twitterviber whatsapp telegramfacebookyoutube instagram
21st May 2024

ސްކޫލްތަކުގެ އެންމެ ބޮޑު މައްސަލައަކީ އިމާރާތްތައް ނުނިމި ދިގުލައިދިއުން: ފަރުހަތު

އަބްދުލް ވާހިދު ޙަސަން
May 1, 2024
1

ކުޅުދުއްފުށީ ސްކޫލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރަން މިދިޔަ ސަރުކާރު ހަދަން ފެށި އިމާރާތްތައް ނުނިމި ދިގުލައި ދިޔުމަކީ ސްކޫލްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުންކަމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިންތިހާބީ މަޖިލިސް މެމްބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ހުރި ސަރުކާރު ސްކޫލްތަކުގެ އިސްވެރިންނާއި ސީނިއާ މެނޭޖްމެންޓާ ބައްދަލުކުރެއްވުމަށް ފަރޭ ވިދާޅުވީ، ކުރީގެ ސަރުކާރުން ސްކޫލްތަކުގައި ހަދަން ފެށި އިމާރާތްތައް ނުނިމި ދިގުލައި ދިޔުމުގެ ސަބަބުން ޖާގައިގެ މައްސަލަވެފައިވަނީ ސްކޫލްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ކުޅުދުއްފުށީގައި ސްކޫލްތަކުގައި 3000 އަށްވުރެގިނަ ދަރިވަރުން ތައުލީމް ހާސިލްކުރާއިރު ބައެއް ސްކޫލްތައް ހިންގަނީ ދެ ދަންފަޅިއަށެވެ. މިކަމުގެ ސަބަބުން ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތައް ހިންގުމުގައިވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެވެ.

މިދިޔަ ސަރުކާރުން ކުޅުދުއްފުށީގެ ތިން ސްކޫލްގައި ކުލާސް ރޫމް އިމާރާތް ހަދަން ފަށާފައިވާއިރު އެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަހުންނެވެ. އަދި އިތުރު ސްކޫލެއް އިމާރާތްކުރަން މިދިޔަ އަހަރުގެ ބަޖެޓްގައި ހިމެނިނަމަވެސް އެ މަޝްރޫއު ކުރިއަށްގޮސްފައެއްނުވެ އެވެ.

ފަރޭ ވިދާޅުވީ، ގިނަ ދަރިވަރުންތަކެއް ތައުލީމް ހާސިލްކުރާއިރުވެސް މެޑިކަލް އޮފިސަރެއް އެއްވެސް ސްކޫލެއްގައި ނެތް ކަމަށެވެ. އަދި އެފަދަ ފަރުވާއެއް ދެވޭނެ ރޫމެއްވެސް ނެތްކަން ފާހަގަކުރެއްވި އެވެ.

ސްކޫލްތަކުގެ ފުރާޅު ސޯލާކުރެވިފައިވީނަމަވެސް އޭގެ އެއްވެސް ފައިދާއެއް ސްކޫލްތަކަށް ނުވާކަން ފާހަގަކުރައްވަމުން ފަރޭ ވިދާޅުވީ، ސްކޫލްތަކުގެ ކްލާސް ރޫމްތައް ހޫނުގަދަވުމުގެ މައްސަލަވެސް ބޮޑުކަމަށެވެ. އަދި ހޯލްތައް ކުއްޔަށް ދީގެން ލިބޭ ރުފިޔާގެ އެއްވެސް މިންވަރެއް ސްކޫލަށް އަދި ޕީޓީއޭއަށްވެސް ނުލިބޭކަން ފަރޭ ފާހަގަކުރެއްވި އެވެ.

ފަރޭ ވިދާޅުވީ، މި މައްސަލަތައް ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވާނެ ކަމަށެވެ.

ވަކިވަކިން ކުރިއަށްދިޔަ މި ބައްދަލުވުންތަކުގައި ހދ އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލްގެ ބައްދަލުވުންތަކުގައި އުތުރު ދާއިރާގެ އިންތިހާބީ މަޖިލިސް މެމްބަރު މުހައްމަދު ދާއޫދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355