twitterviber whatsapp telegramfacebookyoutube instagram
17th September 2024

ދެވަނަ ދައުރެއްގައި ދަރަނި ދައްކަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ނަބީލާ އިސްމާޢީލް
Aug 1, 2023

ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، ދަރަނިތައް ދައްކާ ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ށ މިލަންދޫއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ތިން އަހަރު ފަހުން ދައުލަތުގައި ފައިސާ ހުންނާނެ ކަމަށާއި ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ 2028 ގައި އަންނަ ވެރިޔަކަށް ލޯނު ދައްކަން މަތިނުކުރައްވާނެ ކަމަށެވެ.

ލޯނު ނަގަނީ ތަރައްގީގެ ބޮޑެތި އިންވެސްޓްމަންޓުތަކަށް ކަމަށާއި 2026 ވަނަ އަހަރު ރާއްޖޭން ނަގައިފައި ހުރި ލޯނުތައް ދެއްކޭ މިންވަރަށް ފައިިސާ ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"2026 ވަނަ އަހަރުގެ ފަހުން ދިވެހި ދައުލަތުގައި ހުންނާނެ ފައިސާ ލޯނު ދައްކާނެ ވަރަށް. އަޅުގަނޑުގެ ދެވަނަ ދައުރުގައި އިރާދަކުރެއްވިއްޔާ ނިމިގެންދާނީ މި ދެންނެވި ލޯނު ދައްކަން ދެން އަންނަ ސަރުކާރަކަށް ނުޖައްސައި،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހެޔޮ ބަދަލުގެ މައިގަނޑު ސަބަބަކީ މި ފަސް އަހަރުގެ ދައުރުގައި ހަމަނުޖެހުން ހުއްޓާލައި، ހަމަޖެހުމާ އެކު ތަރައްގީ ހޯދަން މަސައްކަތް ކުރެވުނީމައި ކަމަށެވެ.

"މި ފަސް އަހަރު ނިމިގެން މިދަނީ އެއްވެސް މީހަކު ސިޔާސީ ބޭނުމަކު ހައްޔަރެއް ނުކުރޭ، ނޫސްވެރިއަކު ޖަލަކަށް ނުލާ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާކަށް ނުޖެހޭ. އެހެންނަމަވެސް ތަރައްގީގެ މަޝްރޫތައް މި ދަނީ ބާރަށް،" ރައީސް ވިދާޅުވިއެވެ.

އެއަށް ފަހު، ދެވަނަ ދައުރެއްގެ އަމާޒަކީ މުޅި ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލު އައިސް، އިގްތިސާދު ދެގުނަ ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން 2018ގައި ވެރިކަމާ ހަވާލުވިއިރު 81 ބިލިއަން ރުފިޔާގައި އޮތް ރާއްޖޭގެ އިގްތިސާދު މި ދައުރު ނިމޭއިރު 108 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށެވެ.

އިގްތިސާދެއް ހިނގަނީ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މުދަލާއި މީހުން ދަތުރުކޮށް އެ ނިޒާމު ވަރުގަދަވާ މިންވަރަކުންކަަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން ކުރީ އެ މަސައްކަތް ކަމަށެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ ތަރައްގީގެ ޕްރޮޖެކްޓު 2025އަށް ނިމުމާ އެކު ހަތް މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ މަގުފަހިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ގެންނަ ބޮޑު ބަދަލަކީ ކުރިން ވެސް މި ދެންނެވިހެން އިގްތިސާދު ވަށައިޖެހޭ ގޮތަށް ގެންނަ ބަދަލެއް. ރާއްޖޭގެ އިގްތިސާދު ދެގުނަ ވާނޭ މި ބުނާ ވާހަކައަކީ މީ ލިޔެކިޔުމުން ފެންނަން ހުރި ކަންކަން،" ރައީސް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި މިލަންދޫއަށް:

  • މިލަންދޫގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެކަމަށް
  • ކުނި މެނޭޖުކުރުމުގެ ޒަމާނީ ވަސީލަތްތަ ގާއިމްކުރާނެކަމަށް
  • ހައުސިން ޔުނިޓާއި ފްލެޓު އަޅާނެކަމަށް
  • ބިން އިތުރުކުރުމަށް، ޗަކަ ބިން ހިއްކައި ރިވެޓްމަންޓް ޖަހާނެކަމަށް
  • ކުރެވޭވަރު ކަމެއްނަމަ އެއާޕޯޓެއް އެޅުން

ރައީސް ވިދާޅުވީ ށ އަތޮޅުގެ ރަށްތަކުން ފެންނަނީ ރާއްޖެއަށް އަންނަ ހެޔޮ ބަދަލު ކަމަށެވެ. އަދި، އެ ހެޔޮ ބަދަލު މި އަތޮޅުން ބަލައިގަންނަކަން ޔަގީންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއާ އެކު ބޮޑުތިލަދުންމަތިން ފެންނަނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމުގެ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ހަމައެކަނި ށ އަތޮޅުންވެސް އެ ކަން ހާމަވާ ކަމަށެވެ. އެގޮތުން މީގެ ކުރީގެ ސަރުކާރުތަކުން ނުހިންގިހައި ގިނަ މަޝްރޫއު މި ދައުރުގައި ހިންގުނު ކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355