޮޅުގަ ގިނަ ވާނެ މޮޓޯ ސްޕޯޓްސް ފޭން ބޭސް އޮތް ވަރު." ކުޅުދުއްފުށި މޮޓޯ ސްޕޯޓްސްގެ އިވެންޓް ކޯޑިނޭޓާ ޖައުފަރު އަލީ ބުންޏެވެ.

ކުޅުދުއްފުށި މޮޓޯ ސްޕޯޓްސްގެ ރައީސް ބިޖީ ވެސް ބުނިގޮތުގައި މާލެ ސަރަހައްދުގައި ގިނައީ ސާކެޓް ރޭސަރުން ނުވަތަ ކާރު ރޭސަރުންނެވެ. އެކަމަކު، ޑްރެގް ރޭސް ޖަހާ ރައިޑަރުން ނުވަތަ ސައިކަލުގައި ރޭސް ޖަހާ މީހުން އެންމެ ގިނަ ވާނީ ކުޅުދުއްފުށީގަ އެވެ.

"ފުރަތަމަ ފަހަރަށް ރާއްޖޭގައި މި ކުޅިވަރަށް މި ވަރުގެ އިންވެސްޓްމަންޓެއް ކުރާއިރު، ޑްރެގް ރޭސް ޖަހާ ކުދިން ގިނަ ވާނީ ކުޅުދުއްފުށީގައޭ، މާލެ ކޮޅުގައި ގިނަވާނީ ސާކެޓް ރޭސް ޖަހާ ކުދިން، އެކަމަކު ކުޅުދުއްފުށީގައި ޑްރެގް ރޭސްއަށް ޓްރެކް ބޭނުންވާނެ." ބިޖީ ބުންޏެވެ.

ޖައުފަރު ދެކޭ ގޮތުގައި ކުޅުދުއްފުށީގައިވެސް ޓްރެކެއް އެޅޭނެ އެވެ. ނޫނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ތާރު މަގެއް ރޭސް ޖަހާ މީހުންނަށް ވަކި ވަގުތުތަކެއްގައި ހާއްސަކޮށްލެވިދާނެ އެވެ. އެކަމަކު އެފަދަ ވަސީލަތެއް ކުޅުދުއްފުށި ރައިޑަރުންނަށް އެބަ ބޭނުންވެ އެވެ.

އެކަމަކު އޭނާ ވެސް ބޮޑަށް އެދެނީ އުތުރުގެ ސަރަހައްދެއްގައި ރައިޑަރުންނަށް މޮޓޯ ސްޕޯޓްސްގެ ބޮޑު އިންފްރާސްޓްރަކްޗާއެއް އޮތުމެވެ. އެއީ އުތުރުގެ ސަރަހައްދުގައި އޭގެ ޓޫރިޒަމެއް އުފެދި، އެހެން ސަރަހައްދުތަކުގެ ރައިޑަރުންނާއެކު އިވެންޓްތައް ބޭއްވޭނެ ވަސީލަތަކަށް ވާނެ އެވެ.

"ޓާސްޑޭ ނައިޓް ބާއްވަނީ ބޮޑަށް ޕްރެކްޓިސްއެއް ގޮތަށް، އިވެންޓަށް ޕްރެކްޓިސް ކުރުމުގެ ގޮތަށް، އެހެން ކުޅިވަރުތައް ގޮތަށް މިއަށް ވެސް ޕްރެކްޓިސް ބޭނުންވާނެތާ، އެކަމަކު ޓްރެކެއް ނެތި، ކޮންމެ ފަހަރަކު މަގު ބަންދުކޮށް ސާފުކޮށް ވަރަށް ދަތި އަސްލު." ޖައުފަރު ކިޔައިދިނެވެ.

ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވެސް ވިދާޅުވީ ކުޅުދުއްފުށި ރައިޑަރުން ރޭސްތަކުގައި ރަނގަޅު ވަނަތަކެއް ހޯދި ނަމަވެސް ރައިޑަރުންގެ އެންމެ މަތީ ފެންވަރު ދައްކާލެވޭނެ މާހައުލެއް ގާއިމުކޮށްދެވިފައި ނެތް ކަމަށެވެ.

"މި ތަނުގައި އަސްލު އެ ކުދިންގެ އެންމެ ހައި ޕޮޓެންޝަލް ދައްކާނެ އެންމެ ރަނގަޅު މާހައުލެއް ނެތް ގާއިމުކޮށްދެވިފައެއް. ކުޅުދުއްފުށީގެ ބިމުގެ ދަތިކަން އޮތުމުން ގާއިމުކޮށްދެވެން ވެސް ނެތް." އަލީ އަހުމަދު ވިދާޅުވި އެވެ.

"
"މި ސަރަހައްދަށް ރޭސިން ޓްރެކް ގެންނަން ބޭނުން، ރަށުގައި ޓްރެކް އަޅަން ބަލާއިރު ރަށުގަ ނެތް ޖާގައެއް، ދެން އޮންނާނީ ކުނބުރުދޫ ކަހަލަ ރަށެއް އެ ކަހަލަ ކުޅިވަރުތަކަށް ހާއްސަކުރުން."
އެމްޕީ ޔާސިރު

އަލީ އަހުމަދުގެ ވެސް ހިޔާލަކީ ކުޅުދުއްފުއްޓާ ކައިރި "އައިޑިއަލް ލޮކޭޝަން" ނުވަތަ ފަޅު ރަށެއްގައި، އެކަމަޑަމީއަކާއި ބޮޑު ޓްރެކް ސަރަހައްދެއް ހިމެނޭ ގޮތަށް މޮޓޯ ސްޕޯޓްސްއަށް ހާއްސަ ކުރުމެވެ.

"މޮޓޯ ސްޕޯޓްސް އެސޯސިއޭޝަނުން މިހާރުވެސް (ކުޅުދުއްފުށީގައި) މި ބާއްވާ މުބާރާތްތަކާއި އިވެންޓްތަކަކީ ވަރަށް ކުއާލިޓީ، އިންތިޒާމު ރަނގަޅު، އެހެންވުމުން މޮޓޯ ސްޕޯޓްސް ޓޫރިޒަމެއް ތަރައްގީ ކުރެވިދާނެ." އަހުމަދު އަލީ ވިދާޅުވި އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވެސް ވިދާޅުވީ ރަނގަޅު ފެންވަރުގެ ރޭސިން ޓްރެކަކާ އެކު މޮޓޯ ސްޕޯޓްސްގެ ހަރަކާތްތައް އުތުރުގެ ސަރަހައްދުގައި އޮތުމަކީ އަބަދުވެސް ކުރެވޭ އުންމީދެއް ކަމަށެވެ.

"މި ސަރަހައްދަށް ރޭސިން ޓްރެކް ގެންނަން ބޭނުން، ރަށުގައި ޓްރެކް އަޅަން ބަލާއިރު ރަށުގަ ނެތް ޖާގައެއް، ދެން އޮންނާނީ ކުނބުރުދޫ ކަހަލަ ރަށެއް އެ ކަހަލަ ކުޅިވަރުތަކަށް ހާއްސަކުރުން." ޔާސިރު ވިދާޅުވި އެވެ.


އެހެންވިޔަސް ދައުލަތަކުން އިސްކަން ދޭން ޖެހިފައި ހުރި އެތައް ހިދުމަތެއް އަދިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުވެފައެއް ނެތެވެ. އެހެންވެ މިއިން ކޮންމެ އުންމީދެއް ހާސިލްކުރުން އަދިވެސް ފެންނަނީ ވަރަށް ދުރުގައި އޮތް ކަމެއް ގޮތުގަ އެވެ. ޔާސިރުވެސް ސިފަކުރެއްވީ "އަމާޒު ހާސިލްކުރަން ބައިވަރު ގޮންޖެހުންތައް އެބަހުރި" ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355