ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ކުޅުދުއްފުށީގެ އަންހެނުންނަށް ބާއްވާ ނެޓްބޯޅަ މުބާރާތް އަންނަ ނޮވެމްބަރު މަހަށް ފަސްކޮށް، އިތުރު ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް އެ ކޮމެޓީން ހުޅުވާލައިފި އެވެ.
ޑަބްލިއުޑީސީ މިއަދު ކުރިއިއުލާނުގައި ބުނީ ކުޅުދުއްފުށިގައި ދިރިއުޅޭ އަންހެނުނަށް ހާއްސަ ކޮށްގެން "ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ މުބާރާތް، އަންނަ ނޮވެމްބަރ މަހަށް ފަސްކުރެވިފައިވާތީ އިތުރު ޓީމްތައް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ އޮކްޓޯބަރުމަހު އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މުބާރާތް ވަނީ މިހާރު ނޮވެމްބަރު މަހަށް ފަސްކޮށްފަ އެވެ.
މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްމަށްފަހު 30 ސެޕްޓެންބަރު ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ޓީމް ލިސްޓާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާއަށް ފޯމް ހުށައެޅުމަށް ޑަބްލިއުޑީސީން ވަނީ އެދިފަ އެވެ.
އެކޮމެޓީން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފޯމް ހުށައަޅާ ތަރުތީބުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 8 ޓީމަށް ކަމަށެވެ.
ކުރިން ރަޖިސްޓްރީވެ ޓީމް ލިސްޓް ހުށައަޅާފައިވާ ޓީމްތައް އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށްވެސް އެ ކޮމެޓީން ބުނެ އެވެ.
ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށް ނިންމާފައިވާ މި މުބާރާތުގައި 16 އަހަރުން މަތީގެ ކުޅުދުއްފުށީގެ ކޮންމެ ފަރާތަކަށްވެސް ކުޅެވޭނެ އެވެ.
މި މުބާރާތަކީ ހަމައެކަނި ކުޅުދުއްފުށީގެ އަންހެނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ކުޅުދުއްފުށީގެ އަންހެނެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ ކުޅުދުއްފުށީ މީހެއް ނަމައެވެ. މީގެ އިތުރުން ކުޅުދުއްފުށީ މީހަކާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހުންނަށް މި މުބާރާތުގައި ކުޅެވޭނެ އެވެ.
ރަށުން ބޭރުން ކުޅުންތެރިން ނުގެނެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް، ފެއާ ޕްލޭ ޓީމް، ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އާއި އެންމެ މޮޅު 7 ކުޅުންތެރިން އަދި އުމުރުން އެންމެ ދޮށީކުޅުންތެރިޔާ ހޮވާނެ އެވެ.