ފުށް ފެކްޓްރީ އަޅަން ކުޅުދުއްފުށި ނޫން އެހެން ރަށެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ އޮފީހުން އެންގެވިކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ދަ ޑިމޮކްރެޓްސް ރިޔާސީ ކެންޑިޑޭޓްގެ ރަނިންގމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯއިން ކުޅުދުއްފުށީގައި ފުށާއި ހަނޑުލުގެ ފެކްޓްރީ އަޅަން ނިންމާ އިއުލާންކުރީ 2022 ވަނަ އަހަރު އެވެ. އެތަނަށް ބޭނުންވާ ބިންވެސް ހަމަ އެއަހަރު ސިޓީ ކައުންސިލުން ހަމަޖެއްސި އެވެ. އަދި ފުށް ފެކްޓްރީ އެޅުމުގެ މަސައްކަތް ހަމަ އެއަހަރު ކުރާނެކަންވެސް ސަރުކާރުގެ ކުންފުނި އެސްޓީއޯއިން އިއުލާނުކުރެއްވި އެވެ. އެކަމަކު މިއަދާ ހަމައަށްވެސް އެ މަސައްކަތް ފަށާފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިހާރު ކުޅުދުއްފުއްޓަށް ކުރައްވާ ދަތުރުފުޅުގައި އަމްރު ވިދާޅުވީ، ފުއް ފެކްޓްރީއެއް އަޅާނެ ތަނެއް ހޯދުމަށް އެންގުމުން އެ ފެކްޓްރީ އަޅަން އޭނާއަށް އެންމެ ކަމުދިޔައީ ކުޅުދުއްފުށި ކަމަށެވެ.
ފުއް ފެކްޓްރީ އަޅަން ތަނެއް ހޯދާށޭ އެންގީ. ދެން އަޅުގަނޑު ހޯދިއިރުގައި އެންމެ ކަމު ދިޔައީ ކުޅުދުއްފުށި. މި ހިސާބުގެ މަތިން [ބޭރުން] އެބަ ދަތުރުކުރޭ ވަރަށް ބައިވަރު ބޯޓް ފަހަރު. ހަމައެކަނި ރާއްޖެއަށް ބޭނުންވާ ފުއް އެކަންޏެއް ނޫން. ރާއްޖޭން ބޭރަށް ފުއް އެކްސްޕޯޓްވެސް ކުރެވޭނެ ގޮތަކަށް މިތަން އެންމެ ރަނގަޅީ އެކަން ކުރަން." ލަންކާ އިން މިސާލު ނައްގަވަމުން އަމްރު ވިދާޅުވި އެވެ.
ފުއް ފެކްޓްރީ އަޅަން ބޭނުންވާ ހުރިހާ ސްޓަޑީއެއް ހަދައި ޑިޒައިންވެސް ކުރި ކަމަށެވެ. އަދި އެ މަސައްކަތްކުރަން ސަރުކާރު "އޯކޭ" ދިނުމަށްފަހު، ކުޅުދުއްފުށީގައި ރައީސަށް ތާއިދު ނެތްކަމަށް ހީވުމުން އެ މަޝްރޫއު ކުރިއަށްގެންދަން އެހެން ރަށެއް ހޯދުމަށް ސަރުކާރުން އެންގި ކަމަށް އަމްރު ވިދާޅުވި އެވެ.
"ދެން އެ މީހުންނަށް [ސަރުކާރަށް] ހީވީ ކުޅުދުއްފުށީގައި ނެތޭ ސަރުކާރަށް ތާއީދެއް. ނެތޭ ހީވެގެން އަޅުގަނޑަށް އެންގީ ކުޅުދުއްފުށި ނޫންތަނެއް ހޯދާށޭ ފުއް ފެކްޓްރީ އަޅަން. އެ މެސެޖް މިއޮތީ އަޅުގަނޑު އަތުގަ ރައީސުލްޖުމްހޫރިއްޔާ ފޮނުވި." އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، ތަރައްގީކުރަން މިއުޅެނީ މީހެއް ނުވަތަ ވަކި ދާއިރާއަކަށް ނޫން ކަމަށާއި މުޅިރާއްޖެއަށް ކަމަށެވެ. ރާއްޖެ ތަނަވަސް ވާނީ އެރަށެއްގެ ހުންނަ މީހާ ތަނަވެސް ވެގެން ކަމަށެވެ.