twitterviber whatsapp telegramfacebookyoutube instagram
20th May 2024

ހޯރަފުއްޓަށް ހަގީގީ ތަރައްގީ އަންނަ ފަށާނީ ދެން: ރައީސް

އަބްދުލް ވާހިދު ޙަސަން
Jul 19, 2023

ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ ހއ ހޯރަފުށީގެ ހުރިހާ މަގެއްގައި ތާރު އަޅައިދީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސް ދެއްވާނެކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް މިއަދު ހޯރަފުއްޓަށް ވަޑައިގެން ރައީސް، ވިދާޅުވީ، ހޯރަފުށީގެ ތަރައްގީއަށްޓަކާ އަދިވެސް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި މީހުން ދިރިއުޅެވޭވަރުގެ ރަށަކަށް ހޯރަފުށި ހެދުނީ އަދިކިރިޔާ ކަމަށެވެ. އެހެންވުމުން ހަގީގީ ތަރައްގީ އަންނަ ފަށާނީ ދެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ރަށުގެ ތަރައްގީއަށް ބަލާނަމަ އެއާޕޯޓް އެޅިއްޖެ ކަމަށާއި މިހާރު ހަތަރު އެއާޕޯޓްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށެވެ. އަދި މިދައުރު ނިމުމުގެ ކުރިން އޭގެ އިތުރު ފަސް އެއާޕޯޓެއް މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހޯރަފުށީގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭނެ ކަމަށާއި އެގޮތުން އަންނަ ދައުރުގައި އެރަށުގައި ރޯހައުސް ނުވަތަ ފްލެޓް އަޅާނެ ކަމަށެވެ. އެރަށަށް މިވަގުތަށް އެންމެ މުހިންމު ވެފައިވަނީ ހޮސްޕިޓަލެއް ކަމަށާއި އެ މަސައްކަތްކުރުމަށް ކޮންޓްރެކްޓް ކުރެވި އެ މަސައްކަތް ކުރެވޭނެ ވަރުގެ ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވުމުން ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ލަސްނުވެ ފަށައި ކުރިއަށްދާތަން ފެންނާނެ ކަމަށް ވިދާޅުވި އެވެ. އެރަށުގެ ބައެއް މަގުތަކުގައި ތާރު އަޅައިގެން ހަދައި ނިންމިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންނަ ދައުރުގައި ހޯރަފުށީގެ ހުރިހާ މަގެއްގައި ތާރު އަޅައިދޭނެ ކަމަށެވެ.

ބޭނުމަކީ މުޅި ރާއްޖެއެކީގައި ތަރައްގީކުރުން ކަމަށާއި "ތަން ކޮޅެއްގައި" ކަމެއް ކޮށްލައިގެން ރާއްޖެ ތަރައްގީއެއް ނުކުރެވޭނެ ކަމަށެވެ. ރާއްޖެ ތަރައްގީކުރެވޭނީ ވިސްނުންތެރިކަމާއެކީގައި ބޮޑު ޕްލޭނެއް އޮވެގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355