twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރާއްޖޭގައި މިހައިތަނަށް ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް، ''ރަން ތާޖު'' ލޯންޗުކޮށްފި

ނަބީލާ އިސްމާޢީލް
Jan 3, 2023
1

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގު ބޮޑު ޤުރުއާން މުބާރާތް، "ރަންތާޖު" އިއްޔެ އިއުލާނުކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޤުރުއާން މުބާރަތަކީ ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ބާއްވާ މުބާރާތެކެވެ.

އިއްޔެ ރާއްޖެ ޓީވީގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މި މުބާރާތް ލޯންޗުކޮށްދިނީ ޔޫތު މިނިސްޓާ އަހުމަދު މަހުލޫފާއި އިސްލާމިކް މިނިސްޓާ އަހުމަދު ޒާހިރު އަލީއެވެ. މި މުބާރާތުން އެއްވަނަ ލިބާ ފަރާތަކަށް 300،000 ރުފިޔާގެ ފައިސާ އިނާމެއް ލިބޭނެއެވެ.

މި މުބާރާތް ލޯންޗުކުރި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓާ އަހުމަދު މަހުލޫފް ވިދާޅުވީ، ކީރިތި ޤުރުއާން ރިތިކޮށް ކިޔަވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަކީ މުހިއްމުކަމެއް ކަމުގައެވެ. އަދި ރާއްޖޭގައި އެހެނިހެން ކަންކަމާ ގުޅޭ މުބާރަތްތަައް ފޯރީގައި ބާއްވާއިރު، ކީރިތި ޤުރުއާނަށް ހާއްސަ މުބާރާތެއް ބޭއްވުމަކީ މުހިންމުކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ މުޅި ރާއްޖެއަަށް ހުޅުވާލައިގެން އަންނަ ރޯދަ މަހު ބާއްވާ މިމުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ޤުރުއާން މުބާރާތަށް ވެގެންދާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އޮޑިޝަންތައް ބާއްވައިގެން ހޮވާލެވޭ ކުދިންނާ އެކު މާލޭގައި ބޮޑު މުބާރާތް ކުރިއަށް ގެންދާއިރު ރާއްޖެ ޓީވީއާ ގުޅިގެން ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވިދާނެ ކަމުގެ އިތުބާރު އޮތް ކަމުގައިވެސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ޤުރުއާން މުބާރާތެއް ބާއްވަން އެންމެ ރަނގަޅު ދުވަސްވަރަކީ ރަމަޟާން މަސް ކަމަށްވާތީ ރޯދަ މަހު ބާއްވާ މިމުބާރާތް ރާއްޖެ ޓީވީއާ ގުޅިގެން ވަރަށް ފުރިހަމައަށް ގެންދެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

މިމުބާރާތުގައި ކުދިން ބައިވެރިކުރުމަށާއި މުބާރާތަށް ހޮވޭ ކުދިންނަށް ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ އޮޑިޝަނުން ހޮވޭ ކުދިންނަށް ވަރަށް ރަނގަޅު ޓްރޭނިންތަކެއްވެސް ދޭނެ ކަމަށެވެ.

އުމުރުން 16 އަހަރާއި 45 އަހަރާ ދެމެދުގެ ކޮންމެ މީހަކަށްވެސް މުބާރާތުގައި ބައިވެރިވެވޭނެ އެވެ. ރާއްޖޭގެ 10 ސަރަހައްދެއްގައި އޮޑިޝަން ހެދުމަށްފަހު މުބާރާތަށް ނެގުމަށް ހަމަޖެހިފައިވަނީ 20 ބައިވެރިންނެވެ.

އޮޑިޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 15 އިން އަންނަ މަހުގެ 15 އަށެވެ. އޮޑިޝަން ކުރިއަށް ދާނީ ކުޅުދުއްފުށި، ށ. ފުނަދޫ، ބ. އޭދަފުށި، އއ. ރަސްދޫ، ދ. ކުޑަހުވަދޫ. ލ. ގަން، ގދ. ތިނަދޫ، ފުވައްމުލައް، އައްޑޫ ސިޓީގެ ހިތަދޫ އަދި މާލޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355