twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީގައި ހިނގަމުންދާ ވައްކަންތައް ގުޅެނީ މަސްތުވާތަކެއްޗާ: ސިޓީ ޕޮލިސް

އަބްދުލް ވާހިދު ޙަސަން
Dec 19, 2023
5

ކުޅުދުއްފުށީގައި ހިނގަމުންދާ ސިލްސިލާ ވައްކަންތައް ގުޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ވައްކަމުގެ މައްސަލަތަކުގައި އިއްޔެއާހަމައަށް އެފަދަ 13 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެ އެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ އެކްޓިންގ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން އަހުމަދު ވިދާޅުވީ، ކުޅުދުއްފުށީގައި ހިންގަމުންދާ ސިލްސިލާ ވައްކަންތައް ގުޅިފައިވަނީ މަސްތުވާތަކެތި ގަތުމަށް ފައިސާ ހޯދުމަށްކަމަށް ބެލެވޭކަމަށެވެ.

ވައްކަމުގެ އެކި މައްސަލަތަކުގައި މީގެ ކުރިން ހުކުމްކޮށް ބަންދުގައި ތިބި ގިނަ ބަޔަކު މިހާރު މުޖުތަމައުގައި އުޅޭކަން ފާހަގަކޮށް ހަސަން ވިދާޅުވީ، އެފަދަ މީހުން ވައްކަންތައް ލީޑްކޮށް ހިންގާކަން ފާހަގަކުރެވޭ ކަމަށެވެ. ވައްކަންތަކާ ގުޅިގެން ހައްޔަރުކުރި ތިން މީހުންނަކީވެސް ތަކުރާރުކޮށް ވައްކަންކުރުމުގެ ރިކޯޑް އޮންނަ މީހުންނެވެ.

ސިލްސިލާ ވައްކަންތަކާ ގުޅިގެން މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާކަން ހަސަން ފާހަގަކުރެއްވި އެވެ. ވައްކަން އިތުރުވުމާ ގުޅިގެން ފުލުހުން އިލްތިމާސްއަކީ ވިޔަފާރިކުރާ ތަންތަން ބަންދު ވަގުތުގައި އެތަނުގައި އެއްވެސް ވަރަކަށް ފައިސާ ނުބެހެއްޓުމާއި ސީސީޓީވީ ކެމެރާ ރަނިންގގައި ބެހެއްޓުމެވެ.

އަދި ގޭބިސީތަކާއި އެހެނިހެން ތަންތަނުގެ ދޮރުތައް ފަސޭހައިން ހަލާކުކޮށްނުލެވޭ ގޮތަށް ހެދުމަށާއި ނުއަގުގައި ވިއްކާތަކެތި ނުގަތުމަށެވެ.

ކުޅުދުއްފުށީގައި މި ފަހުން ހިންގި ވައްކަންތަކުގެ ތެރޭގައި ހިމެނެނީ ފިހާރައިގެ ދޮރަށް ގެއްލުންދީފައިވާ ތިން މައްސަލައަކާއި ފިހާރައިގެ ސޭޓަށް ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރުނު އެއް މައްސަލައަކާއި ރެސްޓޯރަންޓަކުން ވައްކަންކޮށްފައިވާ މައްސަލައަކާއި ބައެއް ގެތަކުން ވައްކަންކޮށްގެން ހުށަހަޅާފައިވާ 7 މައްސަލައަކާއި ފިހާރައެއް ފަޅާލަން އުޅުނު މައްސަލައެއް އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355