twitterviber whatsapp telegramfacebookyoutube instagram
28th April 2024

ދެތިން ދުވަސްތެރޭގައި ފޮނުވަން ބުނި އިންޖީނު ދިހަ ދުވަސްވީއިރުވެސް ނުލިބޭ

އަބްދުލް ވާހިދު ޙަސަން
Mar 25, 2024
9

ކުޅުދުއްފުށިން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމަށް ދެތިން ދުވަސްތެރޭގައި ފޮނުވަން ބުނި އިންޖީނު ދިހަ ދުވަސްވެގެންދިޔައިރުވެސް ކުޅުދުއްފުއްޓާ ހަމައަށް ފޯރާފައިނުވާތީ ޝަކުވާ އިތުރުވެއްޖެ އެވެ.

ކަރަންޓް ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން 800 ކިލޯވޯޓްގެ އިންޖީނެއް ކުޅުދުއްފުއްޓަށް ދެ ތިން ދުވަސްތެރޭގައި ފޮނުވާ، މައްސަލަ ހައްލުވާނެކަމަށް ފެނަކަ އިން ބުނެފައިވަނީ މިމަހު 15 ވަނަ ދުވަހު އެވެ.

"ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމުގެ ގޮތުން މިހާރު އިމެޖެންސީ ޕްރޮކިއުމެންޓް އުސޫލުން 800 ކިލޯވޯޓްގެ އިތުރު އާ ޖެނެރޭޓަރ ސެޓެއް ހޯދުމުގެ މަސައްކަތް ވަނީ ފެށިފަ. މި 800 ކިލޯވޯޓްގެ ޖެނެރޭޓަރ ސެޓް ދެ ތިން ދުވަސްތެރޭގައި ރަށަށް ފޯރުކުރެވި މިހާރު ކަރަންޓް ކަނޑަމުންދާ މައްސަލައަށް ހައްލެއް ގެނެވޭނެ." ކޭއޯއަށް ފެނަކަ މީޑިއާ އޮފިޝަލަކު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ހަމަ އެދުވަހު ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ޒުހުރީ ކޭއޯއަށް ވިދާޅުވީ، ވަގުތީ ހައްލެއްގެ ގޮތުން މާލޭގައި ހުރި 800 ކިލޯވޯޓްގެ ޖެން ސެޓެއް ކުޅުދުއްފުއްޓަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން 1.2 މެގަވޯޓްގެ އިންޖީނެއް އިންޑިޔާ އިން ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި 1.2 މެގަވޯޓްގެ އިންޖީނު ދެ ހަފުތާއެއްގެ ތެރޭގައި ކުޅުދުއްފުއްޓަށް ފޮނުވޭވަރުވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ޒުހުރީ ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް އިންޖީނު ފޮނުވުން ލަސްވަނީ ކީއްވެގެންތޯ ކޭއޯއިން ސުވާލުކުރުމުން ފެނަކަ މީޑިއާ އިން އަދި ޖަވާބެއް ނުދެއްވަ އެވެ. އަދި ޒުހުރީއަށް ގުޅުމުންވެސް ފޯނަން ޖަވާބު ނުދެއްވާތީ އެކަން ވަނީ ސާފުނުވެ އެވެ.

ރޯދަމަސް ފެށުމުގެ ކުރިން ފެށިގެން ކަރަންޓް ކެނޑެން ފަށާފައިވާއިރު މިހާ ގިނަ ދުވަސްވެގެން ދިޔައިރުވެސް އެކަން ހައްލުކުރަން ފެނަކަ އިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ ރައްޔިތުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ކުޅުދުއްފުއްޓަށް ކަރަންޓް ދިނުމަށް 7 އިންޖީނު ބޭނުންކުރާއިރު މިދުވަސްވަރު ކަރަންޓް ކަނޑަން ޖެހެނީ ހޫނު ގަދަވުމުގެ ސަބަބުން ލޯޑް ނުހިފެހެއްޓޭތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355