- ކުރީގެ ސަރުކާރުން ކުޅުދުއްފުށީގައި ހަދަން ފެށި އާ އިންޖީނުގެ އަކީ ބަޔަކާ ހަވާލުކޮށްގެން 30 މިލިއަން ރުފިޔާއަށް ނިންމެން އޮތް މަސައްކަތެއް ނަމަވެސް މިހާރު މިހާތަނަށް އެ އިންޖީނުގެއަށް 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވޭ.
ކުރީގެ ސަރުކާރުން ކުޅުދުއްފުށީގައި ހަދަން ފެށި އާ އިންޖީނުގެ އަކީ ބަޔަކާ ހަވާލުކޮށްގެން 30 މިލިއަން ރުފިޔާއަށް ނިންމެން އޮތް މަސައްކަތެއް ނަމަވެސް މިހާރު މިހާތަނަށް އެ އިންޖީނުގެއަށް 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އާ އިންޖީނުގޭގެ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހު، 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހަދަން ފެށި އިންޖީނުގޭގެ މަސައްކަތް އޭރު ހަވާލުކޮށްފައިވަނީ އުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
އެހެންނަމަވެސް ފަހުން ކޮންޓެކްޓަރާއެކުވެފައިވާ އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތްކުރަމުންދިޔައީ އިންހައުސްކޮށް ފެނަކަ އިންނެވެ. އެކަމަކު ދައުރު ނިންމުނުއިރުވެސް އިންޖީނުގެ މަސައްކަތް ނިންމާލެވިފައެއްނުވެ އެވެ.
ކޭއޯގައި ވާހަކަދައްކަވަމުން ފެނަކަ އެމްޑީ މުއާޒް ވިދާޅުވީ، ކުޅުދުއްފުށީ އިންޖީނުގެއަކީ މާކެޓް އަގުގައި 30 މިލިއަނަށް ނިންމާލެވޭނެ މަސައްކަތެއް ނަމަވެސް މިހާތަނަށް 45 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، 45 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާއިރު ނިންމާލެވިފައިވަނީ އިންޖީނުގޭގެ އެންމެ 45 އިންސަތަ ކަމަށެވެ.
"ކުރީގެ ސަރުކާރުން މިހާވަރަށް ބޮޑަށް އިސްރާފުކޮށްފަ އޮތްކަން. 30 މިލިއަން ރުފިޔާއަށް ނިމޭތަނެއް 45 މިލިއަން ރުފިޔާ ހަރަދުކުރިއިރު ނުނިމޭކަން. ދެބައިކުޅަ އެއްބައިވެސް ނުނިމޭ." ފެނަކަ އެމްޑީ ވިދާޅުވި އެވެ.
45 މިލިއަން ރުފިޔާ އެ މަޝްރޫއަށް ހަރަދުކޮށްފައިވާއިރު ފައިސާ ދީފައިވަނީ މުވައްޒަފުންގެ މުސާރައަށާއި ކެއިން ބުއިމުގެ ބައެއް ބިލްތަކަށް އެކަނި ކަމަށް މުއާޒް ވިދާޅުވި އެވެ.
ކުރަން ނުޖެހޭ ބޭކާރު ހަރަދު އިންޖީނުގޭގެ މަސައްކަތަށް ކޮށްފައިވާއިރު ކްރޭން ކުއްޔަށް ނަގާ ކުންފުންޏަށް ދައްކަން ޖެހޭ ބޮޑެތި ބިލްތަކެއް ހުރީ މިއަދާ ޖެހެންދެންވެސް ނުދައްކަ އެވެ. ކޯރު ކޮންނަ ކުންފުންޏަށާއި ސަޕްލަޔަރުން އަތުން ނަގާފައިވާ ތަކެއްޗަށް ފައިސާ ދައްކާފައިނުވާކަމަށް މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކަރަންޓް މެދުކެނޑޭ މައްސަލަ ހައްލުކުރުމުގައި ލަސްތައްދިމާވީ މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުން މީހުން ލައްވާ މަސައްކަތްކުރުވާ ފައިސާ ނުދީ ހުރުމުން ކަމަށެވެ.
އެކަމަކު އަޅުގަނޑުމެން މި ދަރަނިވެރިކަމާއެކީވެސް ރަށްރަށް މި ފޯރުކޮށްދެންޖެހޭ ހިދުމަތް ފޯރުކޮށްދޭނަން. މި ކަމަށް ހޯދަން ޖެހޭ ޖެންސެޓްތަކާއި ޓްރާންސް ފޯމަރުތަކާއި. ލަސްކަމެއް މި އުޅެނީ މި ދަރަނީގެ ތެރެގައި އުޅޭތީ، ނަމަވެސް އެއީ އަޅުގަނޑުމެން ބަހަނާއަކަށް ބަލާ ކަމެއް ނޫން. ކުޅުދުއްފުށީގެ މި ހާލަތުވެސް އަޅުގަނޑުމެން ރަނގަޅުކުރާނަން." ފެނަކަ އެމްޑީ ވިދާޅުވި އެވެ.
މުއާޒް ވިދާޅުވިގޮތުގައި މީހުން ލައްވާ މަސައްކަތްކުރުވާ 45 މިލިއަން ރުފިޔާ އިން ކުންފުނި ދަރުވާލާފައިވާ ކަމަށެވެ.
"ފައިސާ ނުދައްކާ މީހުން ލައްވާ މަސައްކަތް ކުރުވާފަ 45 މިލިއަން ރުފިޔާ އެ އޮތީ ކުންފުނި ދަރުވާލާފަ. 45 މިލިއަން ރުފިޔާ ދާން ނުޖެހޭ ތަނަކަށް 45 މިލިއަން ރުފިޔާ ގޮސްފަ މި އޮތީ. ދިޔަ އިރުގައި [އިންޖީނުގެ] ނިމުން ނަމަވެސް ރަނގަޅު."
މުއާޒް ވިދާޅުވީ، ކުރީގެ ސަރުކާރު ނުދައްކާ ހުރި ގިނަ ބިލްތަކެއް ދައްކައި އިންޖީނުގޭގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މުވައްޒަފުން ހޯދައި މަސައްކަތް އަވަހަށް ފަށައި ނިންމާލަން ޕްލޭންކޮށްފައިވާކަމަށެވެ.
ކުޅުދުއްފުށީގެ އާ އިންޖީނުގެ ވެސް ވުޖޫދަށްގެންނާނަށް ކަމަށާއި ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތުވެސް އިރާދަކުރެއްވިއްޔާ އެއްކޮށް ރަނގަޅުކުރާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.
" 45 މިލިއަން ހަރަދުވިއިރު ގައިމު ކޮންމެވެސް ބައެއްގެ ޖީބަށް ހުންނާނީ މި އެއްޗެހި ތައް ގޮސްފަ. ކުރީގެ ރައީސުން ކުންފުނިތަކަށް ބޮޑެތި ހިޔާނާތްވެފައި މި ހުރީ. ކުންފުނި ބަނގުރޫޓްކޮށްފަ މި ހުރީ."