twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދަމަނަވެށީގެ މަސައްކަތް ހަވާލުކުރިތާ 11 މަސް، އަދި ފައުންޑޭޝަންވެސް އަޅާނުލެވޭ!

އަބްދުލް ވާހިދު ޙަސަން
Aug 8, 2023
5

ކުޅުދުއްފުށީގައި ދަމަނަވެށި އަޅަން ބަޔަކާ ހަވާލުކުރިތާ މިއަދަށް 11 މަސްވެފައިވާއިރު އެތަނުގެ ފައުންޑޭޝަންވެސް އަޅާލެވިފައެއްނުވެ އެވެ.

ނޯތް ކޯސްޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެކު ދަމަނަވެށި އިމާރާތް ހަދަން ހެލްތް މިނިސްޓްރީން ހަވާލުކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 8 ވަނަ ދުވަހު އެވެ.

ސައްބީސް މިލިއަން ހަ ލައްކަ ނުވަދިހަތިންހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ ތޭވީސް ލާރި (26،693،380.23) އަށް ނޯތް ކޯސްޓު ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 420 ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

އެކަމަކު އެމަސައްކަތް ހަވާލުކުރިތާ އަހަރެއްވާން ކައިރިވެފައިވާއިރު އެތަން ކޮޅުން ފިޔަވާ އިތުރު އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ އިންތިހާބު ދާދި ގާތްވެފައިވަނިކޮށް، އިމާރާތުގެ އަމަލީ މަސައްކަތް ފެށި މިތަނުގެ ކޮންކުރީޓް މަސައްކަތްކުރުމަށް ކޮނުން ފިޔަވާ އިތުރު އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެ އެވެ.

އެ މަސައްކަތް އެއްގޮތަކަށްވެސް ކުރިއަށްނުދާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެޕްރީލްމަހު ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ދަމަނަވެށީގެ މަސައްކަތް ހުއްޓިފައިވަނީ ހެލްތް މިނިސްޓްރީން ނުވަތަ ސަރުކާރުގެ ސަބަބުން ނޫން ކަމަށެވެ.

އެ މަސައްކަތް ލަސްވަމުންދާތީ އެކަން އަވަސްކުރުމަށް އެކުންފުންޏާއެކު ވާހަކަދައްކާފައިވާ ކަމަށާއި މިނިސްޓްރީއަށް ގެނެސް، މަޝްވަރާކުރެވި އާ ޓައިމްލައިނެއްވެސް އެކުލަވާލައިވާކަމަށް އާދިލް ވިދާޅުވި އެވެ

އާދިލް ވިދާޅުވީ، ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހޭ އެއްވެސް ޕޭމެންޓެއް ނުދައްކަ ނޯނާނެ ކަމަށާއި އެޑްވާންސް ޕޭމެންޓްވެސް އެއްބަސްވުމުގައި ސޮއިކުރިތާ 10 ދުވަސްތެރޭގައި ދައްކާ ނިންމާފައިވާނޭކަމަށެވެ. އެ މަޝްރޫއު އަވަސްކުރުމުގެ ގޮތުން ޑީވޯޓަރިންގއަށްވެސް ސިޓީ ކައުންސިލުން ހުއްދަދީފައިވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެ ސަރަހައްދުގެ އުޅޭ މީހުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، އެތަނުގައި މަސައްކަތްކުރަން 7 ވަރަކަށް ބިދޭސީން އުޅޭއިރު ސުޕަވައިޒަރަކަށް އުޅެނީ އިންޑިޔާ މީހެއްކަމަށެވެ. ކުޅުދުއްފުށީގައި ސަރުކާރު އަޅަން ހަވާލުކުރި ގިނަ ޕްރޮޖެކްޓް ނުފެށި ދިގުދިޔުމަކީ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355