twitterviber whatsapp telegramfacebookyoutube instagram
17th September 2025

ރާއްޖޭގައި ހުޅުވި ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީ ކުޅުދުއްފުށީގައި ހުޅުވައިފި

Sep 17, 2025

މޯލްޑިވްސް އޯތެންޓިކް ކްރާފްސް ކޯޕަރޭޓިވް ސޮސައިޓީއިން ސަކެޕް ޕްލީސް ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށި ސިޓީގައި އިމާރާތް ކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) ރަސްމީކޮށް ހުޅުވައިފި އެވެ.

މި ފެސިލިޓީ ހުޅުވައިދެއްވީ ކުޅުދުއްފުށީ ސައުތް އޭޝިއާ ކޯޕަރޭޓިވް އެވަޔަރަންމަންޓް ޕްރޮގްރާމް، ސަކެޕް، ގެ ޑިރެކްޓަރު ޖެނަރަލް ނޯބޫ ވަންޗަކް އަދި ކައުންސިލް މެންބަރު އަހުމަދު އަބުދުﷲ ގެ އިތުރުން މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާޕާސަން އައިމިނަތު އަބްދުﷲ އަދި ވެމްކޯ އުތުރު ސަރަހައްދު އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރު ޝާތިފް އަލީ އެވެ.

ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ ޕްލާސްޓިކް ފްރީ ރިވަރސް އެންޑް ސީސް (ޕްލީޒް) ޕްރޮޖެކްޓުގެދަށުން ކުޅުދުއްފުށީ ސިޓީގައި ގާއިމްކުރެވުނު މި މެޓީރިއަލް ރިކަވަރީ ފެސިލިޓީއަކީ މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގުޅިގެން ކުރިއަށް ގެންދެވުނު މުހިންމު ބައެކެވެ.

އެމްއާރްއެފްގެ މަސައްކަތްތައް ކުރިއަށްގެންދަނީ މެކްސް އާއި ސިޓީ ކައުންސިލް އަދި ވެމްކޯ އާ މެދުވާ އެއްބަސްވުމެއްގެ ދަށުން، ވެމްކޯ އިންނެވެ.

ސަކެޕްގެ ޕްލީޒް ޕްރޮޖެކްޓްގެ ދަށުން "އިމްޕްރޫވިންގ ދަ ވެލްބީންގ އޮފް ކުޅުދުއްފުށި ޕީޕަލް އެންޑް އޯޝަން ތުރޫ ޕަލާސްޓިކް ޕޮލިއުޝަން ޕްރިވެންޝަން" އަކީ ވޯލްޑް ބޭންކުން ފަންޑު ކޮށްގެން މެކްސްއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިއީ ޕްލާސްޓިކް ކުނިން ލިބޭ ގެއްލުމުން، ކުޅުދުއްފުށީގެ ރައްޔިތުންނަށާއި ވަށައިގެން ވާ ކަނޑު ފަޅު ރައްކާތެރި ކުރުމަށް ހިންގޭ ޕްރޮޖެކްޓް އެކެވެ.

ކުޅުދުއްފުށީގެ މިމެޓީރިއަލް ރިކަވަރީ ފެސިލިޓީގެ ބޭނުމަކީ ކުނި ރީސައިކަލް ކުރުމަށްޓަކައި ތައްޔާރުކުރުމެވެ. މިގޮތުން ޕްލާސްޓިކްއާއި އެލުމީނިއަމް ފަދަ ރީސައިކަލްކުރެވޭ ބާވަތުގެ ކުނި އަދި އެހެނިހެން ބޭނުންކުރެވޭ ކުނިވެސް މެސިންތައް ބޭނުންކޮށްގެން ފިއްތާ ބޭލްކުރެވޭނެއެވެ. އެގޮތުން ކުނިކޮށްޓަށް ޖަމާވާ ގިނަކުނިތަކެއް ރީސައިކަލް ކުރުމަށް ރަށުން ބޭރުކުރެވެންދެން ބެހެއްޓޭނެއެވެ.

މި ފެސިލިޓީގައި ކުނި ބޭލްކުރުމަށް ދެ ބޭލިންގ މެޝިންގެ އިތުރުން ހައިޑްރޯލިކް ޕެލެޓް ސްޓެކަރއާއި ހައިޑްރޯލިކް ޕެލެޓް ޓްރަކް ފަދަ އިކުއިޕްމަންޓްއާއި މުވައްޒަފުންނަށް މަސައްކަތުގައި ބޭނުންވާ ސަލާމަތީ އިކުއިޕްމަންޓްވެސް ދެވިފައިވާނެއެވެ. އަދި މި މަރުކަޒުގައި އޮފީހާއި، ޕޭންޓްރީ އަދި ނަމާދު ކޮޓަރި ވެސް ވާނީ ގާއިމްކުރެވިފައިވެ އެވެ. މީގެ އިތުރުން ކުނި އުފުލުމަށް އެހީތެރިވެދިނުމަށް 4 ރަށު ޕިކަޕް ހަވާލުކުރެވުނެވެ. އަދި މި ފެސިލިޓީ ދެމެހެއްޓެނިވިގޮތަކަށް އޮޕަރޭޓްކުރުމަށްޓަކައި ސޯލާ ހަރުކުރެވިފައިވާނެ އެވެ. މި ފެސިލިޓީ ހިންގުމަށް ޕްރޮޖެކްޓް އިންވަނީ ވެމްކޯގެ މުއައްޒަފުންނަށް ބޭނުންވާ ތަމްރީނު ދީފައެވެ.

އެމްއާރްއެފްގައި ކުރިއަށްގެންދާނެ މަސައްކަތްތަކުގެ ތެރޭގައި:

• ގޭގެއިންނާއި ވިޔަފާރި އަދި މުއައްސަސާ ތަކުން ވަކިކޮށްގެން ގެންނަ ރީސައިކަލް ކުރެވޭ ކުނި އިތުރު ބައިތަކަށް ވަކިކުރުން

• ވަކިކުރެވޭ ކުނި ފިއްތާ، ބޭލްކުރެވޭނެ އެވެ. މިހެންހެދުމުން ކުނި ރައްކާކުރުމަށާއި އުފުލުން ފަސޭހަވެގެންދާނެވެ.

• ބޭލްކޮށްފައިހުންނަ ރީސައިކަލްކުރެވޭ ޕްލާސްޓިކް ފަދަ ތަކެތި ރީސައިކަލް ކުރުމަށް މިފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން.

މެޓީރިއަލް ރިކަވަރީ ފެސިލިޓީގެ މަސައްކަތްތައް އަމަލީ ގޮތުން ފެށުމުން ކުޅުދުއްފުށީ ސިޓީގެ ކުނި މެނޭޖުކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ކުޅުދުއްފިށީ ސިޓީ ކައުންސިލް ރަށުގެ ކުނި މެނޭޖުކުރުމުގެ ހާލަތު ހަރުދަނާކުރުމަށް ކުރިއަށް ގެންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން މި މަޝްރޫއުއަކީ ވަރަށް މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ތެރެއިން މެޓީރިއަލް ރިކަވަރީ ފެސިލިޓީ ގެ އިތުރުން، ޕްލާސްޓިކް ކުނި މަދުކުރުގެ އެތައްހަރަކާތް ތަކެއްހިންގާފައި ވެއެވެ. މިގޮތުންހިންގި މައިގަނޑު ހަރަކާތް ތަކުގެތެރޭގައި:

• "ފަރި އުތުރު" ގެ ނަމުގައި ޕްލާސްޓިކް ކުންޏާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެއް ހިންގުން. މި ކެމްޕޭން އަމާޒުކުރެވިފައިވަނީ ކުނި މެނޭޖުކުރުމުގެ އާދަތައް ބަދަލުކުރުމަށެވެ.

- ހޭލުންތެރި ކުރުމުގެ ގޮތުން މީސް މިޑިއާ މެދުވެރިކޮށް އެކިކަހަލަ މެސެޖްތައް ފޯރުކޮށްދިނުން

- ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތްތައް ހިންގުން

- ކުނި ވަކިކުރުން ހަރުދަނާ ކުރުމަށް ޓްރެއިނިންގ ޕްރޮގްރާމް ހިންގުން

- ޕްރޮޖެކްޓްގެ މުއްދަތު (ދެއަހަރު) ގެ ތެރޭގައި ކުދުއްފުށީގައި ބޭއްވި ކުޅިވަރު އިވެންޓްތަކުގައާއި އަދި ބޮޑުއީދު ކުޅިވަރުގައި ޕްލާސްޓިކް ބޭނުންކުރުން މަދު ކުރުމަށް ސްޕޮންސަރޝިޕް ދިނުން.

- ފޮތި ކޮތަޅު އަދި ކުނިވަކިކޮށްފައި އަޅާނެ ސޯޓިންގ ބޭގްސް ފެހުމުގެ ތަމްރީން ޕްރޮގްރާމްތައް ހިންގުން

- އަޕްސައިކްލިންގ އަދި ރީޔޫސް ކުރުމުގެ ވޯކްޝޮޕްތައް ހިންގުން

- އަންހެނުން މައްސަރު ދުވަސްވަރު ބޭނުންކުރާނެ ރީޔޫސަބަލް އާލާތްތަކާ ބެހޭ މައުލޫމާތާއި ޕީރިއަޑް ކަޕްސް ދިނުން. ހިމެނެއެވެ.

މެކްސް އިން ހިންގި ޕްރޮޖެކްޓް ގެދަށުން އިމާރާތްކުރެވުނު އެމް.އާރް.އެފް ހުޅުވުމަކީ ކުޅުދުއްފުށީގެ ކުނި މެނޭޖުކުރުމުގެ ދަތުރުގައި ހާސިލްވި މުހިންމު ލަނޑުދަނޑިއެއް ކަމުގައިވެފައި، މިއީ ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ކަނޑުތަކަށް އެޅޭ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތްތަކަށް އެހީތެރިވެދޭނޭ ފިޔަވަޅެއްކަމަށް ބެލެވެއެވެ. ސަކެޕް، ވޯލްޑް ބޭންކް އަދި މެކްސް އާއި ވެމްކޯ ފަދަ ޕާޓްނަރުންގެ އެހީތެރިކަމާއެކު، ކުޅުދުއްފުށި ސިޓީ ކައުންސިލުން ދެމެހެއްޓެނިވި އަދި ހަރުދަނާ، ކުނިމެނޭޖްކުރުމުގެ ނިޒާމެއް ރަށުގައި ޤާއުމްކުރުމަށް ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މި ފަދަ ޑޯނަރ ފަންޑްކޮށްގެން ހިންގާ މަޝްރޫއުތަށް ކުރިއަށްގެންދިއުމަށް އެކިއެކި ޖަމިއްޔާތަކާއި ގުޅިގެން ބައިނަލްއަޤުވާމީ ފަންޑިން އޭޖެންސީތަކަށް ޕްރޮޕޯޒަލް ހުށަހަޅާ، އެ ފަދަ ޕްރޮޖެކްޓްތައް ލިބި، ކާމިޔާބުކަމާއެކު ނިމިގެންދިއުމަކީ ކުޅުދުއްފުށީގެ ތަރައްޤީއަށް ލިބިގެންދާ ކުރިއެރުމެކެވެ. ޑޯނަރ އޭޖެންސީތަކާއި ޤައުމީ އަދި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލްއިން ވަނީ ގުޅުން ބަދަހިކޮށް މަސައްކަތްކުރުމަށް މަންސާއެއް ހުޅުވާލާފައިއެވެ. މި ފަދަ މަސައްކަތްތަކަކީ ކުޅުދުއްފުއްޓަށާއި ރަށު ރައްޔިތުންނަށް އެހީއާއި އިތުރު ފުރުސަތުތައް ފޯރުކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރަމުންދާ މުހިންމު މަސައްކަތްތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355