twitterviber whatsapp telegramfacebookyoutube instagram
1st May 2024

ޑަބްލިއުޑީސީ ނެޓްބޯޅަ މުބާރާތް އޮކްޓޯބަރުމަހު، ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ

ނަބީލާ އިސްމާޢީލް
Jul 18, 2023
1

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ކުޅުދުއްފުށީ ކަނބަލުންނަށް ބާއްވާ ނެޓްބޯޅަ މުބާރާތް އޮންނާނީ އަންނަ އޮކްޓޯބަރުމަހު އެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށް އެ ކޮމެޓީން ވަނީ ނިންމާފަ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށް ނިންމާފައިވަނީ މިއަދު އޮތް ކުޅުދުއްފުށީ ޑަބްލިއުޑީސީގެ 109 އާންމު ބައްދަލުވުމުންނެވެ.

މިއަދު އޮތް އެ ކޮމެޓީގެ އާންމު ބައްދަލުވުމުގައި އެ ކޮމެޓީން ބާއްވަން ނިންމާފައިވާ ނެޓް ބޯޅަ މުބާރާތުގައި ވަނަތަކަށް ފައިސާގެ އިނާމު ދިނުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބޭއްވި އެޖެންޑާއަށް ހުށަހަޅާފައިވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށެވެ.

އެހެންކަމުން ބައްދަލުވުމުގައި ބައިވެރިވި މެމްބަރުގެ އަގުލަބިއްޔަތުން މި އަދަދު ވަނީ ފާސްވެފަ އެވެ.

ކުޅުދުއްފުށީގައި ނެޓްބޯޅަ ކުރިއަރުވާ، ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ހޯދައިދިނުމާއި ރަށުގެ ކަނބަލުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރުދިނުމާއި ރަށުފެންވަރުގައި ނެޓްބޯޅައިގައި ވާދަކުރާނެ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި އެ ކޮމެޓީން، ބާއްވާ މި މުބާރާތުގައި 16 އަހަރުން މަތީގެ ކުޅުދުއްފުށީގެ ކޮންމެ ފަރާތަކަށްވެސް ކުޅެވޭނެ އެވެ.

މި މުބާރާތަކީ ހަމައެކަނި ކުޅުދުއްފުށީގެ ކަނބަލުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ކުޅުދުއްފުށީ ކަނބަލެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ ކުޅުދުއްފުށީ މީހެއް ނަމައެވެ. މީގެ އިތުރުން ކުޅުދުއްފުށީ މީހަކާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހުންނަށް މި މުބާރާތުގައި ކުޅެވޭނެ އެވެ.

ރަށުން ބޭރުން ކުޅުންތެރިން ނުގެނެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް، ފެއާ ޕްލޭ ޓީމް، ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އާއި އެންމެ މޮޅު 7 ކުޅުންތެރިން ހޮވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355