ކުޅުދުއްފުށީ އިންޖީނުގޭގައި ފަހުން ދިމާވި ދެ ހާދިސާއާ ގުޅިގެން ތިން މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
ފެނަކަ އިން ބުނީ، މިމަހުގެ 14 ވަނަ ދުވަހު އެޗްވީ ކޭބަލެއްގައި ރޯވި މައްސަލައިގައި އާއި 15 ވަނަ ދުވަހު ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދި މައްސަލައިގައި މިހާތަނަށް ތިން މުވައްޒަފުން 14 ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
ތިން މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އިދާރީ މުވައްޒަފަކާއި ޓެކްނީޝަނެއްގެ އިތުރުން އޭރު ހިންގުމާ ހަވާލުވެހުންނެވި އެސިސްޓެންޓް މެނޭޖަރު އަބުދުލްހަމީދެވެ.
ކުޅުދުއްފުށީ އިންޖީނުގޭގައި 14 އަދި 15 ގައި ހިންގި ހާދިސާތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ކުރިންވެސް ވަނީ ބުނެފަ އެވެ.
އަދި އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާނަމަ އެފަރާތްތަކާމެދު އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅާނެކަމަށް ފެނަކައިން ބުނެފައިވެ އެވެ. ދެ ހާދިސާ އަދިވެސް އަންނަނީ ބަލަމުންނެވެ.
ކުޅުދުއްފުށިން ކަރަންޓް މެދުކެނޑޭތާ ދެ މަހަށްވާން އުޅެނިކޮށް އާ އިންޖިނެއް ބަހައްޓާ މައްސަލަ ހައްލުކުރީ 14 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައިކަމަށް ފެނަކައިން ބުނެ އެވެ. އެކަމަކު އެދުވަހު މެންދުރު އެޗްވީ ކޭބަލެއްގައި ރޯވެ މުޅި ރަށުން ކަރަންޓް ކެނޑުނެވެ.
ކުޅުދުއްފުށީގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އިއްޔެ ހަވީރު ސްޓެލްކޯގެ ތަޖުރިބާކާރު ޓީމެއް ހަރަކާތްތެރިވަމުންދާއިރު ރޭގެ ވަގުތެއްގައި ކަރަންޓްގެ މައްސަލަ ހައްލުކުރި އެވެ. އެހެންނަމަވެސް އަނެއްކާވެސް މިއަދުގެ ހެނދުނުގެ ވަގުތެއްގައި 1 މެގަވޯޓްގެ އިންޖީނެއްގެ ޑައިނަމޯ ހަލާކުވެ މުޅި ރަށުން ކަރަންޓް ކެނޑުނެވެ. އެކަމަކު މާގިނަ އިރުތަކެއްނުވެ ކަރަންޓް އަލުން ދިނެވެ.
އަދިވެސް ކަރަންޓްގެ މައްސަލަ މުޅިން ހައްލުކުރެވިފައިނުވެ އެވެ. 800 ކިލޯވޯޓްގެ އިންޖީނެއްގެ ފެނަލްބޯޑްގެ މަސައްކަތްތަކެއް މިހާރުވެސް އަންނަނީ ކުރަމުންކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.