twitterviber whatsapp telegramfacebookyoutube instagram
17th September 2024

މިލަންދޫގައި އެއާޕޯޓު އަޅަން ޓެކްނިކަލް ސާވޭ ހަދަން ނިންމައިފި

ނަބީލާ އިސްމާޢީލް
Jul 31, 2023

ށ މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ޓެކްނިކަލް ސާވޭއެއް ހަދަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ށ އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަންދޫއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިލަންދޫގައި އެއާޕޯޓެއް އަޅައިދިނުމަށް މި ރަށު ރައްޔިތުންނާއި ކައުންސިލުން ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެކަމުގެ ޓެކްނިކަލް ސާވޭ ހެދުމަށްފަހު، އަދި އެއީ ކުރެވޭ ކަމެއްތޯ ބެލުމަށްފަހު އެއާޕޯޓު އެޅުމާ މެދު ގޮތެއް ނިންމާނެ ކަމަށް ރައީސް ސޯލިހު މިރޭ އިއުލާނުކުރެއްވި އެވެ.

"އެއީ އެއާޕޯޓެއް އެޅޭނެ ތަނެއްތޯ އަޅާ ނަމަ، ކޮން ކަމެއްތޯ ކުރަން ޖެހޭނީ. އަޅުގަނޑު އެކަން އަސްލަމްއާ ހަވާލު ކުރާނަން. އެއަށް ފަހު، އެއީ ކުރެވޭ ވަރު ކަމެއްތޯ ބެލުމަށް ފަހުގައި އެއާ ބެހޭ ގޮތުން އަޅުގަނޑު ނިންމުމެއް ނިންމާނަން." ރައީސް ވިދާޅުވިއެވެ.

ށ އަތޮޅުގައި ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ހިންގަމުން އަންނަކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގޮތް ނިންމާނީ ތި ރައްޔިތުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިލަންދޫގައި މިހާރު ވެސް ބަނދަރު ބޮޑުކޮށް ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަގުތައް ހެދުން ފަދަ ބޮޑެތި މަޝްރޫއުތައް ހިނގަމުން އަންނަ އިރު، އެކަންކަން ނިމެން ވަގުތު ނަގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ސިގުނަލެއް ރައީސް ދެއްވިއިރު ށ. އަތޮޅުގައި މިހާރު ވެސް އެއާޕޯޓެއް އޮވެއެވެ. އެއީ މިލަންދޫން ފުރައިގެން 15 މިނެޓެއް ހާއިރު ތެރޭގައި ދެވޭހާ ކައިރީގައި އޮންނަ ށ. ފުނަދޫގައި އޮންނަ އެއާޕޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355