twitterviber whatsapp telegramfacebookyoutube instagram
8th February 2026

ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލުކުރެވިއްޖެ، އެކަމަކު އާންމު ހާލަތަށް ނުދޭ

އަބްދުލް ވާހިދު ޙަސަން
Feb 8, 2026

ކުޅުދުއްފުށީ ކުނިކޮށީގެ ކުނިތަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލުކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް އާންމު ހާލަތަށް އަދި ނުދާކަމުގައި ވެމްކޯ އިން ބުނެފި އެވެ.

ފަރުބަދައެއްހެން ހުންނަ ބޮޑު ކުނިފުނީގައި ހުޅު ހިފާ މިއަދު ގާތްގަނޑަށް ހެނދުނު ގާތްގަނޑަށް 10:30 އެހާއިރު އެވެ. ކޮންޓްރޯލްކުރެވި ހުޅުގަނޑު ފެތުރިގަތީ މެންދުރުފަހު އެވެ. ސިފައިންނާއި އެއާޕޯޓް ފަޔަރުންގެ އެހީތެރިކަމާއެކު އަލިފާންގަނޑު ކޮންޓްރޯލުކުރެވިފައިމިވަނީ ހަވީރު 5:30 އެހާއިރު އެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވިވީނަމަވެސް އަދިވެސް ދަނީ ބޯ ދުން އަރަމުންނެވެ. އެހެންވުމުން ކުނިކޮއްޓަށް ކުނިއުކާލަން ދިޔުން އޮތީ މަނާކޮށްފަ އެވެ.

ޒަމާންވީ އެ ކުނިގޮނޑުގައި ގޭސް އުފެދޭތީ ހޫނު މޫސުމުގައި ވައި ޖެހޭ ދުވަސްތަކުގައި އަމިއްލައަށް ހުޅުރޯވެ އެވެ. މިދުވަސް ކޮޅު އެ ގޮތަށް ހުޅު ރޯވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެގޮތަށް ހިފާ ހުޅު ނިންމާލަނީ ވެމްކޯގެ މުއައްޒަފުން އެކްސްކަވޭޓަރުގައި ކުނިގޮނޑަށް އަރައިގެން ތެތް ކުންޏާއި ޗަސް ކުނި އަރާ ބާރުކޮށްގެންނެވެ.

މިއަދުވެސް އެންމެ ފުރަތަމަ ހުޅު ހިފުމުން ދެ އެކްސްކަވޭޓަރުގެ ބޭނުންކޮށްގެން ކޮންޓްރޯލްކުރަމުންދަނިކޮށް އެތަނުން އެކަތި އިންޖީނު ފެއިލްވެ ކުނި ފަރުބަދަ މަތީގައި ހުއްޓުނީ ކަމަށް ވެމްކޯ ކުޅުދުއްފުށީ ސައިޓް މެނޭޖަރު މުހައްމަދު ޤާސިމް ވިދާޅުވި އެވެ.

" ހުއްޓުނު އެކްސްކަވޭޓަރު ސަލާމަތްކުރަން ގިނަ ވަގުތުތަކެއް ހޭދަވި، އެ ވަގުތުވީ އަލިފާންގަނޑު ފެތުރިގަތުމަށް ލިބުނު ފުރުސަތަކަށް." މުހައްމަދު ޤާސިމް ވިދާޅުވި އެވެ.

އެކްސްކަވޭޓަރު ސަލާމަތްކުރެވުނުއިރު، އަލިފާންގަނޑު އޮތީ ވެމްކޯއަށް ކޮންޓްރޯލް ނުކުރެވޭވަރަށް ފެތުރި ނުރައްކާވެފަ ކަމަށެވެ. އޭނާ ވިދާޅުވީ، ސިފައިންނާއި އެއާޕޯޓް ފަޔަރުންގެ އެހީތެރިކަމާއެކު އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވީނަމަވެސް އާންމުންނަށް ކުނިކޮށި ހުޅުވާލާނީ ބޯދުން އެރުން ކޮންމެވެސް ވަރަކަށް މަދުވުން ކަމަށެވެ.

މުހައްމަދު ޤާސިމް ވިދާޅުވީ، އަލިފާން ރޯވާ މައްސަލަ ހައްލުވާނީ ޒަމާންވީ އެ ކުނިތައް އުކާލެވިގެން ކަމަށާއި އެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށްވެސް ގެއްލުންވެފައެއްނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355