ވޯލްޑްކަޕުގެ ކާމިޔާބީ އިންސްޓަގްރާމް މެދުވެރިކޮށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހިއްސާކުރުމުން ކުރީގެ ސީއެންއެން ހޯސްޓް ޕިއާސް މޯގަންގެ ފާޑުކިޔުން މެސީއަށް އަމާޒުކޮށް އޭނާގެ ބޮލުގައި ގްލޯޓިންގެ އިލްޒާމް އަޅުވައިފި އެވެ.
ގްލޯޓިން އަކީ އެކެއްގެ ކާމިޔާބީގެ މޮޅުކަން ދެއްކުން ނުވަތަ އަނެކާއަށް ލިބިފައިވާ ނާކާމިޔާބީއެއް އެމީހެއްގެ ކާމިޔާބީއިން ދައްކާ އަނެކާ ދަށްކޮށްލުމެވެ. ޕިއާސް މޯގަން ވަނީ އެ އިލްޒާމް ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މެސީގެ ބޮލުގައި އަޅުވާފަ އެވެ.
މޯގަން އަކީ މެސީގެ ފުޓްބޯޅައިގެ އެންމެ ބޮޑު ރައިވަލް ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން މަޝްހޫރު ފޭނެކެވެ.
ރޮނާލްޑޯއަށް އޭނާގެ ހިތުގައި އޮންނަ ލޯބި ފޮރުވާފައި ނުވާއިރު އަނެއްކޮޅުން ބްރިޓިޝް މީޑިއާ ޝަހުސިއްޔަތު ވަނީ އޭނާއަށް ލިބޭ ކޮންމެ ފުރުސަތެއްގައި މެސީއާ ދެކޮޅަށް ބަސް ބުނެ ފާޑުކިޔުން ރައްދުކޮށްފަ އެވެ.
އެހެންވުމާއެކު އަނެއްކާ ވެސް މޯގަން ވަނީ މެސީގެ ވޯލްޑްކަޕުގެ ކާމިޔާބީއަށް ފަހު ފާޑުކިޔުންތަކެއް މެސީއަށް އަމާޒުކޮށްފަ އެވެ.
"އޯކޭ، ލިއޮނަލް. އަހަރެމެންނަށް އެނގޭ، ވޯލްޑްކަޕުން މޮޅުވެއްޖެކަން." މެސީގެ އިންސްޓަގްރާމް ޕޭޖުގެ ސްކްރީން ޝޮޓެއް ހިއްސާކުރަމުން މޯގަން ޓްވީޓްކުރި އެވެ. މިހެން މޯގަން ބުނެފައިވަނީ އެންމެފަހުން މެސީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި 6 ޕޯސްޓްވެސް ވޯލްޑްކަޕުގެ ކާމިޔާބީއާ ގުޅިފައިވުމުންނެވެ.
އަދި މިހާރު ތަންކޮޅެއް ބޮޑަށް ދެއްކެނީކަމަށް ބުނެ ގްލޯޓްކުރުމުގެ އިލްޒާމްވެސް ޕިއާސް މޯގަން ވަނީ މެސީގެ ބޮލުގައި އަޅުވާފަ އެވެ. އެހެންނަމަވެސް މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން މިފަހަރުގެ މުބާރާތުގައި ދިޔަ އެވެ. ގޯލްޑަން ބޯލް ވެސް މެސީ ހާސިލްކުރިއިރު އޭނާ ވަނީ އާޖެންޓީނާއަށް 1986 އަށް ފަހު ވޯލްޑްކަޕުގެ ތަށި ވެސް ހޯދައިދީފަ އެވެ.
ދެބަސްވުމެއް ނެތް ހަގީގަތަކީ މެސީ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމެވެ. މިޖީލު ދުށް އެންމެ މޮޅެތި ކުޅުންތެރިންގެ ގޮތުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ނަން ލިޔެވޭނެ އެވެ. ވޭތުވެދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި އެއް ލެވެލްއެއްގައި ކުޅެ މެސީއާއި ރޮނާލްޑޯ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.