ޒަކާތު ފަންޑުން މި އަހަރު މިހާތަނަށް ބޭސްފަރުވާއަށް 16.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 4 އަހަރުގެ ތެރެއިން ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިއަހަރުގައެވެ.
4 އަހަރުގެ ކާމިޔާބީ: ޒަކާތު ފަންޑު ބޭސްފަރުވާގެ އެހީ#HamaHama4 pic.twitter.com/J5qFoOPNLR
— Ministry of Islamic Affairs (@MVIaffairs) November 19, 2022
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީގެ ގޮތުގައި 2019 ވަނަ އަހަރު 15.8 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. 2020 ވަނަ އަހަރު 6.2 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު 2021 ވަނަ އަހަރު 11.1 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މީގެ އިތުރަށް މިއަހަރުގެ މިހާތަނަށް 16.4 މިލިޔަން ރުފިޔާ ޒަކާތު ފަންޑުން ބޭސްފަރުވާއަށް ވަނީ ހަރަދުކޮށްފައެވެ. މިއާއެކު ހަތަރު އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން ބޭސްފަރުވާއަށް ކުރި ހަރަދުވަނީ 49.7 މިލިއަނަށް އަރާފައެވެ.
ޒަކާތު ފަންޑަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަގީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރާ ފަންޑެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ ހަރަދު ކުރަނީ ވަކި އުސޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ.
ބޭސްފަރުވާގެ ކަންކަމަށް އާންމުގޮތެއްގައި ޒަކާތު ފަންޑުން ފައިސާ ދޫކުރަނީ ކެންސަރު ބަލި، ޓްރާންސްޕްލާންފަދަ ބޮޑެތި ބަލި ތަކަށެވެ.
މީގެ އިތުރުން މުޖުތަމައުގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށްވެސް ޒަކާތު ފަންޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ބައެއް މިސްކިތްތައް އާބާތުރަ ފިލުވުމަށާއި އެނޫންވެސް، ރައްޔިތުންނާ ގުޅުންހުރި ގިނަ ކަންތައްތަކަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.