ކުޅުދުއްފުށީގައި އެމްޑީޕީގެ ދިދަ އާއި ބެނާ ޖެހުމަށް ފެނަކައިގެ 400 އަށްވުރެ ގިނަ ހޮޅިދަނޑި ބޭނުންކޮށްފި އެވެ.
މައުލޫމާތު އެނގޭ މީހުން ކޭއޯއަށް ބުނީ، އެމްޑީޕީގެ ކެމްޕެއިނަށް ބޭނުންކުރަމުން އަންނަނީ ކުޅުދުއްފުށީގައި އިމާރާތްކުރާ ފެނަކަ އިންޖީނުގޭގެ އަށި ހެދުމަށް ބޭނުންކުރާ ހޮޅިދަނޑިތައް ކަމަށެވެ.
އެގޮތުން އެކި ފަހަރުމަތިން 400 އަށްވުރެ ގިނަ ހޮޅިދަނޑި ކެމްޕެއިނަށް ބޭނުންކޮށްފައިވާކަމަށެވެ.
ހޮޅިދަނޑިތައް އިންޖީނުގޭގައި ބަހައްޓައިގެން ނެރެނީ އެ ފަހަރަކަށް ބޭނުންވާ އަދަދުގެ ހޮޅިދަނޑި ކަމަށެވެ. އެގޮތުން ހޮޅިދަނޑިތައް ނެރެން އެމްޑީޕީން ދާއިރު އެ މީހުން ތިބެނީވެސް އެ ޕާޓީގެ ޓީޝާޓް ލައިގެން އަދި ޕިކަޕްގައިވެސް އެމްޑީޕީގެ ދިދަ ހަރުކޮށްގެން ކަމަށް އެހެން މީހަކު ކޭއޯއާ ވާހަކަދައްކަމުން ބުންޏެވެ.
" އެ މީހުން އެކަން ކުރާ ސިއްރަކުން ނެެއް ނޫން. ހޮޅި ނެރެން ދާއިރު ތިބެނީ ޕާޓީގެ ޓީޝާޓް، ޕިކަޕްގައިވެސް ހުރޭ ދިދަ ޖަހާފަ. ދުވާލުވެސް ހޮޅި ނެރޭ." މަންޒަރު ފެނުން މީހަކު ކިޔައިދިނެވެ.
ބަނދަރު ސަރަހައްދާއި ބަންޑާރަމަގުގައި ގިނަ އަދަދަކަށް އެމްޑީޕީން ދިދަ ޖަހާފައި އެބަހުއްޓެވެ. އަދި މާދަމާ ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެން ރޭގަނޑު ބާއްވާ ޖަލްސާ ސަރަހައްދު ޒީނަތްތެރިކުރުމަށްވެސް ގިނަ އަދަދަކަށް ފެނަކަ ހޮޅިދަނޑި ބޭނުންކޮށްފައިވެ އެވެ.